24 މާރިޗު 2025 - 05:31 3
އިބްނު ޚަލީލު
އާޓްވޯކް: އިސްމާއީލް އިމްދާދު
24 މާރިޗު 2025 - 05:31 3
މީހުންގެ އަނގަ ބަންދުކޮށް، މީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް ފައިން އަރައިގެން ހުރެ، ކަޅު ފައިސާ އާއި ސިޔާސީ ވަޒީފާ އާއި ގޮށްމުށުގެ ބާރުގައި ދައުލަތް ހިންގުމަކީ ސައްހަ މަގުން ދައުލަތް ހިންގުމެއް ނޫނެވެ.
ރައީސަކަށް ހުރެގެން ނުވަތަ އެނޫންވެސް ނަމެއްގައި ހުރެގެން ދައުލަތެއް ހިންގުން ސައްހަވާ މައިގަނޑު އެއް ޝަރުތަކީ ރައްޔިތުންގެ ރުހުން އޮވެގެން އެ ދައުލަތެއް ހިންގުމެވެ. ރައްޔިތުންގެ ރުހުން އޮތްކަމަށް ބެލެވޭނީ ގާނޫނުއަސާސީއާ ހިލާފުނުވެ ދައުލަތް ހިންގާކަމުގައި ވާނަމަ އެވެ. ރައީސްކަން ކުރުމުގެ ހައްގު އޮންނާނީ އެގޮތުގަ އެވެ. ގާނޫނުއަސާސީގެ ދެލިގަނޑުގެ ތެރޭގައި ރައްޔިތުން ރުހޭ ގޮތަށް ރައީސްކަންކުރާހާ ހިނދަކު އެވެ. ރައްޔިތުން ރައީސްކަން ހަވާލު ކުރަނީ ގާނޫނުއަސާސީއާ އެއްގޮތަށް ދައުލަތް ހިންގާށެވެ. ތިމާގައި ހުރިއްޔާ ހުރި ނުބައި ނުލަފާ ކަމެއް ރައްޔިތުންނަށް ދައްކާކަށްނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ ހިލާފުވެއްޖެ ނަމަ އޮޓަމެޓިކުން އެ ވެރިކަމުގެ ހަލާލުކަން ގެއްލިގެންދާނެ އެވެ.
މުލީއާގެއަށް އިންތިހާބުވުމަކީ ގައުމުގެ ހަޒާނާ ދަވާލައި، ދައުލަތުގެ ނިޒާމު ފުނޑާލަން ރައްޔިތުންދޭ ކުޑަ ސިޓީއެއް ނޫނެވެ.
ދައުލަތް ހިންގުމަށް ބަޔަކު އިންތިހާބުކޮށް ދައުލަތުގެ ކަންކަން ހިންގުމަށް އެ ބަޔަކާ ރައްޔިތުން ހަވާލުކުރުމަކީ ރައްޔިތުން އެބަޔަކަށް ހަވާލުކުރާ ނުހަނު ބޮޑު އަމާނާތެކެވެ. ރައްޔިތުން އިންތިހާބުކޮށްފައިވާ ފަރާތަށް ރައްޔިތުން ހަވާލުކޮށްފައިވާ އަމާނާތަށް އެފަރާތުން ހިޔާނާތްތެރިވެއްޖެ ނަމަ، ނުވަތަ އެ އަމާނާތަށް އެފަރާތުން އުރެދިގެންފިނަމަ، ދައުލަތް ހިންގުމަށްޓަކައި ރައްޔިތުން އެ ފަރާތަށް ދިން ހުއްދަ ބާތިލުވީ އެވެ.
ގާނޫނުއަސާސީއާ ހިލާފަށް ކަންކަން ކުރުމުގެ އިތުރަށް ވެސް، އަމާނާތަށް ހިޔާނާތްތެރިވެވޭ ކިތަންމެ ގޮތެއް ހުރެއެވެ. އެއް ގޮތަކީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ، ދައުލަތުގެ ފައިސާގައި ޖެހުމެވެ. ރައްޔިތުން ހުއްދަ ދީފައި ނެތް ކަންކަމަށް ދައުލަތުގެ ފައިސާ ހޭދަކުރުމެވެ. ރައްޔިތުން ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރަށް ހަރަދުކުރުމެވެ. ރައްޔިތުންގެ ފައިސާ އިސްރާފުކުރުމެވެ. އަމިއްލަ އެދުން ފުއްދުމަށް އެތައްހާސް ސިޔާސީ މަގާމުތައް ހަދައިގެން ދައުލަތުގެ ހަޒާނާއިން އިސްރާފުކުރުމެވެ. ރައްޔިތުންގެ ފައިސާއިން އަމިއްލަ މުހުތާދުތައް ފުއްދުމެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުންނެވެ. ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން މަގާމުގައި ދެމިހުރުމަށް މަސައްކަތްކުރުމެވެ. މަގާމުގެ ނާޖާއިޒު ފައިދާ ހޯދުމެވެ. މަގާމުގެ ނާޖާއިޒު ފައިދާ ތިމާގެ މީހުންނާއި ރައްޓެހިންނާއި ބައިވެރީންނަށް ހޯދައިދިނުމެވެ. މަސްލަހަތު ފުށުއަރާ ކަންކަންކުރުމެވެ. އަމާނާތަށް އުރެދިގަނެވޭ އަނެއް ގޮތަކީ އަދާކުރަންޖެހޭ މަސްއޫލިއްޔަތަށް ފަރުވާކުޑަވުމާއި އިހުމާލުވުމެވެ. ވާނުވާއެއް ނޭނގުމެވެ. އިންތިހާބުކުޅަ ރައްޔިތުންގެ ބާރުވެރިކަމަށް ގޮންޖެހުމެވެ. ރައްޔިތުންގެ ބާރު ގަބޫލުނުކުރުމެވެ. ތިމާއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އުފުލަން ނޭނގުމަކީ ނުވަތަ އެ ކަމުގެ ގާބިލުކަން ނެތުމަކީ ވެސް އަމާނާތަށް ވަފާތެރިނުވެވޭނެ ސަބަބެކެވެ.
ދައުލަތް ހިންގުމުގެ އަހުލާގީ ސައްހަކަމާއި ބާރުވެރިކަން ބީވެގެން ގޮސް ރައްޔިތުންގެ އިތުބާރު ގެއްލުމުން، މަގާމުގައި ދެމިހުރުމަށް ގޮށްމުށުގެ ބާރު ބޭނުންކުރުމާއި، އެކަމަށްޓަކައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމަކީވެސް ހިޔާނާތުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ތިން ބާރު ވަކިވެ، ކޮންމެ ބާރެއްމެ އެ ބާރެއްގެ ގޮޅީގެ ތެރޭގައި މުސްތަގިއްލުކަމާއެކު މަސްއޫލިއްޔަތު އަދާކުރެވޭ ގޮތަށް ކަންކަން އިންތިޒާމުވެފައި އޮތުމަކީ އަމަލުކުރަމުންދާ ގާނޫނުއަސާސީގައި ލިޔެފައި އޮތް ގޮތެވެ. ރައީސުލްކުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ގޮޅިއަށާއި އަދުލު އިންސާފުގެ ގޮޅިއަށް އެރުމަކީ ގާނޫނުއަސާސީ މަނާކޮށްފައި އޮތް ކަމެކެވެ. އެތަންތަނުގެ މަސްއޫލިއްޔަތާ ބެހި ނުފޫޒުފޯރުވުމަކީ ވެސް މަނާކަމެކެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަނެތި ރައްޔިތުންގެ މަޖިލީހަށް ކަންކަން ނުކުރެވޭ ގޮތަށް ކަންކަން ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ކޮށްގެންވާނެ ކަމެއް ނޫނެވެ. މަޖިލީހުގައި ވަކި މެންބަރުންތަކަކަށް މަޖިލީހުގައި ވާހަކަ ދެއްކުން މަނާކުރެވިގެން ނުވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރު ނެތިކޮށްލުމަކީ ރައްޔިތުންގެ ބާރު ގަބޫލުނުކުރުމެވެ.
މަޖިލީހުގެ ރައީސް އެ މަގާމުގައި އެ ހުންނަނީ އަދުތޯ މާދަންތޯވެ ބަސްހުއްޓިފަ އެވެ. މަޖިލީހުގެ މެންބަރުން އެތިބީ އެ މެންބަރުން މަޖިލީހުގައި ވާހަކަ ދައްކާ ގޮތަކުން ނުވަތަ ވޯޓުލާ ގޮތަކުން މެންބަރުކަމުން ކަނޑާލަފާނެތީވެ، ބިރުން ރައްޔިތުންގެ ފަރާތުން އެ މެންބަރެއްގެ ޒަމީރަށް ފެންނަ ގޮތަކަށް މަޖިލީހުގައި ވާހަކަ ދެއްކުމުންނާއި ވޯޓުލުމުން މަހުރޫމުވެފަ އެވެ. ހަގީގަތުގައި ގާނޫނުއަސާސީ އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދިން އިމްތިޔާޒަކީ އަދި ހިމާޔަތަކީ އެ މެންބަރަކު މަޖިލީހުގައި ހިޔާލުފާޅުކުރާ ގޮތަކުން ނުވަތަ ވޯޓުދޭ ގޮތަކުން ކުށްވެރިނުވުމެވެ.
އެ ހިމާޔަތް ޑރ. މުއިއްޒުގެ ސަރުކާރުން އެވަނީ މަޖިލީހުގެ މެންބަރުންގެ ކިބައިން ނިގުޅައިގެންފަ އެވެ. އެ މެންބަރު އިންތިހާބުކުރި ދާއިރާގެ ރައްޔިތުންނަށް ކަމެއް ދަމެއް ކިތަންމެ ބޮޑުވިޔަސް އެ ވާހަކަ މަޖިލީހުގައި މިހާރު ގޮވާލެވޭނީ ޑރ. މުއިއްޒު އެކަމެއް ހުއްދަ ކުރިއްޔާ އެވެ. ހުއްދަ ނެތި އެ ވާހަކައެއް މެންބަރު ގޮވާލައިފިއްޔާ އެ މެންބަރު މަޖިލީހުގެ މެންބަރުކަމުން ކަނޑާލުމުގެ ބާރު މިހާރު ޑރ. މުއިއްޒުއަށް އެބަ އޮތެވެ. މިއީ ދޮގެއްތޯ އެ މެންބަރުންކުރެން ރައްޔިތުން އައްސަވާށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށް އެ ކޯޓުގެ މަސައްކަތްތައް އެއޮތީ ހުއްޓުވާފަ އެވެ. އުއްތަމަ ފަނޑިޔާރާއި ދެންތިބި އެހެން ފަނޑިޔާރުން ވަޒީފާގައި އެތިބެނީ އަދުތޯ މާދަންތޯވެ، ބަނޑާރަނާއިބު އާއި ޖޭއެސްސީގެ ރައީސް ގުޅިގެން އުފައްދާ ސުލޫކީއެއްގެ އިންތިޒާރުގައެވެ. މިނިވަންކަމާއެކު ފަނޑިޔާރުކަން ކުރާނޭ ޖާގައެއް މުއިއްޒުގެ ސަރުކާރުން ކޯޓުތަކަށް ނުދެއެވެ.
މިއީ ދައުލަތެއް އެކުލެވިގެންވާ ނިޒާމު ފުނޑާލުމެވެ. ހަގީގަތުގައި މިއީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމަށްވުރެ މާ ބޮޑު ހިޔާނާތެކެވެ. ދައުލަތުގެ ނިޒާމު ފުނޑާލުމުން އެނިޒާމު އަލުންބަލުން އާރާސްތުކުރަން އެތައް ޖީލެއްގެ މީހުންގެ ލެޔާއި ދާ އަލުން އޮހޮރުވަން ޖެހޭނެއެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ހުއްދަ ދެނީ އޭނާގެ މަސްއޫލިއްޔަތު އަދާކުރަން ކޮންމެހެން ބޭނުންވާ މިންވަރަށް ސިޔާސީ ވަޒީފާ އުފައްދައިގެން އެ ވަޒީފާތަކަށް މީހުން އައްޔަންކުރުމަށެވެ. ރައީސް ޑރ. މުހުއްމަދު މުއިއްޒު ސިޔާސީ މަގާމުތައް އުފައްދައިގެން މީހުންނަށް ވަޒީފާ ދީފައިވަނީ ރައީސްކަމުގެ މަސްއޫލިއްޔަތު އުފުލަން ބޭނުންވާ މިންވަރަށް ވުރެ އިތުރަށްކަން ކޮންމެ ދިވެހިރައްޔިތަކު ވެސް ގަބޫލުކުރާނެ އެވެ. ބައެއް ވަޒީފާތައް އުފައްދާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވާދަނުކުރާ މަތިންނެވެ. އަނެއްބައި ވަޒީފާތައް އުފައްދާފައިވަނީ ރައީސްއަށް ސިޔާސީ ކެމްޕޭންކޮށް ދިނުމުގެ މުގާބިލުގައެވެ. އަނެއްބަޔަކަށް ވަޒީފާ ދީފައިވަނީ ތިމާގެ މީހަކަށް ވަޒީފާއެއް ދިނުމުގެ ބޭނުމުގަ އެވެ. އަނެއްބައި މީހުންނަށް ވަޒީފާދީފައިވަނީ ދައުލަތުގެ ބައެއް މަގާމުތަކުގައި ތިބި މީހުންނަށް ނުފޫޒު ފޯރުވައި އޮބަހައްޓައި ކޮންޓްރޯލްކުރުމުގެ ހަތިޔާރެއްގެ ގޮތުގައެވެ. މިކަންކަމަކީ ދައުލަތުގެ ފައިސާ އަމިއްލަ ކަންކަމަށާއި އަމިއްލަ މަންފާއަށް ބޭނުންކުރުމެވެ.
އަބްދުއްރަހީމް ހިފެހެއްޓުމަށް އަބްދުއްރަހީމްގެ އާއިލާގެ ގާތްތިމާގެ މީހުންނަށް ވަޒީފާ ދިނީއެވެ. ޒަމީރު ހިފެހެއްޓުމަށް ޒަމީރުގެ އާއިލާގެ މީހުންނަށް ވަޒީފާތަކެއް ދިނީއެވެ. މަޖިލިސްގެ މެންބަރުން ހިފަހައްޓައި ކޮންޓްރޯލްކުރުމަށާއި ރުއްސުމަށް ރަށްރަށުގައި އެތައް ހާސް ސިޔާސީ ވަޒީފާތަކެވެ. ސަރުކާރު ކުންފުނިތަކުގައިވެސް ފިނޭންސުން މުސާރަ ދޭ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާކުރުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން މީސްމީހުންނަށް ދީފައިވާ ވަޒީފާތަކެވެ. އަދި މިނޫނަސް އެތައް ބަޔަކަށެވެ. ސަހަރޯއެވެ. މިއީ ހިޔާނާތެވެ. ނާޖާއިޒު ފައިދާއެވެ. މިއީ ކޮރަޕްޝަނެވެ.
މިކަމުގެ ސަބަބުން ދިވެހި ދައުލަތުގެ މިނިވަން މުއައްސަސާއެއް ކަމަށްވާ ސިވިލް ސާރވިސްގެ ބޭނުން ނެތުނީ އެވެ. ދައުލަތުގެ ވަޒީފާތައް ދިނުމުގެ ހަމަތަކާއި އިންސާފާއި ހަމަހަމަކަން ވެއްޔާ މޮޑެވުނީ އެވެ. ގާބިލުކަމަށް ބަލައި ދައުލަތުގެ ވަޒީފާތައް ދިނުމަށް ގާނޫނުއަސާސީގައި ބަޔާންކޮށް ގަރަންޓީކޮށްދީފައި ހުރި މާއްދާތަކާ ޑރ. މުއިއްޒު ހިލާފުވީ އެވެ.
މިވަރަށް ހިޔާނާތްތެރި ވަމުން ދާއިރު ވެސް، އެކަންކަން ހުއްޓުވަން ގާނޫނުއަސާސީން އުފައްދާފައި އޮތް އެންޓިކޮރަޕްޝަން ކޮމިޝަން އެ އޮތީ ކޮރަޕްޝަން ފޮރުވާ ކޮމިޝަނަކަށްވެފަ އެވެ.
މިޒަމާނުގެ ދައުލަތްތަކާއި ސަރުކާރުތަކަކީ އިންތިހާއަށް ބާރުގަދަ އަދި ގިނަ ވަސީލަތްތަކެއް ލިބިގެންވާ ފަރާތްތަކަކަށް ވުމުން، އެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް ސަރުކާރުތަކުގެ އަނިޔާވެރިކަމުގެ ދަށުގައި އުޅެންޖެހިދާނެތީ ރައްޔިތުން ކަންބޮޑުވެއެވެ. ސަރުކާރު ހިންގާ މީހުން ހުދުމުހުތާރުވެ، ދައުލަތުގެ ބައިތުލްމާލުން ވައްކަންކޮށް، ދައުލަތުގެ ފައިސާއާ ވަސީލަތްތައް ފޭރި، ދައުލަތުގެ މުދަލާއި ފައިސާ ހަމައެއް ލަމައެއް ނެތި ބޭނުން މީހަކަށްދީ ބަހައި ހުސްކޮށްފާނެތީވެ، ރައްޔިތުން ކަންބޮޑުވެ އެވެ. އެހެން ކަމުން މުތުލަގު ބާރު ދައުލަތުގެ އެއްވެސް ގުނަނަކަށް ނުވަތަ ދައުލަތުގެ އެއްވެސް ނޯކަރަކަށް ލިބިފައި ނޯންނާނެ އިންތިޒާމެއް ހަމަޖައްސަންޖެހޭ ކަމަށް ރައްޔިތުން ގަބޫލުކޮށް އެކަން ކަށަވަރުކުރުމަށްޓަކައި އެ މަގަށް ގާނޫނުއަސާސީ ލިޔެ ގަރާރުކޮށްފައިވެ އެވެ.
އެކަންކަން ކަށަވަރު ކުރުމަށް ދައުލަތުގެ ބާރުތައް އެކެއްގެ އަތުގައި ނުވަތަ އެއް ފަރާތެއްގައި ނޯންނާނެ ގޮތަށް ދައުލަތުގެ ނިޒާމުގެ ތެރޭގައި ބާރުތައް ވަކިކޮށް، ދައުލަތުގެ އެއްބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވާނޭ ނިޒާމެއް ގާނޫނުއަސާސީއިން ކަނޑައަޅާފައި ވެއެވެ. ދައުލަތުގެ ބާރުތައް އެކަކު ނުވަތަ އެއް ފަރާތަކުން ކޮންޓްރޯލްކުރާ ނަމަ ހުދުމުހުތާރު ކަމަށް ޖާގަ ލިބޭނެތީވެ، ގާނޫނުއަސާސީ ހެދުމުގެ ބޭނުމަކީ އެގޮތަށް އެކަން ވިޔަނުދިނުމެވެ. ރައްޔިތުންގެ އަތުގައި ވެރިކަން އޮބެހެއްޓުމެވެ. ގާނޫނުއަސާސީތަކުގައި ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ އަތުގައި ކަމަށް ލިޔަނީ މި ސަބަބާހުރެއެވެ.
ރައީސް ޑރ. މުއިއްޒު ދައުލަތް ހިންގަވާ ގޮތުން ގާނޫނުއަސާސީގެ ހަމަތައް ރޫޅިއްޖެ އެވެ. މިކަން މިހިސާބަށް ދިއުމުން ޑރ. މުއިއްޒުގެ ވެރިކަމަކީ ގާނޫނުއަސާސީ ތަސައްވަރުކުރާ ފަދަ ހަލާލުވެރިކަމެއް ކަމަށް ސިފަ ކުރާނީ ކިހިނެތްތޯ އެވެ.
80.00%
10.00%
10.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޙަޖަމް
2 days ago
ފިޔާޒު ހަޖަމްކުރޭ. ފިއްތާލާ
ބުހުތާނު6
2 days ago
އެކަކު ކޮމެންޓް ނުކުރިއަސް މޮޅު ލިޔުމެއްމީ.. އަދުގެ ހާލަތު.. މިހާރުން މިހާރަށް އސތއފ ދެއްވާށެވެ.. އަޅުގަނޑު ވަޒީފާއެއް ނުލިބި ވަރަށްގިނަ ތަން ތަނަށް އެޕްލައިކޮށްފީމެވެ. ޢެހެނަށް މިލިޔުމުގަ އޮތް އުޞޫލުން ވަޒީފާ ލިބޭކަށްނެތެވެ..
ޙަސަނުގެ ދަރި
about 11 hours ago
މިދިޔަ ސަރުކާރުގަވެސް ހަމަ ހާލަކީ ތިޔައީ އަހުން ގޯތި ދެކުދިންނާ ދެކުދިންގެ ފިރިން މާސްޓަރސް ހަދައިގެން އައިސް ވަޒީފާއަކަށް އެދި އެތަން މިތަނަށް ސިޓީ އަޅަނީ ޔާމީނު ވެރިކަމުގަވެސް އިބޫގެ ވެރި ކަމުގަ ވެސް ހަމަ ލިބޭގޮތެއް ނުވި. ހުރިހާ ސަރުކާރެއްގަވެސް ހަމަ ވަޒީދާގެ ކަނތައް އޮތީ ދާދި އެއްގޮތަކަށް.
Comment