ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިނާއި ފްރާންސްގެ ކުރިމަތިލުމެއް

24 މާރިޗު 2025 - 03:51 0


ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިނާއި ފްރާންސްގެ ކުރިމަތިލުމެއް

24 މާރިޗު 2025 - 03:51 0

ޕެރިސް، ފްރާންސް (މާޗް 24) - ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ފްރާންސާއި ސްޕެއިންގެ ކުރިމަތިލާން ޖެހިއްޖެ އެވެ

ސްޕެއިނާއި ފްރާންސުން ވަނީ މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީގައި ވެސް ބައްދަލުކޮށްފަ އެވެ. އެ މެޗުން ސްޕެއިން ވަނީ މޮޅުވެފަ އެވެ.

ފްރާންސް އިން ނޭޝަންސް ލީގުގެ ސެމީ އަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ރަނަރަޕް، ކްރޮއޭޝިއާ ކަޓުވާލައިފަ އެވެ. ފުރަތަމަ ލެގުގައި ކްރޮއޭޝިއާ 2-0 އިން މޮޅުވިއިރު، ރޭ ދެ ވަނަ ލެގުން ފްރާންސް ހަަމަ އެ ނަތީޖާއިން މޮޅުވެ، އެގްރިގޭޓް އެއްވަރުވުމުން، ފްރާންސުން ކްރޮއޭޝިއާ ބަލިކުރީ ޕެނަލްޓީ ޖަހައިގެން 5-4 އިންނެވެ.

ނެދަލެންޑްސް ދަނޑުގައި މިދިޔަ ހަފްތާގައި 2-2 އިން އެއްވަރުވިއިރު، ރޭ ސްޕެއިން ދަނޑުގައި ވަނީ 3-3 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ސްޕެއިނުން ނެދަލެންޑްސް ބަލިކުރީ 5-4 އިންނެވެ.

ފްރާންސަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިިދިނީ މައިކަލް އޮލީސޭ އާއި އޮސްމާން ޑެމްބެލޭ އެވެ. ޕެނަލްޓީގައި ފްރާންސުން ހަތް ޕެނަލްޓީ ތެރެއިން ފަސް ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެ ޓީމުން ޕެނަލްޓީތައް ކާމިޔާބުކުރީ ކީލިއަން އެމްބާޕޭ، އައުރެލިއަން ޗުއަމެނީ، ރަންޑަލް ކޯލޯ މުއާނީ، ޑެޒެއާ ޑޫއޭ އަދި ޑަޔޫޓް އުޕަމެކާނޯ އެވެ. އެ ޓީމުން ނާކާމިޔާބުވީ، ތެއޯ ހެނާންޑޭޒް އާއި ޖޫލްސް ކޫންޑޭ ފޮނުވާލި ޕެނަލްޓީތަކެވެ.

ކްރޮއޭޝިއާ އިން މާޓިން ބަޓުރީނާ، ފްރާންކޯ އިވަނޮވިޗް އަދި ޖޯސިފް ސްޓަނިސިޗް ޖެހި ޕެނަލްޓީތައް ވީ ނާކާމިޔާބެވެ. އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ، ޑޫޖް ކަލެޓަ-ސާ، ނިކޮލަ މޯރޯ، މާރިއޯ ޕަސާލިޗް އަދި ކްރިސްޓިޖާން ޖަކިޗް އެވެ.

ސްޕެއިނުން އަމިއްލަ ދަނޑުގައި މިކޭލް އޮޔާޒަބާލްގެ ޕެނަލްޓީން ލީޑުނެގިއިރު، ނެދަލެންޑްސް އިން އެއްވަރުކުރީ މެމްފިސް ޑިޕާއިގެ ޕެނަލްޓީންނެވެ. މިކޭލް އޮޔާޒަބާލް އަލުން ސްޕެއިނަށް ލީޑުނަގައިދިންއިރު، އިއަން މާޓްސެން ވަނީ ލަނޑު ޖަހައި އެއްވަރުކޮށްދީފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލަމީން ޔަަމާލް ސްޕެއިނަށް އަލުން ލީޑުނަގައިދިންއިރު، ދެ ވަނަ ހާފުގައި ޕެނަލްޓީ އަކުން ޒަވީ ސިމޯންސް ނެދަލެންޑްސް އަށް އެއްވަރުކޮށްދިނެވެ.

ޕެނަލްޓީގައި ސްޕެއިނަށް ނާކާމިޔާބުވީ ޔަމާލްގެ ޕެނަލްޓީ އެވެ. އެ ޓީމުން މިކޭލް މެރީނޯ، ޕެޑްރީ، އަލެކްސް ގާސިއާ، އަލެކްސް ބައޭނާ އަދި ފެރާން ޓޮރޭޒް ޕެނަލްޓީ ވައްދާލި އެވެ. ނެދަލެންޑްސް އިން ވާޖިލް ވެން ޑައިކް، ޓެއުމް ކޫޕްމައިނާސް، ސިމޯންސް، ކެނެތު ޓޭލާ ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެކަމަކު، ނޯއާ ލޭންގް އާއި ޑޮންޔެލް މާލެންގެ ޕެނަލްޓީ ވީ ނާކާމިޔާބެވެ.

ނޭޝަންސް ލީގުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅޭނީ ޖޫން މަހު ޖަރުމަނުގަ އެވެ.