24 މާރިޗު 2025 - 08:48 0
ހައިދަރުއާބާދު ޓީމަށް މޮޅު ކުޅުމެއް ދެއްކި އިޝާން.--- ފޮޓޯ: އޭއެފްޕީ/ ގެޓީއިމޭޖަސް
24 މާރިޗު 2025 - 08:48 0
ޗެންނާއި، އިންޑިއާ (މާޗް 24) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ މި ފަހަރުގެ ސީޒަނުގައި ސަންރައިޒާސް ހައިދަރުއާބާދަށް ކުޅޭ އިޝާން ކިޝަންގެ ސައްތައާ އެކު އެ ޓީމުން ރާޖަސްތާން ރޯޔަލް އަތުން ބޮޑު މޮޅެއް ހޯދިިއިރު، މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމުގެ ކުރިމަތިލުމުގައި، މުމްބައި އިންޑިއަންސް އަތުން ޗެންނާއި ސުޕަ ކިންގްސް މޮޅުވެއްޖެ އެވެ.
މީގެ ކުރިން މުމްބައި އިންޑިއަންސް އަށް ކުޅުނު އިޝާންގެ ފުރަތަމަ މެޗުގައި އޭނާ ވަނީ ތަފާތު މޮޅަށް ހައިދަރުއާބާދަށް ކުޅެދީފަ އެވެ. މި މެޗުން، 44 ލަނޑުން ހައިދަރުއާބާދު މޮޅުވިއިރު، އެ ޓީމުން ފުރަތަމަ ކުޅެން ނުކުމެ، ތިން ވަނަ އަށް ކުޅެން އެރި އިޝާން ވަނީ ނުބައިނުވެ، 47 ބޯޅައިން 106 ލަނޑު ހަދައިފަ އެވެ. މިއީ، އައިޕީއެލްގައި އިޝާންގެ ފުރަތަމަ ސައްތަ އެވެ.
ރާޖަސްތާނުން ޓޮސް ދިމާވެގެން ހޮވަން ގަސްދުކުރިއިރު، ހައިދަރުއާބާދުން ވަނީ 20 އޯވަރުގެ ތެރޭގައި، ހަ ކުޅުންތެރިން ނުބައިވެގެން 286 ލަނޑު ހަދައިފަ އެވެ. މިއީ، އައިޕީއެލްގެ ތާރީހުގައި އިނިންސެއްގައި ދެ ވަނަ އަށް އެންމެ ބޮޑު ސްކޯ އެވެ. އެންމެ ބޮޑު ތިން ސްކޯއެއް މިހާތަނަށް ނެރުނީ ހައިދަރުއާބާދުންނެވެ.
ޖަވާބުގައި ކުޅެން އަރައި، ރާޖަސްތާނަށް 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 242 ލަނޑެވެ. ރާޖަސްތާނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 35 ބޯޅައިން 70 ލަނޑު ހެދި ދްރޫވް ޖުރެލް އާއި 37 ބޯޅައިން 66 ލަނޑު ހެދި، ސަންޖޫ ސެމްސަން އެވެ. މި އިނިންގްސްގައި، ހައިދަރުއާބާދުގެ ސިމަރުޖީތު ސިންގް އާއި ހަރްޝަލް ޕަޓޭލް، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.
ޗެންނާއި ޓީމުގެ ބޯލަރު ނޫރު: ވިކެޓެއް ނެގުމަށް ފަހު އުފާފާޅުކުރަނީ.
އައިޕީއެލްގެ ޗެމްޕިއަންކަން، ފަސް ފަހަރު ހޯދާފައިވާ މުމްބައި އެންމެ ފަހުން، އާ ސީޒަނެއް ފެށި މެޗުން މޮޅުވެފައިވަނީ 2012 ވަނަ އަހަރު އެވެ.
މި ފަހަރުގެ މުބާރާތް ފެށި މެޗުގައި، ޗެންނާއިއާ ދެކޮޅަށް ރަށުންބޭރުގައި މުމްބައި ބަލިވިއިރު، މިއީ، ޗެންނާއި އަތުން މުމްބައި ޖެހިޖެހިިގެން ބަލިވި ހަތަރު ވަނަ މެެެޗެވެ. ޗެންނާއި ރޭގެ މެޗުން މޮޅުވީ ހަތަރު ވިކެޓުންނެވެ. ޓޮސް ދިމާވުމުން، ޗެންނާއި އިން ނިންމީ ފީލްޑް ކުރުމަށެވެ.
މުމްބައި އިން ކުޅެން އަރައި، މައްސަލަ ދިމާވީ، ފުރަތަމަ ބޯޅައިގައި އެ ޓީމުގެ ތަރި، ރޯހިތު ޝަރްމާ ނުބައިވުމުންނެވެ. މުމްބައިގެ 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 155 ލަނޑެވެ. މުމްބައި އަށް އެންމެ ރަނގަޅު ސްކޯއެއް ނެރެދިނީ، ސޫރްޔަކުމާރު ޔާދަވް އެވެ. އޭނާ އަށް ވެސް ހެދުނީ، 26 ބޯޅައިން 29 ލަނޑެވެ. މި އިނިންގްސްގައި، ޗެންނާއި އަށް ކުޅޭ އަފްގާނިސްތާންގެ ބޯލަރު، ނޫރު އަހުމަދު ވަނީ ހަތަރު ވިކެޓް ނަގައިފަ އެވެ. އަދި، ހަލީލް އަހުމަދު، ތިން ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި، ޗެންނާއި މޮޅުވީ، 19.1 އޯވަރުގެ ތެެރޭގައި، ހަ ކުޅުންތެރިއަކު ނުބައިވިއިރު، 158 ލަނޑު ހަދައިގެންނެވެ. ޗެންނާއި ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ، ނުބައިނުވެ، 45 ބޯޅައިން 65 ލަނޑު ހެދި ރަޗިން ރަވިންދުރަ އާއި 26 ބޯޅައިން 53 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން، ރުތުރާޖު ގައިކްވާޑް އެވެ.
މި އިނިންގްސްގައި މުމްބައިގެ ވިގްނޭޝް ޕުތުރު ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
Comment