23 މާރިޗު 2025 - 06:44 0
23 މާރިޗު 2025 - 06:44 0
ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ ޓާގެޓަށް ވާސިލްވުމަށްޓަކައި މި ވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ ފުރަތަމަ މެޗުގައި ރާއްޖެ ބަލިކުރުން ކަމަށް ފިލިޕީންސްގެ ކޯޗު ސްޕެއިނުގެ އަލްބާޓް ކަޕެއްޔާސް ހާމްސް ބުނެފި އެވެ.
ބާސެލޯނާގެ ލަ މާސިއާ އެކަޑަމީގައި 10 އަކަށް ވުރެ ގިނަ އަހަރު މަސައްކަތްކުރި، ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ އެސިސްޓަންޓް ކޯޗު، ކަޕެއްޔާސް، ފިލިޕީންސަށް ވެސް ފުރަތަމަ އައީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އެއީ، މިދިޔަ އަހަރު، މެލޭޝިއާގައި ކުރިއަށްދިޔަ މެރްޑޭކާ ކަޕުގަ އެވެ. އެ މުބާރާތަށް ފަހު، ކަޕެއްޔާސް އަށް ވަނީ ހެޑް ކޯޗުގެ މަގާމު ދީފަ އެވެ.
ޑެންމާކުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމު ވެސް އަދާކުރި ކަޕެއްޔާސް ބުނީ، މި ވަގުތު އެ ޓީމުގެ ކުރިމަތީގައި އޮތް ޗެލެންޖަކީ ރާއްޖެ ކަމަށެވެ. އަދި، ފިލިޕީންސް އިން ކަނޑައަޅާފައިވާ ޓާގެޓް ހާސިލްވާން އޮތީ ރާއްޖޭގެ މައްޗަށް ކުރިހޯދައިގެން ކަމަށް ކަޕެއްޔާސް ވަނީ ބުނެފަ އެވެ.
"ހަގީގަތުގައި އަހަރެމެން އެންމެން މަސައްކަތް މި ކުރަނީ އެއް މިސްރާބަކަށް. ޓާގެޓަކީ ގްރޫޕްގެ އެއް ވަނަ ހޯދައި އޭޝިއަން ކަޕަށް ކޮލިފައިވުން. އެކަން ކުރަން ރާއްޖެ އަތުން މޮޅުވާން އެބަޖެހޭ،" ބާސެލޯނާ ބީ ޓީމުގެ އިންޓަރިމް ކޯޗުކަން 2021 ވަނަ އަހަރު ކުރި ކަޕެއްޔާސް ބުންޏެވެ.
ކަޕެއްޔާސް އަންނަނީ، އެކި ގައުމުތަކުގައި ކުޅެމުން އަންނަ ފިލިޕީންސް އަށް ކުޅެވޭނެ ކުޅުންތެރިން އެ ގައުމުގެ ޓީމަށް އިތުރު ކުރަން މަސައްކަތް ކުރަމުންނެވެ. އަދި، އެ ކަން މި ފަހަރުގެ ކޮލިފައިން ތެރޭގައި ހާސިލްކުރެވޭނެ ކަމަށް ކަޕެއްޔާސް ވަނީ ބުނެފަ އެވެ.
ފިލިޕީންސާއި ރާއްޖޭން އެންމެ ފަހުން 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެ ފަހަރު މެޗުތައް ކުޅެފައިވަނީ، ސެންޓްރަލައިޒްކޮށް ޔޫއޭއީގަ އެވެ. އޭގެ ކުރިން، ފިލިޕީންސާ ދެކޮޅަށް ކުޅުނީ ރާއްޖޭގައި ކުރިއަށްދިޔަ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ. އެ ފަަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 3-2 އިން ބަލިވެފަ އެވެ.
ރާއްޖެ އާއި ފިލިޕީންސް މި ފަހަރު ކުޅެން އޭޝިއަން ކަޕް ކޮލިފައިން މެޗު ފުރަތަމަ އޮތީ އަންނަ އަންގާރަ ދުވަހު މާލޭގައި ކުޅޭ ގޮތަށެވެ. އެކަމަކު، 27 ވިލޭރެޔާ ދިމާވާތީ، އެފްއޭއެމް އިން މަޝްވަރާކޮށްގެން މި މެޗު ފިލިޕީންސްގެ ހޯމް މެޗަށް ބަދަލުކުރީ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment