22 މާރިޗު 2025 - 06:16 0
22 މާރިޗު 2025 - 06:16 0
ލަންޑަން (މާޗް 22) - އާސެނަލްގެ ޒުވާން ތަރި، މައިލްސް ލެވިސް-ސްކެލީގެ ގޯލާ އެކު، ތޯމަސް ޓުޗެލް، އިންގްލެންޑް ގޮވައިގެން ނުކުތް ފުރަތަމަ މެޗުން އަލްބޭނިއާ އަތުން 2-0 އިން މޮޅުވެއްޖެ އެވެ.
އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި އިންގްލެންޑުން ކުޅުނު ފުރަަތަމަ މެޗަކީ، 18 މަހުގެ ކޮންޓްރެކްޓެއްގައި އިންގްލެންޑާ ހަވާލުވި ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު 20 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ލެވިސް-ސްކެލީ އެވެ. މިއީ، ޖޫޑް ބެލިންހަމް ދިން ބޯޅައަކަށް އޭރިއާތެރެއަށް އަރައި، ތިރިތިރިން ގޯލަށް ފޮނުވާލައިގެން ލެވިސް-ސްކެލީ ޖެހި ގޯލެކެވެ. މި ގޯލާ އެކު، އޭނާ ވެފައިވަނީ، އިންގްލެންޑަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.
ލެވިސް-ސްކެލީގެ އުމުރަކީ 18 އަހަރާއި 176 ދުވަހެވެ. ކުރިން، އެ ރެކޯޑް އޮތީ މާކަސް ރެޝްފޯޑް އަތުގަ އެވެ. ރެޝްފޯޑް، ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ކޮޅަށް ގޯލު ޖެހިިއިރު، އުމުރަކީ 18 އަހަރާއި 143 ދުވަހެވެ.
ފުރަތަމަ ހާފު ލީޑުގައި އޮވެ ނިންމާލި އިންގްލެންޑު މެޗުން މޮޅުވި ގޯލު 77 ވަނަ މިނިޓްގައި ޖެހީ ހެރީ ކޭން އެވެ. މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޑެކްލަން ރައިސް އެެވެ.
މެޗަށް ފަހު ޓުޗެލް ބުނީ، އޭނާ ބޭނުންވާ ސިސްޓަމަށް ކުޅެން ފަށަން އިންގްލެންޑަށް މެޗުތަކެއް ނަގާނެ ކަމަށެވެ. އެކަމަކު، ފުރަތަމަ މެޗުގައި ވެސް ފެނުނު ޕޮޒިޓިވް ގިނަ ކަންތައްތަކާ އެކު އުންމީދު ބޮޑުވެފައިވާ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment