ޝަމްއާންގެ އޯޑަރަށް ބިދޭސީއަކު ދޫކޮށްލާ އޭނާގެ އަތުން 530،000ރ. ނެގި

21 މާރިޗު 2025 - 18:00 1

އަހުމަދު އާއިދު

އ

އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމުން މިރޭ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު: އޭނާގެ ގެއިން ގިނަ އަދަދެއްގެ ނަގުދު ފައިސާ ފުލުހުން ގެންދިޔަ --- ފޮޓޯ: އިމިގްރޭޝަން


ޝަމްއާންގެ އޯޑަރަށް ބިދޭސީއަކު ދޫކޮށްލާ އޭނާގެ އަތުން 530،000ރ. ނެގި

21 މާރިޗު 2025 - 18:00 1

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ރޭ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު އަދި އެ ހިދުމަތުގެ އިތުރުން އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުންދަނީ އެ ހިދުމަތުން ބަންދުކުރި ބިދޭސީއަކު ދޫކޮށްލާ އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއް ކަމަށް ފުލުހުން ބުނެފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ރޭގެ ވަގުތެއްގަ އެވެ. އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަަމަށް ފުލުހުން ބުނީ ޝަމްއާން ވަކިކުރިކަން މީޑިއާތަކުން ރިޕޯޓުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ.

މި މައްސަލާގެ ތަފުސީލާއެކު ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ދިރިއުޅޭތަން ބަލައިފާސްކުރީ އެކަމަށް އިމިގްރޭޝަންގައި އޮންނަ ޑިޕާޓްމަންޓުތަކުގައި ނުހިމެނޭ މުވައްޒަފުންތަކެއް ކަމަށެވެ. އެ ބިދޭސީމީހާއާއެކު ގިނަ އަދަދެއްގެ ފައިސާ އަތުލި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ ޖެހިގެން އައި ދުވަހު އެ ބިދޭސީ މީހާ، އޭނާގެ އަތުން ފެނުނު 530،000ރ. އާއެކު ދޫކޮށްލީ ޝަމްއާންގެ އެންގުމަށް ކަމަށް ފުލުހުން ބުންޏެވެ.

އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު އޭނާގެ އަތުން ފައިސާ ނެގީ އެ މީހާ ދިރިއުޅޭތަން ބަލައިފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން ކަމަށާއި އެ މީހުން އެކަން ކުރީ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކުރުމަށް ފަހު އެވެ.

ފުލުހުން ބުނީ، އެ މީހާގެ އަތުން ނެގި ފައިސާ ހިފައިގެން މިކަމުގައި ބައިވެރިވި އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝަމްއާން ދިރިއުޅޭ ގެއަށެވެ.

މި މައްސަލާގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާންގެ ގެ ބަލައިފާސްކޮށް ފުލުހުން ރޭ އަތުލި ފައިސާގެ އަދަދު ފުލުހުން ހާމަނުކުރި ނަމަވެސް އެއީ ގާތްގަނޑަކަށް 500،000 އެއްހާ ރުފިޔާއަށްވާ ނަގުދު ފައިސާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

މި މައްސަލާގައި ޝަމްއާން ހައްޔަރުނުކުރި ނަމަވެސް އޭނާގެ ގެއިން ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއްވެސް ގެންގޮސްފައިވެ އެވެ. އަދި، އިމިގްރޭޝަންގެ ދެ އޮފިސަރަކާއި އާންމުންގެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ބިދޭސީ މީހާ ބަންދުކޮށް ދޫކޮށްލި ދުވަހާއި މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަަވަރު ފަދަ މުހިންމު ތަފުސީލުތައް ފުލުހުން އަދިވެސް ހާމަކޮށްފައެއް ނުވެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމުގައި ޝަމްއާން ހުންނަވައިގެން އެންމެ އިސްކޮށް ކުރެއްވި އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމާއި ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތެވެ.

މިގޮތަށް ފޮނުވާލެވޭ ބިދޭސީން އެނބުރި އަންނަ ކަމަށާއި އެކަން ކުރުމަށް އިމިގްރޭޝަންގެ އިސްވެރިން ފައިސާ ނަގާ ކަމަށް ސޯޝަލް މީޑިއާގައި މީގެ ކުރިން ވެސް ތުހުމަތުކޮށްފައިވެ އެވެ. އެކަމާ ގުޅޭގޮތުން އެ ހިދުމަތުން އަދި ސަރުކާރުން ވެސް އޭރު ބަހެއް ނުބުނެ އެވެ.

ޝަމްއާން ވަކިކުރުމާއެކު ހުސްވި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އައްޔަންކުރައްވާފަ އެވެ. އެކަން ސަރުކާރުން އިއުލާނުކުރީ ރޭ ފަތިހު 3:30 ހާއިރު އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ތިމަންނަ

about 19 hours ago

ކޮންފަދަ ކުޅަދާން ހުސިޔާރު ސޮރެއް ... ބަފާ ބޭނުންވަނީ ގައުމަށް މިފަދަ މީނުން ނޯ