ކުޑަކުދިން ރިހެބިލިޓޭޓު ކުރާ "ހޯޕް އައިލެންޑް" އުތުރުތިލަފަޅަށް ބަދަލުކޮށްފި

21 މާރިޗު 2025 - 17:34 0

އަހުމަދު އާއިދު

އ

އުތުރު ތިލަފަޅުން ހިއްކުމުގެ މަސައްކަތް ކުރަނީ: ހޯޕް އައިލެންޑާއި މައި ޖަލުވެސް އަޅަނީ އުތުރުތިލަފަޅުގައި --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކުޑަކުދިން ރިހެބިލިޓޭޓު ކުރާ "ހޯޕް އައިލެންޑް" އުތުރުތިލަފަޅަށް ބަދަލުކޮށްފި

21 މާރިޗު 2025 - 17:34 0

ހަރަދު ކުޑަކުރުމުގެ ގޮތުން, ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ޒުވާނުން ރިހެބިލިޓޭޓުކުރުމަށް ސަރުކާރުން ތަރައްގީ ކުރަން ރާވާފައިވާ "ހޯޕް އައިލެންޑް" އުތުރުތިލަފަޅަށް ބަދަލުކުރަން ނިންމައިފި އެވެ.

"ހޯޕް އައިލެންޑް" އަކީ ގޭންގު ކުށްތަކުގައި ޖެހޭ ސުކޫލް ކުދިންނާއި ކުށުގެ މާހައުލުގައި އުޅޭ ޒުވާން ކުދިން ބޭތިއްބުމަށް ތަރައްގީ ކުރާ ރަށެވެ. އެކަން ކުރަން މީގެ ކުރިން ނިންމާފައި އޮތީ ދ. ވާނީގަ އެވެ.

ނަމަވެސް، ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަކަށް ފައިސާ ހޯދަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރުގައި ހޯޕް އައިލެންޑް ތަރައްގީކުރާނެ ކަމަށް ބުނެފައި އޮތީ އުތުރުތިލަފަޅުގަ އެވެ.

މިކަމާ ގުޅިގެން އަދަދު ނޫހުން ސުވާލުކުރުމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެ ރަށަށް ވަރަށް ގިނަ ކުދިން ގެންދަން ޖެހޭނެ ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. ނަމަވެސް ވާނީގައި ހޯޕް އައިލެންޑް ތަރައްގީކުރުމުން ދަތުރުފަތުރާއި އެހެން ކަންކަމަށް ވެސް ވަރަށް ބޮޑު ހަރަދެއް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަންކަމުގަ ދާން ބަލާއިރު ވެސް ހަރަދު ވެސް ބޮޑުވާނެ ދެއްތޯ. އެހެންވީމަ އަޅުގަނޑުމެން ފަހުން ކެބިނެޓަށް ހުށަހަޅައިގެން ނިންމީ ހޯޕް އައިލެންޑް ބަދަލުކުރަން ސެންޓްރަލް ޖަލާ އެއްކޮށް އެއް ދިމާލަކަށް. އުތުރު ތިލަފަޅުގެ ހިއްކާ ތަނަށް،" އިހުސާން ވިދާޅުވި އެވެ.

ކުރިން ވަކި ރަށެއްގައި ތަރައްގީކުރަން ނިންމި ހޯޕް އައިލެންޑް މިހާރު ތަރައްގީކުރާނީ އެ ފަޅުގައި ހިއްކާ ބިމުގެ ވަކި ސަރަހައްދެއްްގައި ކަމަށާއި ވަކި ރަށެއްގެ ގޮތުގައި ނޫން ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

މިހާތަނަށް މި މަޝްރޫއަށް އިންވެސްޓަރަކު ނުލިބުނު ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މަޝްރޫއު ބަޔަކާ ހަވާލުކުރުމަށް ކަމަށް އިހުސާން ވިދާޅުވި އެވެ.

ސަރުކާރުން ހޯޕް އައިލެންޑް އަޅާތަން ބަދަލުކުރަން ނިންމީ ވާނީގައި އެ ތަން އެޅުމަށް ކުރެހުން ވެސް ނިންމުމަށް ފަހުގަ އެވެ.

މި ނޫހާ ވާހަކަދައްކަވަމުން އިހުސާން ފާހަގަކުރެއްވި ސެންޓްރަލް ޖަލަކީ ރާއްޖޭގައި މިހާރު ހުރި ޖަލުތަކުގެ ބަދަލުގައި ގާއިމްކުރަން ތަސައްވުރުކޮށްފައިވާ "މަރުކަޒީ ޖަލު" އެވެ. އެ ޖަލު އުތުރު ތިލަފަޅުގައި އަޅާނެކަން ޖޫން 25، 2024 ގައި މިނިސްޓަރު ވަނީ މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާކުރައްވާފަ އެވެ.

ރައީސްގެ ގަރާރުގައި މި ޖަލު ތަރައްގީކުރަން ފައިސާ ދޭނެ އިންވެސްޓަރަކު ހޯދަން ވެސް އިއުލާނުކޮށްފައިވެ އެވެ.

މި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަނީ އިންވެސްޓްކުރާ ބަޔަކަށް ކްރޮސް ސަބްސިޑީގެ ދަށުން އިންވެސްޓްމަންޓުގެ މުގާބިލުގައި ފަޅުތަކާއި ރަށްތައް ދޫކުރާ ގޮތަށެވެ.

ކްރޮސް ސަބްސިޑީ އުސޫލު އޮންނަ ގޮތުން ސީދާ ފައިސާ އިންވެސްޓުކުރާކަށް ވެސް ނުޖެހެ އެވެ. ސަރުކާރުން ބުނާ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާ ގޮތަށް ވެސް މި އުސޫލުގެ ދަށުން ފަޅުތަކާއި ރަށްތައް ދޫކުރެވެ އެވެ.