ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މާޗް 21) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ބުރުގައި ރޭ ފަހު ވަގުުތު ވިނީޝިއުސް ޖޫނިއާ ޖެހި ގޯލުން 2-1 އިން ކޮލަމްބިއާ އަތުން މޮޅުވެ ބްރެޒިލުން ކޮލިފައިންގައި ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.
މި މޮޅާ އެކު، ދެކުނު އެމެރިކާގެ ކޮލިފައިން ތާވަލުގެ ދެ ވަނަ އަށް ބްރެޒިލް ވަނީ ޖެހިލައިފަ އެވެ. އާޖެންޓީނާ، އެއް ވަނައިގައި އޮތީ 12 މެޗުން 25 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބްރެޒިލަށް 13 މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އުރުގުއޭ އަށް 12 މެޗުން ލިބުނީ 20 ޕޮއިންޓެވެ.
އަމިއްލަ ދަނޑުގައި ކުޅުުނު ބްރެޒިލުން ރޭގެ މެޗުގެ ހަ ވަނަ މިނިޓްގައި ލީޑުނެގީ ރަފީނިއާ ޖެހި ޕެނަލްޓީންނެވެ. މިއީ، ކޮލަމްބިއާ އޭރިއާތެރެއިން ވިނީޝިއުސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ކޮލަމްބިއާ އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާމިޔާބުކުރި އެވެ. މިއީ، ބްރެޒިލްގެ ޖޮއެލިންޓަން އަތުން ގެއްލުނު ބޯޅައެއް ހޯދައި ލުއިޒް ޑިއާސް ޖެހި ގޯލެކެވެ.
މެޗުގެ 77 ވަަނަ މިނިޓްގައި ބްރެޒިލްގެ ކީޕަރު، އެލިސަން ބެކާގެ ބޮލަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ.
ބްރެޒިލް މި މެޗުން މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ނުވަ ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ވިނީޝިއުސް ޖެހި ބޯޅަ ގޯލަށް ވަނީ ކޮލަމްބިއާ ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment