Advertisement

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ސީޕީ ފަސީހު

21 މާރިޗު 2025 - 04:00 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު --


އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ސީޕީ ފަސީހު

21 މާރިޗު 2025 - 04:00 0

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އައްޔަންކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފަސީހު އެ މަގާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރ ފެންވަރުގައި ކަމަށެވެ.

ފަސީހު ޕޮލިސް ކޮމިޝަނާކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. 2012 ގައި ނަޝީދު އިސްތިއުފާ ދެއްވި އިރު އެ މަގާމުގައި ހުންނެވީ ވެސް ފަސީހު އެވެ.

ތޭވީސް އަހަރުގެ ހިދުމަތަށްފަހު އޭނާ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ ހަމަ އެ އަހަރު އެވެ.

އޭގެ ފަހުން ފަސީހު ވަނީ އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯކަން ވެސް ކުރައްވާފަ އެވެ. އަދި، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އޭނާ ވަނީ ޕޮލިސް ބޯޑަށް ވެސް އައްޔަންކޮށްފަ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު އެ މަގާމުން ވަކިކުރަން ރައީސް މުއިއްޒު މިރޭ ނިންމެވުމުންނެވެ.

އެކަން މީޑިއާތަކުން ރިޕޯޓުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަަމަށް ބުނެފަ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި މިހާރު ފުލުހުން ބަލަމުންދާ މައްސަލާގައި ޝަމްއާން އާ ގުޅުން އެބައޮތެވެ. އަދި، އޭނާ މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ފުލުހުންގެ ތަހުގީގާ ގުޅުން އޮތްކަން ވެސް މި ނޫހަށް ކަށަވަރުވެފައިވެ އެވެ.

މި މައްސަލާގައި އިމިގްރޭޝަންގެ ދެ އޮފިސަރުންނާއި އާންމުންގެ މީހަކު މިރޭ ހައްޔަރުކޮށް ގެއެއް ބަލައިފާސްކޮށްފައިވެ އެވެ. އެ މީހުންގެ އަދި މައްސަލާގެ އެއްވެސް ތަފުސީލެއް ފުލުހުން އާންމުކޮށްފައެއް ނުވެ އެވެ.