ބިދޭސީން އަތުން ފައިސާ ނެގި މައްސަލައެއްގަ އިމިގްރޭޝަން އޮފިސަރުންތަކެއް ހައްޔަރުކޮށްފި

20 މާރިޗު 2025 - 20:40 0

އަހުމަދު އާއިދު

އ

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީއަކާ ސުވާލުކުރަނީ: މި މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަން އޮފިސަރުން ދިޔައީ ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ނަގަމުން -- ފޮޓޯ: އިމިގްރޭޝަން


ބިދޭސީން އަތުން ފައިސާ ނެގި މައްސަލައެއްގަ އިމިގްރޭޝަން އޮފިސަރުންތަކެއް ހައްޔަރުކޮށްފި

20 މާރިޗު 2025 - 20:40 0

ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ނަގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އިމިގްރޭޝަންގެ އޮފިސަރުންތަކެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން އާންމުކުރި ބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިސާ ނަގަމުންދާ ކަމަށް މައުލޫމާތު ލިބިގެން އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މި މައްސަލާގެ ތަހުގީގަށް މިރޭ ގެއެއް ބަލައިފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެ މީހުންގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ހައްޔަރުކުރީ އިމިގްރޭޝަންގެ ދެ އޮފިސަރަކާއި އާންމު މީހެކެވެ.

މައްސަލައިގެ އިތުރު ތަފުސީލު އާންމު ކުރެވޭނީ ތަހުގީގު ކުރިއަށްދާ ވަރަކުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ފުލުހުން ހައްޔަރުކޮށްފައި ވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު މިރޭ އެ މަގާމުން ވަކިކުރައްވާފަ އވެވެ.

އެކަން ކަށަވަރުކޮށްދިން ސަރުކާރުގެ އޮފިޝަލު ޝައްމާން ވަކިކުރަން ރައީސް ނިންމެވި ސަބަބެއް ސަރުކާރުގެ އޮފިޝަލު ހިއްސާކޮށްފައެއް ނުވެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ކަމުން ވަކިކުރި ޝައްމާންއަކީ އިމިގްރޭޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރައްވާފައިވާ މީހެކެވެ. ނަމަވެސް އިމިގްރޭޝަން ކޮންޓްރޯލަކަށް އައްޔަނުކުރިއިރު, އޭނާ ހުރީ ވަޒީފާއިން ވަކިކޮށްފަ އެވެ.