22 މާރިޗު 2025 - 06:45 0
ހަސަން މުހައްމަދު
22 މާރިޗު 2025 - 06:45 0
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ބުނާ ގޮތުން ވެރިކަން ހިންގުމުގެ ބާރު މި ވަގުތު އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުުގެ އަތުގަ އެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ގާނޫނު ހެދުމުގެ އެންމެހާ ބާރުތަކެއް ލިބެނީ ރައްޔިތުންގެ މަޖިލީހަށެވެ. އެކަމަކު، އެކި ގޮތްގޮތުން ހޯއްދަވައިގެން އެ ބާރުގެ މަސައްކަތަށް އަމުރުމައުރޫފު ހިންގަވަނީ ރައީސް މުއިއްޒެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން އަދުލުއިންސާފު ގާއިމް ކުރުމުގެ ބާރު ލިބިގެންވާ ބަޔަކީ ދިވެހިރާއްޖޭގެ ކޯޓުތަކެވެ. ނަމަވެސް، ފަނޑިޔާރުންނަށް ބިރު ދައްކައި، މަތީ ކޯޓުގައި ތަޅު އެޅުވުމަށްފަހު، ރައީސް މުއިއްޒު ވަނީ އެ ބާރު ވެސް ފޭރިގަނެފަ އެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެކަމަކު، މި ރާއްޖޭގައި ރައްޔިތުންގެ ބާރެއް ނެތްކަން ވަރަށް ސާފެވެ. އޮތީ ވެރި މީހާގެ ބާރެވެ.
ރާއްޖޭގައި މިވަގުތު މި އޮތީ ބާރުތައް މަސްހުނިވެފަ އެވެ. ހުރިހާ ބާރެއް މިވަގުތު އޮތީ އެކެއްގެ އަތްމަތީގަ އެވެ. ގާނޫނުއަސާސީ މިވަގުތު އޮތީ ކުންޏާއެކު ޑަސްބިނުގަ އެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެން ވެސް މަގާމެއްގައި ހުރި މީހަކު މަޖިލީހަށް ހާޒިރުވާން އެންގުމަކީ ގާނޫނުއަސާސީގެ 98 ވަނަ މާއްދާގެ ދަށުން މެންބަރުންނަށް ލިބިދޭ ބާރެއް އަދި ހައްގެކެވެ.
ގާނޫނުއަސާސީގެ ތިން ވަނަ ބާބުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާއި ބާރާއި އިމްތިޔާޒުތައް ތަފުސީލުކޮށްދީފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އެއިން އެއްވެސް ކަމެއްގައި އޮންނަ ކަމަށް ބުނެފައެއް ނުވެ އެވެ.
އެކަމަކު، ރައީސް މުއިއްޒު މިހާރު ވަނީ ގާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ އެ ބާރަށް ހުރަސް އަޅައިފަ އެވެ. އެމަނިކުފާނުގެ ހުއްދަ ނުނަގައި، ވަޒީރުންގެ މަޖިލިސް ނުވަތަ ސަރުކާރުގެ އެއްވެސް ވެރިއަކު މަޖިލީހަށް ހާޒިރު ނުކުރަން ރަައީސް ވަނީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުންނަށް އަންގައިފަ އެވެ.
ރައީސްގެ އެ އެންގުން ޕީއެންސީގެ މެންބަރުންނަށް ފޯރުކޮށްދިނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ.
"ރައީސްގެ ހުއްދަ ނެތި އެއްވެސް ވަޒީރެއް ވެސް އެއްވެސް ކޮމްޕެނީއެއްގެ އެމްޑީއެއް ވެސް މަޖިލިސް އަށް ހާޒިރު ނުކުރަން އެންގީ،" ޕީއެންސީގެ ސީނިއާ މެންބަރަކު މި ނޫހާ ވާހަކަ ދައްކަވަމުން މާޗް 4، ގައި ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ އެ ނިންމެވުމަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުންނެވެ. އެކަމަށް ފާޑުވިދާޅުވެ ހިޔާލު ފާޅު ކުރެއްވި އެއް ބޭފުޅަކީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއީލް ނަސީމެވެ.
"ވަޒީރުން ހާޒިރުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅޭ ސުވާލުކުރުން ފަދަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ އަސާސީ މަސްއޫލިއްޔަތުތަކަށް މުއިއްޒު ދަނީ ހުރަސްއަޅަމުން. މިވަގުތު ވެސް ވަޒީރުންނާ ސުވާލު ކުރުމުގެ ނޯޓިސް ހަމަވެ، އެޖެެންޑާ ނުކޮށްވާ ކިތަންމެ ސުވާލެއް އެބަވޭ،" މީކާއީލް ވިދާޅުވި އެވެ.
އާންމުންގެ ވަރަށް ގިނަ ބަޔަކު ވެސް ދަނީ ރައީސް މުއިއްޒުގެ އެ ނިންމެވުމަށް ފާޑުކިޔަމުންނެވެ. ރައްޔިތުންގެ މަޖިލީހަކީ މިހާރު "ސަރުކާރުގެ މަޖިލީހެއް" ކަމަށް ބައެއް މީހުން ބުނިއިރު، އަނެއްބައި މީހުން ރައީސް މުއިއްޒު ސިފަ ކުރީ ޖަރުމަނުގައި ވެރިކަން ކުރި ގާތިލު "ހިޓްލަރު" ގެ ގޮތުގައި އެވެ.
އޭގެ އިތުރުން، ރައީސް މުއިއްޒުގެ ހުއްދަ ނެތި މެންބަރުންނަށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ނުދެއްކޭ ގޮތަށް ހަމަޖައްސާފައިވާކަމުގެ އަޑުތައް ވަނީ އަރައިފަ އެވެ.
"ޕީއެންސީގެ މެންބަރުން މިހާރު މަޖިލިސް ތެރޭގައި ސަރުކާރާ ދެކޮޅަށް ވާހަކަދައްކަމުން ދާތީ، ބަސް ބުނަމުން ދާތީ މަނާކޮށްފި ވާހަކަދެއްކުން، ވަކި ބަޔަކަށް ނޫނީ މިހާރު މަޖިލީހުގައި ޕީއެންސީ މެންބަރުންނަށް ވާހަކަދެއްކުން މަނާކޮށްފި، މިއަދު ވެސް، މިއަދު ވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ބައެއް މެންބަރުން އާދޭސްކޮށް އެދިގެން ދިޔަ އެހެންނަމަވެސް ލީޑަރު، މި ފަލާހު މި ބުނަނީ ނެތޭ ދެވޭކަށް މަތިން އަންގާފައޭ އޮތީ ބައެއް މީހުންނަށޭ ފުރުސަތު ދެވޭނީ،" ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީއެއް ބޭނުންވެއްޖެ ހިނދެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ނޮވެމްބަރު 20، 2024، ގައި ސަރުކާރުގެ ހިންގާ ޕާޓީއިން ގާނޫނުއަސާސީ ބަދަލު ކުރި އެވެ.
އެ ބަދަލު ބާތިލު ކުރަން އޭގެ ހަތަރު ދުވަސް ފަހުން ނޮވެމްބަރު 24، 2024، ގައި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން އެވެ.
މައްސަލަ ހުށަހެޅުމާއެކު، ސަރުކާރުން ދެން މަސައްކަތް ކުރާނީ ކޯޓަށް ނުފޫޒު ފޯރުވަން ކަމަށް ބުނެ އަޑުތައް އިވެން ފެށި އެވެ. އެންމެ ފުރަތަމަ އެ ވާހަކަ ދެއްކެވީ އިދިކޮޅު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
"މި ސަރުކާރުން ދެން އަޅާނެ ފިޔަވަޅަކީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުން. އެކަން ނުކޮށެއް ހުއްޓައެއް ނުލާނެ. ހަގީގަތުގައި މި ސަރުކާރުގެ ސިފަ ފެނިގެންދާނީ އޭރުން،" ޑިސެމްބަރު 10، 2024، ގައި ސޯލިހު ވިދާޅުވި އެވެ.
އޭގެ ފަހުން ޑިސެމްބަރު 8، ގައި އެމްޑީޕީން ވެސް އެކަމާ ގުޅޭ ބަޔާނެއް ނެރުނެވެ. އެ ޕާޓީގެ ފަރާތުން ނެރުނު ރަސްމީ ބަޔާނުގައި ބުނީ މަތީ ކޯޓުގެ ބައެއް ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށާއި، އެހެނިހެން ގޮތް ގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން،" އެމްޑީޕީން ބުންޏެވެ.
އެ ތުހުމަތުތައް ހަގީގަތަކަށްވާން ފެށީ އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަން އެ ކޯޓުން ނިންމުމުންނެވެ. އެ މައްސަލަ ބަލަން ކޯޓުން ނިންމީ ފެބްރުއަރީ 17، ގަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރުމުގެ ބިލެއް އޭގެ ފަސް ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް ހުށަހެޅި އެވެ.
ބިލުގައިވާ ގޮތުން، ބިލު ތަސްދީގު ކުރާ ހިސާބުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށަންޖެހެ އެވެ. ބިލުގެ ބޭނުމަށް ކޯޓުން ވަކި ކުރާ ފަނޑިޔާރުން ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅަންޖެހެ އެވެ.
ގާބިލު ނޫން ފަނޑިޔާރުން ކަނޑައަޅާއިރު، ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ދޭކަށްނުޖެހެ އެވެ. އަދި ކޯޓުން ކަނޑާލާނީ ކޮން ފަނޑިޔާރުންނެއްކަން ކަނޑައެޅުމުން މަޖިލީހުގެ ތަޅުމުން ނަގާ ވޯޓަކުން އެ ނަންތައް ފާސްކޮށް ފަނޑިޔާރުކަމުން ވަކި ކުރަންޖެހެ އެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ހޯމަ ދުވަހު އިއްވުމަށްފަހު، އަންގާރަ ދުވަހު ބަހުސް ކުރިއަށްގެންދިޔަ އެވެ. ހަމަ އެ ދުވަހު ކޮމިޓީ މަރުހަލާ ވެސް ނިންމައިލި އެވެ. އަދި ބުދަ ދުވަހު، ބިލު އޮތް ގޮތަށް ފާސް ކުރި އެވެ. ބިލު ފާސް ކުރި ދުވަހަށް ވެސް ގޮނޑި ގެއްލުވައިލެވޭ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި އޮތީ ތާވަލު ކޮށްފަ އެވެ.
ބިލު ފާސް ކުރުމާއެކު ސަރުކާރުން ކޮންޓްރޯލް ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުއްލި ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ފާސްކޮށްލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރާއި އަޒްމިރާލްދާ ޒާހިރު ސަސްޕެންޑު ކުރުމަށެވެ.
އެއާއެކު ޕާޓީތަކަށް ގޮނޑި ގެއްލުވައިލެވޭ މައްސަލަ ސަރުކާރުން ހުއްޓުވައިލިި އެވެ. އެފަދަ ދުސްތޫރީ މައްސަލައެއް ބެލޭނީ ސުޕްރީމް ކޯޓު ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. އެހެންކަމުން އެންމެ ފަނޑިޔާރަކު މަދު ނަމަވެސް ދުސްތޫރީ މައްސަލައެއް އެ ކޯޓުގައި ނުހިންގޭނެ އެވެ.
ސަރުކާރުން ސުޕްރީމް ކޯޓަށް އަތް ބާނަން ފެށުމުން ވަރަށް ގިނަ ބޭފުޅުންގެ ފާޑުކިޔުން އަމާޒުވި އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.
"އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމުގެ މުސްތަގިއްލުކަން ނިގުޅައިގަނެ، ފަނޑިޔާރުންނަށް ނޭދެވޭ ނުފޫޒު ފޯރުވުމަށް ހިންގޭ ގައިރު ދުސްތޫރީ އަމަލެއްކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓުން އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއް ބަލަމުން ދާ ދަނޑިވަޅެއްގައި، ކޯޓަށް ނުފޫޒުފޯރާ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކުރާނަމަ، އެއީ ދުސްތޫރީގޮތުން ސައްހަ އަމަލެއް ކަމުގައި ނުބެލެވޭނެ،" ދީދީ ވިދާޅުވި އެވެ.
ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ އަދި ދެމި އޮންނަނީ ރައްޔިތުންގެ އަތުގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެ ބާރު ހަގީގަތުގައި ލިބެނީ އެހެން ބާރުތައް ވެސް މިނިވަންކަމާއެކު އޮތުމުންނެވެ.
ގާނޫނުއަސާސީއިން ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު އެއް ބާރަކީ ގާނޫނު ހަދާ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމުގެ ބާރެވެ. އެއީ ރައްޔިތުންގެ މަންދޫބުން ބޭނުންކޮށްގެން ގާނޫނު ހަދައި، ވެރިކަން ހިންގާ ބާރު ޒިންމާދާރު ކުރުވުމުގެ ބާރެވެ.
އެކަމަކު، ރައްޔިތުންގެ މަޖިލީހުގައި މިއަދު ހިނގަނީ ސަރުކާރުގެ ބާރެވެ. ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 75 މެންބަރުންނަކީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ. އެ މަންބަރުން ތިއްބެވީ ޕާޓީގެ ތަޅެއްގައި ޖެހިފަ އެވެ.
މެންބަރުން ތަޅު އަޅުވަން ނޮވެމްބަރު، 2024، ގައި އެ މެންބަރުން އަމިއްލައަށް ގާނޫނުއަސާސީ ވެސް ބަދަލު ކުރި އެވެ. މިހާރު ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ އެ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުން ވެސް ވަކިވާނެ އެވެ.
އެއާއެކު، ކުރިން ވެސް ސަރުކާރުގެ މުށު ތެރޭގައި އޮތް ޕީއެންސީގެ މެންބަރުން އިތުރަށް ވަނީ އަޅުވެތިވެފަ އެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ، ޕާޓީއިން އަންގައިގެން ގައިރު ގާނޫނީީ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމެވެ. އެއީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް އެ މަޖިލީހުން ފާސް ކުރި ބިލެވެ.
އެ ބިލަށް ވޯޓު ދޭން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވަރަށް ހަރުކަށިކޮށް މެންބަރުންނަށް އެންގި އެވެ. ގައިރު ގާނޫނީ ބިލަށް ވޯޓު ދޭން އެންގީ ރައީސް މުއިއްޒު ހިމެނޭ ޕީއެންސީގެ ލީޑާޝިޕުން އަންގައިގެން ކަމަށް ފަލާހު ވިދާޅުވެ އެވެ. އެ އެންގުމާއެކު، ބިލަށް ވޯޓު ދިނުމަށް އަންގައި ތްރީލައިން ވިޕެއް ވެސް ޕާޓީއިން ނެރުނެވެ.
"މަޖިލީހަށް ހުށަހަޅާފައިވާ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ، އެ ބިލަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ތާއީދު ކުރުމަށް ޕީއެންސީގެ ލީޑާޝީޕުން ނިންމާފައިވާތީ، އިއްޒަތްތެރި ހުރިހާ މެމްބަރުން ވެސް މި ބިލަށް ތާއީދުކޮށްދެއްވައި ބަހުސް މަރުހަލާގައި ވެސް ބިލަށް ތާއީދުކޮށް ވާހަކަ ދެއްކެވުން އެދެން،" މެންބަރުންނަށް ފަލާހު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވެ އެވެ.
ޕީއެންސީގެ އެންމެ މެންބަރެއް ފިޔަވައި މަޖިލީހަށް ހާޒިރުވި ހުރިހާ މެންބަރުން އެ ބިލަށް ފެބްރުއަރީ 26، ގައި ވޯޓު ދިނެވެ. ވޯޓު ނުދެއްވީ މެންބަރު އަހުމަދު އަޒާން އެވެ. އޭނާ އެ ބިލަށް ވޯޓު ނުދެއްވީ އެއީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށްވާތީ އެވެ. ނަމަވެސް ގައިރު ގާނޫނީ އެ ބިލަށް ވޯޓު ނުދެއްވުމުން ރައީސް މުއިއްޒު ވަނީ އަޒާން ކުށްވެރި ކުރައްވައިފަ އެވެ.
"ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅީމަ އެޔާ ހިލާފު ވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން. އެއްވެސް ފަހަރަކު،" ޕީއެންސީގެ މެންބަރުންނަށް ރައީސް މުއިއްޒު މުއިއްޒު ފޮނުއްވި މެސެޖެއްގައި ވިދާޅުވި އެވެ.
އެ ބިލަށް ވޯޓު ނުދެއްވައިގެން އަޒާން ކުށްވެރި ކުރެއްވުމަށްފަހު އެ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ފަހުން ރައީސް މުއިއްޒު ވެސް ފަހުން އެއްބަސްވެވަޑައިގެންނެވި އެވެ. އެ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވީ އެ ބިލު ތަސްދީގު ނުކުރައްވައި މަޖިލީހަށް ފޮނުވައިލެއްވުމަށްފަހު ފޮނުއްވި ސިޓީގަ އެވެ.
"އެ ގާނޫނުން [ބިލުން] ކަނޑައަޅައިދޭ އާ އިޖުރާއަތު ފުރިހަމަ ކުރުމަކީ ފަނޑިޔާރުން މަގާމުން ވަކި ކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ހ. ގައި ބަޔާން ކުރާ ގޮތުގެ މަތިން މަގާމުގައި މިހާރު ދެމިތިބި ފަނޑިޔާރުން ނުވަތަ މަގާމުގައި ހުރި ފަނޑިޔާރަކު އޭނާ ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުން ބޭރު ނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްގެންނުވާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލާ ފުށުއަރާ ގޮތަށް ހިންގޭނެ އިޖުރާއަތެއް ކަމަށް ބެލެވިދާނެ ކަމަށް ފެނޭ،" ރައީސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
~~
ގާނޫނުއަސާސީއެއް ދިވެހިރާއްޖޭގައި އޮތަސް އެ ފޮތުގެ ބާރެއް މި ރާއްޖެއަކު މިއަދު ނުހިނގަ އެވެ. ގައުމުގެ ހުރިހާ ކަމެއް ހިނގަނީ އެއް ބޭފުޅަކު ބޭނުންވެވަޑައިގަންނަވާ ގޮތަށެވެ. ބާރުތައް މި އޮތީ އެކެއްގެ އަތް މަތީގަ އެވެ. މިވަގުތު، ބާރުތައް ފެށެނީ އަދި ދެމި އޮތީ ވެސް މުލީއާގޭގަ އެވެ.
0.00%
40.00%
60.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment