އައްޑޫ މަތިކިޅީގައި އަލިފާން ރޯވެ އަނދަނީ

19 މާރިޗު 2025 - 16:59 0

މުހައްމަދު ޝަހްޒާން

މ

އައްޑޫ ސިޓީގެ މީދޫ އާއި ހުޅުދޫ ގުޅޭ ސަރަހައްދުގައި މެދަށްވާ ގޮތަށް އޮންނަ މަތިކިޅީގައި ރޯވެ އަނދަނީ: އެ ތަނަކީ ހިމާޔަތް ކޮށްފައި އޮންނަ ސަރަހައްދެއް -- ފޮޓޯ: ސޯޝަލްމީޑިއާ


އައްޑޫ މަތިކިޅީގައި އަލިފާން ރޯވެ އަނދަނީ

19 މާރިޗު 2025 - 16:59 0

އައްޑޫ މީދޫ، މަތިކިޅި އިކޯ ގާޑަންގައި އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.

އައްޑޫ މީދޫ ކައުންސިލަރު، އާމިނަތު ސާލިހާ އަދަދު ނޫހަށް ވިދާޅުވީ މަތިކިޅީގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓު އެންމެ ފުރަތަމަ ލިބުނީ މިއަދު މެންދުރު 11:45 ހާއިރު ކަމަށެވެ. އެ ވަގުތުން ފެށިގެން އެ ތަނުގައި ރޯވެ ފެތުރެމުންދާ އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުގެ ބޭފުޅުން މެންދުރުން ފެށިގެން ކުރަމުން ދަނީ، އެކަމަކު މި ދުވަސް ކޮޅަކީ ވަރަށް ހޫނުގަދަ ދުވަސްކޮޅެއް ވީމާ އަލިފާން ނިއްވުމުގައި ދަތިތަކެއް ކުރިމަތިވަމުން ދަނީ. ދެން އިންޑިއާގެ އެފްކޮންސްގެ މީހުން ވެސް އަލިފާން ނިއްވުމަށް އެހީތެރި އެބަވޭ،" ސާލިހާ ވިދާޅުވި އެވެ.

މިއީ ކައިރި ކައިރީގައި މީދޫ މަތިކިޅީގައި އަލިފާން ރޯވި ދެވަނަ ފަހަރެވެ. މީގެ ކުރިން މި އަހަރު ކުރީކޮޅު، ޖެނުއަރީ މަސް ތެރޭގައި ވެސް އެ ތަނުގައި އަލިފާން ރޯވެ ބޮޑު ސަރަހައްދެއް އަނދައިގެންދިޔަ އެވެ.

ސާލިހާ ވިދާޅުވީ އެ ތަނުގައި އަލިފާން ރޯވާން މެދުވެރިވާ ސީދާ ސަބަބެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެ ރަށު މީހުން ތުހުމަތު ކުރަނީ އެ ސަރަހައްދު ކައިރީގައި ކެޔޮފަތް ހައްދާ މީހުންގެ ފަރުވާ ކުޑަކަމުން އަލިފާން ރޯވަނީ ކަމަށެވެ.

"އަދިވެސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނީ، މިހާރު ގަމުގެ ފަޔާ އެންޑް ރެސްކިއު ބޭފުޅުންގެ ޓީމެއް ވެސް މި ރަށަށް އައިސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނީ،" އޭނަ ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ މީދޫ އާއި ހުޅުދޫ ގުޅޭ ސަރަހައްދުގައި މެދަށްވާ ގޮތަށް އޮންނަ މަތިކިޅި އަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 2020 ގައި ހިމާޔަތް ކޮށްފައި އޮންނަ ޗަސްބިމެކެވެ.