ގޫގުލްގެ ޖެމިނައި އަށް ކެންވަސް އަދި އޯޑިއޯ އޯވަވިއު ފީޗާ ތައާރަފުކޮށްފި

19 މާރިޗު 2025 - 03:32 0

އަހުމަދު ދާއޫދު

އ

ގޫގުލްއިން ޖެމިނައި ޕްރޮމޯޓް ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން --


ގޫގުލްގެ ޖެމިނައި އަށް ކެންވަސް އަދި އޯޑިއޯ އޯވަވިއު ފީޗާ ތައާރަފުކޮށްފި

19 މާރިޗު 2025 - 03:32 0

ގޫގުލްއިން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް ޖެމިނައި އަށް ކެންވަސް އަދި އޯޑިއޯ އޯވަވިއު ފީޗާ ތައާރަފުކޮށްފި އެވެ.

ކެންވަސް ފީޗާއަކީ އޯޕަން އޭއައިގެ ޗެޓްޖީޕީޓީ އަދި އެންތްރޮޕިކްގެ އާޓިފެކްޓްސް އާ އެއްގޮތް ފީޗާ އެކެވެ. ކެންވަސް އަކީ ޖެމިނައި ބޭނުންކުރާ ފަރާތްތަކަށް ލިޔުންތެރިކަމާއި ކޯޑިން ޕްރޮޖެކްޓްތައް އުފެއްދުމަށާއި، އިތުރަށް ރަނގަޅުކުރުމަށާއި އަދި ހިއްސާކުރުމަށް ބޭނުންކުރެވޭނެ އިންޓަރެކްޓިވް ސްޕޭސް އެކެވެ.

ޖެމިނައިގެ ޕްރޮޑަކްޓް ޑިރެކްޓަ ޑޭވް ސިޓްރޮން ވިދާޅުވި ގޮތުގައި ކެންވަސް ފަރުމާކުރެވިފައި ވަނީ ޖެމިނައި އާއެކު ފަސޭހައިން މަސައްކަތްކުރެވޭ ގޮތަށެވެ. މި އައު ފީޗާތަކާއެކު ޖެމިނައި އަކީ އިތުރަށް ހަރުދަނާ އެހީތެރިއަކަށް ވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ބޭނުންކުރާ ފަރާތްތަކުގެ ހިޔާލުތައް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖެމިނައި ކެންވަސް އަކީ ވެބް އަދި މޮބައިލް އެޕްލިކޭޝަންގައި ޕްރޮމްޕްޓް ބާ މެދުވެރިކޮށް ބޭނުންކުރެވޭނެ ފީޗާ އެކެވެ. މި ފީޗާ ބޭނުންކޮށްގެން ދިގު މެސެޖުތައް ޑްރާފްޓްކޮށް، އެޑިޓްކޮށް އަދި އިތުރަށް ރަނގަޅުކުރެވޭނެ އެވެ. އަދި ޑްރާފްޓްގެ ވަކި ބައިތައް އަޕްޑޭޓްކޮށް، ޓޯން، ދިގުމިން އަދި ފޯމެޓިން ބަދަލުކުރެވޭނެ އެވެ.

ކެންވަސްއާއެކު، ގޫގުލްއިން ނޯޓްބުކްއެލްއެމްގެ އޯޑިއޯ އޯވަވިއު ފީޗަ ވެސް ޖެމިނައިއަށް ވަނީ ގެނެސްފަ އެވެ. އަންގާރަ ދުވަހު އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ގޫގުލްގެ ނޯޓްބުކްއެލްއެމް ވައިރަލްވީ މިދިޔަ އަހަރު އޯޑިއޯ އޯވަވިއުގެ ސަބަބުންނެވެ. މިއީ ޑޮކިއުމަންޓްތައް، ވެބްޕޭޖްތައް، އަދި އެހެނިހެން މަސްދަރުތަކުގެ ޕޮޑްކާސްޓް ފެންވަރުގެ އޯޑިއޯ ޚުލާސާތައް އުފައްދާ ފީޗަރެކެވެ.

ނޯޓްބުކްއެލްއެމްގެ އޯޑިއޯ އޯވަވިއުގައި ހުރިފަދައިން، ޖެމިނައިގެ އޯޑިއޯ އޯވަވިއުއިން ވެސް ގިނަ ބާވަތްތަކުގެ ފޯމެޓްތަކުގައި ފައިލްތަކާއި ކޮންޓެންޓް ބަލައިގަނެއެވެ. ޕްރޮމްޕްޓް ބާ މެދުވެރިކޮށް ޑޮކިއުމަންޓެއް އަޕްލޯޑްކުރުމުން އޯޑިއޯ އޯވަވިއު ޝޯޓްކަޓް އެކްޓިވްވާނެ އެވެ. އަދި ހުލާސާއެއް އުފެއްދުމަށްފަހު، އެ ހުލާސާ ޑައުންލޯޑްކުރުމުގެ ނުވަތަ ވެބް ނުވަތަ މޮބައިލްގައި ހުރި ޖެމިނައި އެޕް މެދުވެރިކޮށް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކެންވަސް އަދި އޯޑިއޯ އޯވަވިއު އަންގާރަ ދުވަހުން ފެށިގެން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ޖެމިނައި ބޭނުންކުރާ ފަރާތްތަކަށް ހިލޭ ލިބެން ހުންނާނެ އެވެ. ނަމަވެސް ކެންވަސްގެ ކޯޑް ޕްރިވިއު ފީޗާ މިވަގުތަށް ލިބެން ހުންނާނީ ވެބްގައި އެކަންޏެވެ. އަދި އޯޑިއޯ އޯވަވިއު ހުލާސާތައް ވެސް އަދި ވަނީ އިނގިރޭސި ބަހަށް އެކަނި ލިމިޓްކުރެވިފައެވެ.

މި ފަދަ ވޯކްސްޕޭސްތައް ތައާރަފުކުރުމަކީ އޭއައި ކުންފުނިތަކުން އެ ކުންފުނިތަކުގެ ޗެޓްބޮޓް ޕްލެޓްފޯމްތައް ފުރިހަމަ ޕްރޮޑަކްޓިވިޓީ ސޮފްޓްވެއަރތަކަކަށް ބަދަލުކުރުމަށް ކުރާ މުހިންމު މަސައްކަތެކެވެ. މި ފަދަ ވާރކްސްޕޭސްތަކުން ޓެކްސްޓް ބޭސްޑް އިންޓަރފޭސްތަކަށްވުރެ އިތުރު ތަޖްރިބާތައް ލިބޭނެ ކަމަށާއި، އަދި ކޯޑު ރިއަލްޓައިމްކޮށް ޕްރިވިއުކުރެވޭނެ ކަމަށް ގޫގުލްއިން ބުނެއެވެ.