about 16 hours 0
about 16 hours 0
މިލާން (މާޗް 16) - އިނގިރޭސި މިޑްފީލްޑަރު، ޑެލެ އަލީ، ދެ އަހަރު ތެރޭގައި ކުޅުނު ފުރަތަމަ މެޗުގައި 10 މިނިޓް ތެރޭ އޭނާ އަށް ރަތް ކާޑެއް ދައްކައިފި އެވެ.
އިޓަލީގެ ކްލަބް ކޯމޯ އަށް ދާދި ފަހުން ބަދަލުވި، އަލީ، 28، އަށް ރަތް ކާޑު ދެއްކީ، އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން އަތުން 2-1 އިން ކޯމޯ ބަލިވި މެޗުގެ އިތުރު ވަގުތުގަ އެވެ. ކޯމޯ އިން ފުރަތަމަ ހާފުގައި ޑަ ކޫންޏާގެ ގޯލުން ލީޑުނެގިއިރު، މިލާނުން ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލީ ކްރިސްޓިއަން ޕުލިސިޗް އާއި ޓިޖާނީ ރައިންޑާސް ޖެހި ގޯލުންނެވެ.
މި މެޗުގެ 81 ވަނަ މިނިޓްގައި ކުޅެން ނުކުތް އަލީ އަށް ރަތް ކާޑު ދެއްކީ، އިތުރު ވަގުތުގެ ތެރޭގައި މިލާނުގެ އިނގިރޭސި މިޑްފީލްޑަރު، ރުބެން ލޮފްޓަސް ޗީކް އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ. އަލީ އަށް ދެއްކި ރީނދޫ ކާޑު ރަތް ކާޑަކަށް ބަދަލުކުރީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.
އަލީ (ކ) ލޮފްޓަސް ޗީކް އަށް ފައުލުކުރަނީ.
އޭގެ ފަހުން، ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކުރިތަނުން، ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް އަށް ވެސް ރަތް ކާޑެއް ދެއްކި އެވެ.
ޑިޕްރެޝަނުގެ ޝިކާރަ އަކަށްވެ، ފުޓްބޯޅައާ ދުރުގައި ގިނަ ދުވަސްތަކެއް މިދިޔަ ދެ އަހަރުގައި އަލީ ހުންނަން ޖެހުނެވެ. އިނގިރޭސި ގައުމީ ޓީމަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި އަލީ، އެންމެ ފަހުން މެޗެއް ކުޅެފައިވަނީ، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއީ، އެވަޓަންގެ ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ބެސިކްޓާސް އަށެވެ.
މި ނަތީޖާއާ އެކު، ކޯމޯ އޮތީ އިޓާލިއަން ލީގުގެ 13 ވަނައިގަ އެވެ. މިލާން އޮތީ ހަތް ވަނައިގަ އެވެ.
Comment