16 މާރިޗު 2025 - 09:36 0
16 މާރިޗު 2025 - 09:36 0
ބާލިން (މާޗް 16) - ޖަރުމަނު ލީގުގައި ރޭ ޔޫނިއަން ބާލިން އިން 1-1 އިން ބަޔާން މިއުނިކާ އެއްވަރުކުރިއިރު، އާރްބީ ލައިޕްޒިގުން 2-0 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.
ޖެހިޖެހިގެން ދެ ހަފްތާގައި މި ވަނީ ލީގުގެ އެއް ވަނައިގައި އޮތް ބަޔާން އަތުން ޕޮއިންޓް ގެއްލިފަ އެވެ. އެ ގޮތުން، މި ނަތީޖާއާ އެކު ބަޔާން ލީގުގެ އެއް ވަނައިގައި އޮތީ، 26 މެޗުން 62 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަނަށް ވަނީ 25 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ލެވަކޫސަނުން ލީގުގައި މިރޭ ނުކުންނާނީ، ރަށުންބޭރުގައި ސްޓުޓްގާޓާ ދެކޮޅަށެވެ.
ޔޫނިއަން ބާލިން އިން ރޭގެ މެޗުގައި ޑިފެންސިވް ކުޅުމެއް ދެއްކުމާ ގުޅިގެން، ބަޔާނަށް އެ ޓީމުގެ ޑިފެންސް ފޫއަޅުވައިލައި ގޯލެއް ޖެހުން ވީ އުނދަގޫ ކަމަކަށެވެ. ބަޔާނުން ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ކުރެވުނީ މެޗުގެ 75 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ފަަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ލެރޯއި ސާނޭ އެވެ.
ލީޑުގައި ބަޔާނަށް އޮވެވުނީ އަށް ވަރަކަށް މިނިޓް ވަންދެނެވެ. ޔޫނިއަން ބާލިންގެ ބެނެޑިކްޓް ހޯލާޝްބެކް ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ބާކީ އޮތް ވަގުތުގައި ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ ބެލި ނަމަވެސް ބަޔާނަށް އެކަން ހާސިލެއްނުކުރެވުނެވެ.
ލައިޕްޒިގުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވިއިރު، ޑޯޓްމަންޑް ކޮޅަށް ގޯލުތައް ޖެހީ، ޒަވީ ސިމޯންސް އާއި ލޮއިސް އޮޕެންޑާ އެވެ. ލައިޕްޒިގުގެ ގޯލުތަކަށް ފަހު، ޑޯޓްމަންޑުން ވެސް ކުޅުން ރަނގަޅުކޮށް، ވަރުގަދަ ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން، ޑޯޓްމަންޑްގެ މެކްސް ބައިއާ ޖެހި ދެ ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.
މި މޮޅާ އެކު، ލައިޕްޒިގު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. ތިން ވަނައިގައި އޮތް މައިންޒަށް 26 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އައިންޓްރަކްޓް ފްރޭންކްފާޓާއި ފަހެއްގައި އޮތް ލައިޕްޒިގު އަދި ހައެއްގައި އޮތް ފްރައިބާގަށް ވަނީ 42 ޕޮއިންޓް ލިބިފަ އެވެ. ފްރޭންކްފާޓުން އޮތީ ލައިޕްޒިގާއި ފްރައިބާގަށް ވުރެ އެއް މެޗު މަދުން ކުޅެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment