Advertisement

ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތްކުރަން ކުޅުުންތެރިން ކުރަނީ ގައުމީ މަސައްކަތެއް

about 16 hours 0


ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތްކުރަން ކުޅުުންތެރިން ކުރަނީ ގައުމީ މަސައްކަތެއް

about 16 hours 0

ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތްކުރަން ގައުމީ ޓީމުގެ ކުޅުންތެރިން އެ ކުރަނީ ގައުމީ މަސައްކަތެއް ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ މެޗެއްގައި އިންޑިއާއާ ދެކޮޅަށް މި މަހު 19 ވަނަ ދުވަހު ކުޅޭ މެޗަށް ފުރުމުގެ ކުރިން މާލޭގައި ބޭއްވި އެންމެ ފަހު ޕްރެކްޓިސް ބަލައިލުމަށް ގަލޮޅު ދަނޑަށް ވަޑައިގެންނެވުމަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ލިބުނު ދުވަސްކޮޅުގައި، ޓީމަށް ތައްޔާރުވެވޭނެ އެންމެ ރަނގަޅަށް އެކަންކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާ އަކީ އަބަދުވެސް ރާއްޖޭން ވަރަށް ސީރިއަސްކޮށް ނަގާ މެޗެއް ކަމަށެވެ.

"އިންޑިއާ އަކީ އަބަދުވެސް އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ނަގާ މެޗެއް. އަދި ފްރެންޑްލީ ވިޔަސް. އިރާދަކުރެއްވިއްޔާ ޓީމުގެ މެކްސިމަމް އެފަޓްލާނެ ކަމާ މެދު ޝައްކެއް ނުކުރަން،" ރާފިއު ވިދާޅުވި އެވެ.

"ފިލިޕީންސްގައި އޮންނަ މެޗަކީ، އެންމެ މުހިންމު މެޗު، ސަބަބަކީ ކޮލިފިކޭޝަނާ ގުޅުންހުރި މެޗެއް ވީމަ، އެ މެޗަށް ޕްރެޕެއާ ވުމަށްޓަކައި މި މެޗަކީ ވަރަށް މުހިންމު މެޗެއް. އެހެންވީމަ، މި ދެ މެޗު ވެސް މުހިންމު ސަބަބުތައް ގިނަ، އުންމީދަކީ މި ދެ މެޗު ވެސް ވަރަށް ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް،"

މީގެ ކުރިން ގައުމީ ޓީމުގެ ޑޮކްޓަރުގެ މަގާމާއި މެނޭޖަރެއްގެ ރޯލު ވެސް އަދާކޮށްފައިވާ ރާފިއު ވިދާޅުވީ، ގައުމީ ޓީމުން މީގެ ކުރިން ވެސް ވަރަށް އުނދަގޫ ހާލަތްތަކުގައި މަަސައްކަތްކޮށްފައިވާ ކަމަށެވެ. އެ ގޮތުން، ކޮވިޑް-19ގެ ކަންތައްތަކަށް ފަހު، އޭޝިއަން ކަޕް ކޮލިފައިންގައި ޗައިނާގައި މެޗުތައް ނުކުޅެވި ފަހު ވަގުތު އެ މެޗުތައް ދުބާއީ އަށް ބަދަލުވެ، އެ ހާލަތްތަކުގެ ތެރޭގައި ވެސް ދަތިތަކެއް ތަހައްމަލުކުރަން ޖެހުނުކަން ރާފިއު ފާހަގަކުރެއްވި އެވެ.

"ކުޅުންތެރިންގެ މެންޓަލިޓީ އޭރު ވެސް ވަރަށް ރަނގަޅު. މިހާރު ފުޓްބޯޅަ މި އޮތް ހާލަތުގައި ވެސް ކުޅުންތެރިންގެ ވިސްނުން ޕޮޒިޓިވް،" ރާފިއު ވިދާޅުވި އެވެ. "ފުޓްބޯޅަ މި އޮތް އަޑިގަނޑުން ސަލާމަތްކުރަން ކުޅުންތެރިން އެކުރަނީ ގައުމަށްޓަކައި ވެސް ވަރަށް ބޮޑު މަސައްކަތެއް،"

ފުޓްބޯޅަ ސީޒަން އަަވަހަށް ފެށުމަކީ ވެސް އުފަލެއް

ހަތަރު ފަހަރަށް ކަލަންޑަރު ކުރުމަށް ފަހު މިހާރު އެފްއޭއެމް އިން ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައި އޮތްއިރު، އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ މެޗެއް ކުޅެފައިވަނީ، 2023 ވަނަ އަހަަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަލުން ފުޓްބޯޅަ ފަށަން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން އައިއިރު، އެކި ފަހަރު މަތިން ފުޓްބޯޅަ މުބާރާތްތައް ފަށަން ކުރަން ޖެހޭ މަސައްްކަތްކަަށް ބަލާއިރު، ކަންކަން ދިގުލައިދިޔައީ އެވެ.

ފުޓްބޯޅަ ފެށޭނެތޯ މިދިިޔަ އަހަރު ސުވާލުތައް އަމާޒުވަމުންދިޔައިރު، ޖަވާބެއް ދޭން އުނދަގޫ ހާލަތްތަކެއް ވެސް ކުރިމަތިވިކަން ފާހަގަކޮށް، މިނިސްޓަރު ރާފިއު ވިދާޅުވީ، އޭރު ޖަވާބެއް ދޭން އުނދަގޫވެފައި އޮތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބްތައް ވެސް އޮތް ހާލަތުން ކަމަށެވެ.

އެކަމަކު، މިހާރު އެފްއޭއެމް ނޯމަލައިޒިން ކޮމިޓީ އާއި ކްލަބްތަކާ ގުޅިގެން ކުރެވުނު މަސައްކަތުން ފުޓްބޯޅަ އަވަހަށް ފަށަން ތާވަލާ އެއްގޮތަށް މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަލުން ފަށަން ބަލާއިރު ވެސް ގިނަ ޓީމުތަކަށް އަދިވެސް މާލީ ގޮތުން އަހަރުތަކެއް ވަންދެން އައިސްފައި ހުރި ކަންކަން އެބަހުރި، ކްލަބް ލައިސަންސިންގެ ގޮންޖެހުންތަކެއް ހުންނާނެކަން އެނގޭ. އެކަންކަން ވެސް މަޑުމަޑުން ކުރިއަށްދާނެ ކަމާ މެދު އުންމީދު އެބައޮތް،" ރާފިއު ވިދާޅުވި އެވެ.

"ފުޓްބޯޅަ އޮތް ހާލަތަށް ބަލާއިރު، ބޮޑު ކުރިއެރުމެއް ލިބިފައި މި ވަނީ އަލުން ފެށުމަށްޓަކައި، އެހެންނަމަވެސް މީކީ އެއްވެސް ވަރަކަށް އަދި ދާން ބޭނުންވާ ހިސާބެއް ނޫން. ބޭނުންވަނީ، މިއަށް ވުރެ މާ ރަނގަޅަށް އޮގަނައިޒްވެގެން އެސޯސިއޭޝަން ވެސް މި އަށް ވުރެ ރަނގަޅަށް ފޯމު ވެގެން، ރަނގަޅު ގޮތެއްގައި، ފޯރިއާ އެކީގައި ޖޯޝާ އެކީގައި މުބާރާތް ކުރިއަށް ގެންދިއުން،"

ރާފިއު ވިދާޅުވީ، ކަންކަން ރަނގަޅުކުރަން ސްޕޯޓްސް މިނިސްޓްރީން ނޯމަަލައިޒިން ކޮމިޓީ އާއި ފީފާއާ ގުޅިގެން ގިނަ މަސައްކަތަކެއް ކުރެވޭ ކަމަށެެވެ.