Advertisement

ދަރިފުޅު ދުވަހަކު ވެސް ވޭޕެއް ނުކުރޭ: ސާޖިދާ

15 މާރިޗު 2025 - 14:20 6

އަހުމަދު އާއިދު

އަހުމަދު އާއިދު

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު: ސާޖިދާ ވިދާޅުވީ ދަރިފުޅު ދުވަހަކު ވެސް ވޭޕެއް ނުކުރޭ ކަމަށް --- ފޮޓޯ: ރައީސް އޮފީސް


ދަރިފުޅު ދުވަހަކު ވެސް ވޭޕެއް ނުކުރޭ: ސާޖިދާ

15 މާރިޗު 2025 - 14:20 6

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމެއިރު މުހައްމަދަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ކުއްޖެއް ނޫން ކަމަށާއި އޭނާ ވޭޕް ނުކުރާ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސާޖިދާ މިހެން ވިދާޅުވީ އުމައިރު ދުންފަތު އިސްތިއުމާލު ކުރާ ކަމަށާއި, ވޭޕު މަނާކުރީ އޭނާ ވޭޕުކުރާތީ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ނެރުއްވި ބަޔާނުގަ އެވެ.

"މި ފުރުސަތުގައި އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި، ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާއެކު ދަންނަވަން،" ސާޖިދާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

މިކަންތައްތަކުގެ ސަބަބުން އުމައިރުގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުސަތުތައް ވަނީ ހުޅުވިގެން ގޮސްފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރައްވާ ކަމަށްވެސް ސާޖިދާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ރައީސްގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ އާއިލާގެ ގާނޫނީ ވަކީލު، އާޒިމާ ޝަކޫރު ވިދާޅުވީ ރައީސްގެ ބޭފުޅުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަކީ ޖިނާއީ ދައުވާ އުފުލޭ ވަރުގެ ވާހަކަތަކެއް ކަމަށެވެ.

ނަމަވެސް އެ ވާހަކަތަކާ ގުޅިގެން އެއްވެސް މީހަކާ ދެކޮޅަށް ޖިނާއީ ދައުވާއެއް އުފުލަން ރައީސްގެ އާއިލާއިން ނިންމާފައި ނުވާ ކަމަށާއި މި ހަފުތާ ތެރޭ މަދަނީ ދައުވާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ރައީސްގެ ބޭފުޅުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ދައުވާ އުފުލަން ނިންމާފައި ވަނީ އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ވާހަކަ ދެއްކި، މަރިޔަމް ޒުބެއިރު (މަންދީ) އާއި އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީއާ ދެކޮޅަށް ކަމަށެވެ.

އެ ދައުވާތައް އުފުލަން ނިންމާފައި ވަނީ ރައީސްގެ 18 އަހަރު ނުފުރޭ ބޭފުޅުންގެ ހައްގުތައް ގެއްލި އެ ބޭފުޅުން ނުރައްކަލަށް ހުށަހެޅިގެން ދިޔައީމާ ކަމަށް އާޒިމާ ވިދާޅުވި އެވެ.

ނަމަވެސް ދައުވާ ބައްޓަން ކުރައްވާނެ ގޮތެއް، ނުވަތަ ދައުވާ ކުރަނީ ސީދާ ކޮން ވާހަކަތަކެއް އެ ބޭފުޅުން ދައްކަވައިގެން ކަމެއް އާޒިމާ ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ މި މައްސަލަ އަދިވެސް ދިރާސާ ކުރަމުން ދާތީ އެކަމާ ބެހޭ އިތުރު މައުލޫމާތު މި ވަގުތު ހާމަ ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.