ނުމީހުން މީސްވަމުން އެބަ ކަމުދަމުންދޭ!

އާޓްވޯކް: އިސްމާއީލް އިމްދާދު


ނުމީހުން މީސްވަމުން އެބަ ކަމުދަމުންދޭ!

މުޖުތަމައުގައި އެހެރަ މީހާއާ، ދެން ޖެހިގެން އެހެރަ މީހާ އަދާކުރަމުން ގެންދާ ހަރުދަނާ ވަޒީފާއާއި، އޭނާގެ މަގާމުގެ ހައިބަތާއި، އޭނާއަށް ފަހިވެފައިހުރި އިނާޔަތްތައް ފެނުނީމާ މީހެއްގެ ހިތަށް ތަދުނުވާ ވަރެއް ނޫނެވެ. މި އެއްޗަކު މިތަނަކަށް އައީ ކިހިނެއްބާއޭ ހިތަށް އަރާވަރުގެ ކިތަންމެ 'އެއްޗެހިން' ދައުލަތް ހިންގުމުގެ އިސް ސަފުން ނުފެނޭތޯ އެވެ. އިހަށް ދުވަހާ ހަމައަށް ނުމީހެއް ކަމަށް މުޖުތަމައުއިން ދުށް މީހާ، ރަނގަޅު ހެޔޮވަރުގެ އިސްކޮޅަށް ދެމިލައި، މީހެއްގެ ލިބާހުގައި ނުކުމެ ހިދުމަތެއްތޯ އެއްޗެއް ކުޅައުމުގައި އުޅޭތަން ދެކޭން އަހަރުމެން އެބަ ތިބީމެވެ.

މިއުޅެނީ މީހަކަށް އެއްޗެއް ލިބުނީތީ ހިތުގައި ހަސަދައެއް ލައިގެނެއް ނޫނެވެ. އެހެން ހީފުޅުނުކުރައްވައްޗެވެ. ހިތުގެ މައްޗަށް ގަދަކޮށްގެން ސަވާރުވެގެން މިއުޅޭ ޝުއޫރަކީ ނިހާއީ ކަންބޮޑުވުމެކެވެ. މި މުޖުތަމައުގެ ވަރަށް ޒިންމާދާރު މަގާމުތަކާ ހަވާލުވެ ތިބި ބައެއް މީހުން ފެނުނީމާ ހިތުގައި ހިނގާ ކަންބޮޑުވުމެކެވެ. އޮތީ، އެވެނިމިވެނި ކަމެއް ނިންމާން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ދިނުމަށް ހަވާލުވެހުރީ އެވެނިމިވެނި މީހާކަން އެނގުނީމާ ވާ ކަންބޮޑުވުމަކާއި ހިތުގައި ހިނގާ ޑަރެކެވެ. އޭނާގެ ގޮތްބާވަތް މުޖުތަމައު ދަނެ އެވެ. އެ ހަވާލުވެ ހުރި ފަންނުގައި މާ ތަފާތު ހުނަރެއް ނެތްތަނުގައި، ހަމަ ބުއްދިއާއި ހޭވެރިކަމާވެސް ރުޅި އިންސާނެކެވެ. އުޑެއްބުޑެއް ނޭނގޭ ޖާހިލުންކަން ފައުޅުވަމުންދާއިރުވެސް، އެކަމުގައި ކުރާނޭ ކަމެއްނެތި ގައުމު އޮތީ ލާޗާރުވެފަ އެވެ. މި މުޖުތަމައުގެ އެންމެހައި އަފުރާދުންނަށް އޮތްގޮތީ، ދެއްވީމާ ދެއްވި ވަރަކަށް ރުހުންބާއޭ ހީވެ ކަންބޮޑުވެ، ގޮތް ހުސްވެފައި އެބަހުރީމެވެ.

Advertisement

އެހެންވިޔަސް، މިކަހަލަ ބޮޑު ކަމެއްގައި އަހަރެން ކަހަލަ ކެނަޔަކަށް ކުރެވޭނޭ އެއްކަމެއްވެސް އޮވެދާނެބާއޭ ހީވެ އެބަހުރީމެވެ. ކަންބޮޑުވުމެއް ފާޅުކޮށްލުން ފިޔަވައި އެހެން މަގެއް ނުވެސް ނެތީ އެވެ. ބަލާނޭ ލޮލަކާއި އަޑުއަހާނޭ ކަންފަތެއް މާދުރުގައި ނަމަވެސް ވެދާނޭކަމަށް އުއްމީދުކޮށްގެން މިކަހަލަ ދެތިން ޖުމުލައެއް އަތުރާލުން ފިޔަވައި އެހެން ގޮތެއް އޮތަސް އެގޮތެއް އަދި ފަހުމު ނުވެ، އަމަލަށް ނުގެނެވިގެން މިއުޅެނީ 'ހިތުގެ ޒަންގާލި ބޯވީމާ' ކަމަށް ނުވެދާނެބާ އެވެ.

ކުރާނޭ އިތުރު ކަމެއް ނުވިސްނިގެން، ކުރާން މި ގަސްތުކުރި ކަމަކީ ޅެމެއް ޝަރަހަކޮށްލުމެވެ. އަބްދުﷲ ފަހުމީދީދީގެ ޅެމެކެވެ. އަބްދުﷲ ފަހުމީދީދީތޯ އެވެ. އެއީ ދިވެހި ބަހުން ފުރަތަމަ ޅެން ހެއްދެވި، ނައިފަރު މައުލަވީ ހުތްއަލީދީދީގެ ދަރިކަލުންނެވެ. ދައުލަތުގެ އެތައް މަގާމެއް ފުރުއްވި އެވެ. ހާއްސަ ގޮތެއްގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމެވެ. މޮޅު ވާހަކަ ދެއްކުންތެރިއެއްގެ އިތުރުން ކުޅަދާނަ އަދީބެކެވެ. އުފަންވެވަޑައިގަތީ މީގެ އެންމެ ސަތޭކަ ތޭވީސް އަހަރު ކުރިން، ފެބުރުއަރީ 17، 1902 ގަ އެވެ. އަވަހާރަވީ މީގެ 67 އަހަރު ކުރިން، އޭޕްރިލް 1، 1957 ގަ އެވެ. އެ މޮޅު އަދީބުގެ ޅެންތަކުގެ ތެރެއިން "ހޭއަރާށޭ" ޅެމަކީ އާދަޔާ ހިލާފު މޮޅު ޅެމެއް ކަމަށް ފާހަގަވި އެވެ. ޅެމުގައި ވަނީ ކަންބޮޑުވުންތަކާއެކު ދެއްވާފައިވާ ނަސޭހަތާއި އިންޒާރެވެ. ފަށަމާ ހިންގަވާށެވެ.

އަހަރުމެންގެ ހަޔާތުގެ ދުވަސްތައް ހޭދަވަމުން މިދާ ގޮތާމެދު ވިސްނާލެވުނުބާ އެވެ. ކޮންމެ ދުވަހަކު މި ތަޖުރިބާ ކުރަންޖެހެނީ އައު ބިރެކެވެ. އައު ކަންބޮޑުވުމެކެވެ. ދުނިޔެވީ ހާސްކަމާއި ދުވަހު ދުވަހަށް ދިރިއުޅޭ އުޅުމުގެ ނުތަނަވަސްކަމުގައި ގެނބިފައި ތިއްބައި ޒުވާންކަން ނިމިގެން ދަނީ އެވެ. ދުނިޔެވީ ދިރިއުޅުމުގެ ހާސްކަން އޮތްތަނުގައި އޮއްވައި އޭގެ މައްޗަށް ކުރެވޭ ފާފަތައް އަދަދު ނުވެ އެވެ. ހަލަބޮލި ދިރިއުޅުމުން ސިކުންތުކޮޅެއް ހުސްކޮށް، މިކަމާމެދަށް ވިސްނާލަން ވެއްޖެ އެވެ. މި ދުނިޔޭގެ ދިރިއުޅުމުގަިއ ޒުވާންކަމުގެ ބޭނުންކުރަމުން މިގެންދާ ގޮތާއި، ކުރެވޭ ފާފަތަކާމެދު ނުވިސްނައި ކަމުހިނގައިދާނެތޯ އެވެ.

ދުވަސްތައް ބިރުތަކާ ގިނަވެ އެބޯދޭ

ޒުވާންކަން ފާފަތަކަކާގެން އެބޯދޭ

އަރިއަކަށް ފުނާ އަޅާލައި، އޮމާންކޮށްފައި ހުރި ބޮލުގައި އިހަށް ހުރި ކަޅުކުލަ ގަދަ އޮފުދާރު އިސްތަށިތައް ތި ދަނީ ހުދުވަމުންނެވެ. މިޒަމާނުގެ އާންމު ގޮތުންނަމަ ފައިބަމުންނެވެ. އެ އިސްތަށިތައް ހުދުވަމުން ނުވަތަ ބޮލާ ވަކިވަމުން ދާ ދިއުމުގައި އެ ހަނދާންކޮށްދެނީ ވަގުތުގެ ބާރެވެ. ވަގުތަކީ އެއްވެސް މީހަކަށް ހުއްޓުވޭނޭ، އަދި އެއްވެސް މީހަކަށްޓަކައި ހުއްޓޭނޭ އެއްޗެއް ނޫންކަމެވެ. އެ ބަދަލު އެ އަންނަނީ ދުނިޔެވީ ދިރިއުޅުމުގައި އެއްވެސް ކަމެއް އަބަދަކު އެއްގޮތަކަށް ދެމި ނޯންނާނޭކަމަށް އިއުލާނުކުރަމުންނެވެ. އިބުރަތެއް ލިބޭނީ ވިސްނައިފި ބަޔަކަށެވެ.

އިހަށް ހުރި ނަލަ އެ ކަޅު އޮފުދާރި އިސްތަށި

މިހާއަވަހަށްމެ ތިޔަ ހުރެ ހުދުވަމުންދޭ

ޚުމޫރޭ ކިޔަނީ ރަލަށެވެ. ތިރީގައި އޮތް ބައިތުގައި ޅެންވެރިޔާ ވިދާޅުވަނީ ޚުމޫރުގެ މަސްތަށް މީހުން ހެއްލެމުންދާ ވާހަކަ އެވެ. އެންމެނަކު އަބަދަކު ހަމަހޭގައި ތިބޭން ނުޖެހޭކަމަށް ދެކިގެން މަސްތަށް ދިން ކުޑަވަގުތުކޮޅު، މަސްތަކަށް ދިގުދެމިގެން ދަނީ އެވެ. އޭގެ ތާސީރުގައި ކުޅެލަކުޅެލައި ތިއްބައި، އެއާއެކުއެކީ އުމުރުގެ ދުވަސްތައް ފިރަމުންދާކަން ހަނދާން ނެތެ އެވެ. ފިރުމަކީ ބަދަލުވުމެވެ. އަނެއް އަތަށް ޖެހުމެވެ. އުމުރު ކުރުވެ ފިރަމުން އެބޯދޭ ކަމަށް ޅެންވެރިޔާ އެ ވިދާޅުވަނީ މަސްތުގައި ތިއްބައި މަރު ގާތްވަމުންދާ ވާހަކަ އެވެ. ދުނިޔޭގައި އުޅޭ އެންމެންގެ މެދުގައި ހުރިހައި ހިލާފެއްގެ ތެރެއިން އަހަރުމެން އެންމެން އެއްބަސްވާ ހަމައެކަނި ކަމަކީ މަރެވެ. ކޮންމެ މީހަކަށް މަރު ކުރިމަތިވާނެ ކަމަށް އަހަރުމެން އިއްތިފާގުވާއިރު، ދުނިޔެއިން ވެއަތުވާ ކޮންމެ މިނެޓަކާއެކު މަރާ ކައިރިވަމުންދާކަމުގެ އިހުސާސު ކުރެވެނީ ކިތައް މީހުންނަށްތޯ އެވެ. ޅެންވެރިޔާ މި ހަނދާންކޮށްދެނީ އެކަމެވެ.

ޚުމޫރުގެ މަސްތުގައި ކުޅެކުޅެމެ ތިއްބާ

އުމުރުވެސް ކުރުވަމުން ފިރަމުން އެބޯދޭ

ދުނިޔެ އަބަދު އެއްގޮތަކަށް ނޯންނާނޭ ވާހަކަ ޅެންވެރިޔާ ވިދާޅުވެ ދެއްވައިފި އެވެ. ދެން މި އަންނަނީ އޭގެ އަސަރެވެ. އިހަށް ދުވަހާ ޖެހެންދެން ނުހަނު ތަނަވަސް ކަމުގައި އުޅުނު މީހާ، ފަދައެއް ނެތް ފަގީރަކަށް ބަދަލުވެގެން ދިޔަތަން ނުދެކެމުތޯ އެވެ. އެއީ އޭނާގެ ނަސީބުކަމަށް ކިޔައި އަހަރުމެން އެކަމުން ބަރީއަވެގަތީ އެވެ. އިހަށް ދުވަހާ ހަމައަށް ރަހުން ކަމުގައިވީ މީހުން، މީހުންގެ އަޅުންނަށްވެފައިވީކަން ތާރީހުން ފެންނާން ނެތްތޯ އެވެ. ތަންތަން ފަތަހަކުރަމުން ގެންދިޔަސް ރަސްރަސްކަލުން އަޅުންނަށް ވެފައި ހުރީ އެންމެ ހަނގުރާމައެއްގެ ނާކާމިޔާބީގެ ސަބަބުންނެވެ.

އަހަރުމެންގެ ތެރެއިން ބަޔަކު ބަހުން މެޓާ ހަދައި ކަމުން ރެކެމުންދާއިރު، ބަދަލުވަމުންދާ ދުނިޔެއާމެދު ވިސްނައި ނުލެވެނީ އެވެ. ބޮޑެތި މަގާމުތަކުގައި ތިބެ، ދޮގު ވައުދުވެ، ސަޅި ބަސްތަކުން މީހުން ގުނބޯ ހައްދަމުންދާއިރު، މާދަމާ ތިޔަ މަގާމުގައި ދެމި ހުރެވޭނޭކަމާމެދު އޮތީ ކޮން ކަށަވަރުކަމެއް ހެއްޔެވެ؟ ދައްކާ ވާހަކަތަކާ ދިމާ އިދިކޮޅަށް އަމަލުތައް ބަހައްޓަމުންދާއިރު، މިހާރު ތިޔަ ހުރި ހާލަތުގެ އިދިކޮޅު، ދާދި އަވަހަށް ފެނުމަކީ ދުރުކަމެކޭ ނުހިއްތަވާށެވެ.

ރަހުން އަޅުވެތިވެ މުއްސަނދިއިން ފަގީރުވެ

ބަހުން ކަނދިކެކި އެކޮޅުމިކޮޅު މީގެ ފެނިދޭ

ހަމައާއި ނުހަމަ އޮޅުވައި ނުލާށެވެ. މީރު އެއްޗެއް ނަމަ ރަހަބަލާ އެންމެންނަށް މީރުވާނެ އެވެ. އެއަށްވުރެ މީރު އެހެން އެއްޗެއް ނުހުންނާނެ ވާހަކައެއް ނޫނެވެ. އެކަމަކު ނުމީރު، ނުވަތަ މީރު ނޫން އެއްޗެއް މީރު ކަމަށް ވޭ ހެއްޔެވެ؟ ރީއްޗާއި ހުތުރުވެސް އެފަދަ އެވެ. އެންމެ ރީތި އެއްޗަކަށްވުރެ އިތުރަށް ރީތި އެއްޗެއްވެސް ހުރެދާނެ އެވެ. އެކަމަކު ހުތުރަކީ ރީތިކަމަށްވޭ ހެއްޔެވެ؟ މިހާރު ތިޔަ ކުރަނީ އެކަމެވެ. މި މުޖުތަމައުގައި ތިބި މީހުންނަށް، މީގެ ތެރެއިން މީހުންނަކީ ކޮބައިކަމާއި ނުމީހުންނަކީ ކޮބައިކަން ސާފުކޮށް އެނގެ އެވެ. މުޖުތަމައުގެ ބޮޑެތި މަގާމުތައް ހަވާލުކޮށް، ނުމީހުން މީސްކުރުމަކީ ކާކު ކޮންއިރަކު ކާކަށް ދިން ބާރެއް ހެއްޔެވެ؟

ދޭ މީހާ އަދި އެއްޗެއް ދިއްކޮށްލިޔަސް ކާމީހާވެސް ބަލާލަންވާނެ ނޫން ހެއްޔެވެ؟ ތިމާއަށް މި ހަވާލުވެވެނީ ތިމާއާ އެކަށީގެންވާ ޒިންމާއަކާތޯ މި ގޮފަޅުންތައް ނުވިސްނަނީ ހެއްޔެވެ؟ މިއަދު ލަދެއްގައި ބެދެންޖެހިފައި ތިޔަ އޮތީ، ނެތް ލަޔާގަތަކުން، ނުވާ ވަރުގެ ކަމަކާ ހަވާލުވީމާ ނޫންހެއްޔެވެ؟ ވަގުތު ދެވެން ނެތިގެން ވިޔަސް، ނުވަތަ ގާބިލުކަން ނެތިގެން ވިޔަސް، މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭނަމަ މިހާރު އެހެން މީހަކަށްވުރެ މާ ސާފުކޮށް ކަލެއަށް އެކަން އެނގޭނެ އެވެ. އަންނާން އޮތް މުސީބާތުން ބަޗަން ބޭނުންނަމަ ތިޔަ މަގާމުން އިސްތިއުފާދޭކަށް އަދިވެސް ލަހެއް ނުވެ އެވެ.

ބަލަގަ، އަހަރުމެން އެދުނީ ދައުލަތަށް ހުރުމަތެއް ބަހައްޓައިގެން ދައުލަތް ހިންގާށެވެ. އެ ޒިންމާ އަދާކުރުމަށް އިސްކުރެވުނު ނުމީހުންގެ ސަބަބުން ދައުލަތް ކަމީނާވަމުން ދާއިރު ނުމީރަށް މީރު ތިޔަ ކިޔަނީ ކާކަށް އޮޅުވާލާނަމޭ ހިތައި ހެއްޔެވެ؟ ދައުލަތުގެ ތިޔަ އެތުރުންގަނޑުގެ ނުމީރުކަމާއި ހުތުރުކަން ސާފުކޮށް ފެނި އިހުސާސުވެ، އޭގެ ގެއްލުމާއި މުޅި މުޖުތަމައު ކުރިމަތިލާންޖެހިއްޖެ އެވެ. ދައުލަތުގެ ހިންގުން ނުމީހުންގެ އަތްމައްޗަށް ދީލާލައިގެން ލާޗާރުވެފައި މި މުޖުތަމައު އަބަދު އޮވެދާނެއޭ ހީވޭ ހެއްޔެވެ؟

ނުމީރަށް މީރު ހުތުރަށް ރީތި ކިޔަމުން

ނުމީހުން މީސްވަމުން އެބަ ކަމުދަމުންދޭ

ދައުލަތުގެ ހިންގުން ނުމީހުންގެ އަތަށް ފިރުކާލައި، އެކަމަކާ ހެދިގެން ދައުލަތަށް ނުހަނު ބޮޑެތި ގެއްލުންތައް ދެމުންދާއިރު، ލިބިފައި ތިޔަ އޮތް ބާރަކީ ތާއަބަދު ދެމިއޮވެދާނޭ ނިއުމަތެއް ކަމަށް ދެކެނީ ހެއްޔެވެ؟ މިހިރަ ތާކުންތާކު ނުޖެހޭ، ހެޔޮނުބައި ވަކިނުވާ ގޮފަޅާ އެވެ. ހޭއަރާށެވެ. ގަދަބަސްބުނެ، ކަރުގެ ބުޑުން ނެރޭ އަޑުން ހަޅޭލަވަން ހުއްޓައި ކަލެއަށް ކަނޑައެޅިފައި އޮތް ވަގުތު އެދަނީ ހަމަވަމުންނެވެ. މިކަމާ މެދަށް ވިސްނައި، ކަލޭގެ އަމަލުތައް ސީދާކުރެވޭތޯ ބަލާށެވެ.

އަޅޭފަހެ މީނދެ ގޮފަޅާ ހޭއަރާށޭ

ހަޅޭނަގަމުން ދުވަސްތައް އެނބުރި ފަސްދޭ

ދައްކާނޭ މާ ގިނަ ވާހަކައެއް ނެތެވެ. ގިޔާމަތް އެބަ ކައިރިވެ އެވެ. މިހާރުގެ ހާލަތު މިއޮތީ ފެންނާށެވެ. އެއްވެސް ނިއުމަތަކީ ދާއިމީ ކަމެއް ނޫންކަމާއި، ހަވާލުކުރެވުނު ކޮންމެ ބާރަކީ، ދުނިޔެއާއި އާހިރަތުގައި އިމްތިހާނެއް ކުރުމަށްޓަކައި ދެވުނު ބާރެއްކަން ވިސްނާން ވެއްޖެ އެވެ. މަތީ މަގާމާއި، މަތީ ޝަރަފާއި، ދިރިއުޅުމުގެ މަތީ އިއްޒަތާއިގެން ތިޔަ ކުރާ ކަންކަމަށް ނިމުން އަންނާނޭ ދުވަސް އެބަ ކައިރިވެ އެވެ. މަގާމުގެ މުއްދަތު ނޫންނަމަ، ދުނިޔޭގައި ދިރިއުޅުމަށް ލެއްވުނު މުއްދަތެވެ. ދެގޮތުގައި ވެސް އޮތީ ބިރުވެރިކަމެވެ. މާދަމާ އާދައިގެ އިންސާނެއްގެ ގޮތުގައި އުޅޭންޖެހޭ ވަގުތުގެ ރައްކާތެރިކަމަށް ހޭދަކުރުން މުހިންމު ކަމުގައި ނުދެކެނީ ހެއްޔެވެ؟ ބޮޑާކަމުގައި ތިޔަ ބުނާ ބަސްތަކާއި ކުރާ އަމަލުތަކާ ކުރިމަތިލާންޖެހޭނޭ ދުވަހުގެ ހިތިކަން ހިތަށް ގެންނާށެވެ. ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ.

ކިޔާކަށް ނެތް އަލުން މާގިނަ ތަކެއްޗެއް

ގިޔާމަތް އެބަވިހާށަ މިހާރު ވައިދޭ

ދުނިޔޭގައި އިންސާނަށް ދެއްވި އެންމެ ބޮޑު ނިއުމަތަކީ، އަދި ހީވާ ގޮތުން އެންމެ ބޮޑު ލައުނަތަކީވެސް އޭނާއަށް ލިބިދީފައި އޮތް މިނިވަން އިހުތިޔާރެވެ. އެންގެވި ގޮތާ ހިލާފުވުމުގެ އިހުތިޔާރުވެސް އޭނާއަށް އެބައޮތެވެ. އެހެންނަމަވެސް ކޮންމެ އަމަލަކީ ހިސާބު ކުރެވޭނޭ އަމަލެކެވެ. އާހިރަތުގައި އެކަންޏެއް ނޫނެވެ. އޭގެ މާކުރިން މި ދުނިޔެމަތީގައި އެކަންކަމާ އެމީހަކު ކުރިމަތިލާނެ އެވެ. އެކި ގޮތްގޮތަށް އެކި މީހުން އެމީހުންގެ އަމަލުތަކާ ކުރިމަތިލާންޖެހުނުތަން ތާރީހު ދައްކައިފި އެވެ. އަހަރުމެންނަށް ނުކުރެވިގެން މިއުޅޭ ކަމަކީ އެކަންކަމުން އިބުރަތެއް ހާސިލުކުރުމެވެ.

88.89%

11.11%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ޯއޮއްކެ

about 11 hours ago

ޥަރައްވެސް ފުރިހަމަ އިބުރަތުން ފުރިގެންވާ ތަރުބަވީ ފިލާވަޅުތަކެއް.މޮޅުލިއުމެއް. ލިއުމުގެސަބަބުން ކޮންމެވެސް ބަޔަކަށް ފައިދާވާނެ