ފައިސާ ޗާޕުކުރަން އުޅޭ ކަމަށް ނާޒިމް އެއްބަސްވެ ވިދާޅުވީ އެކަން ކުރާނީ ޒިންމާދާރުކޮށް ކަމަށް

12 މާރިޗު 2025 - 08:17 1

އަހުމަދު އާއިދު

އ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް : ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭ ކަމަށް އޭނާ ވަނީ އެއްބަސްވެފަ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ފައިސާ ޗާޕުކުރަން އުޅޭ ކަމަށް ނާޒިމް އެއްބަސްވެ ވިދާޅުވީ އެކަން ކުރާނީ ޒިންމާދާރުކޮށް ކަމަށް

12 މާރިޗު 2025 - 08:17 1

ރިޔާސީ ކެމްޕެއިނާއި ވެރިކަމަށް ވަޑައިގެންނެވިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކުރައްވަމުން ގެންދަވާ އެންމެ ބޮޑު ވައުދާ ހިލާފުވެ، މަރުކަޒީ ބޭންކު (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕުކުރަން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެއްބަސްވެވަޑައިގެންފި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ މި ސަރުކާރުން ފައިސާ ޗާޕުކުރި ނަމަވެސް އެކަން ކުރާނީ ނިމިދިޔަ ސަރުކާރުހާ ޒިންމާދާރުކޮށް ނޫން ކަމަށް ވިދާޅުވެފަ އެވެ.

"މި ސަރުކާރަކީ އެހާ ޒިންމާދާކުރަން ކުޑަކޮށް އެކަން ކުރާނެ ސަރުކާރެއް ނޫން. އެމްޑީޕީ ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފަ އިންޖެކްޓުކޮށްފަ ވެއްޖެ. އަޅުގަނޑަށް ޔަގީން މި ސަރުކާރުން އެގޮތަށް އެކަަން ނުކުރާނެކަން،" ނާޒިމް ވިދާޅުވި އެވެ.

އެމްއެމްއޭ އަކީ އޭގެ ޒާތުގައި ބޭންކެއް ކަމަށާއި އެބޭފުޅުންނަށް ނަފާވާނެ ގޮތަކަށް ބިން ގަތުމާއި އެސެޓު ގަތުން ދޫކޮށްލަން ޖެހޭނީ އެ އިދާރާއަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ތަފާތު އެކި މަސްދަރުތަކުން އަދަދު ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އެމްއެމްއޭގެ ބޯޑުން ވަނީ 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރަން ނިންމައިފަ އެވެ. އެ ފައިސާ ބޭނުންކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ އާބަން އައިލް އިން 20 ހެކްޓަރުގެ ބިން ގަތުމަށެވެ. ނަމަވެސް، ނާޒިމް އިއްޔެ ވިދާޅުވީ މި އަދަދުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރޭ އިނގޭތޯ އެ ވިދާޅުވާ ގޮތަކަށް 14 ބިލިއަން، 20 ބިލިއަނުން [ޗާޕެއް ނުކުރާނެކަން]. ރައްޔިތުންގެ ތެރޭގަ ކަންބޮޑުވުން އުފައްދަން ވެގެން ދައްކާ ވާހަކަ އެއީ. މި ސަރުކާރުން އެހާ ޒިންމާދާރުކަން ކުޑަކޮށް އެކަން ނުކުރާނެ. ޔަގީން ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.

މިފަހުން ސަރުކާރުން 100 މިލިއަން ޑޮލަރުގެ ލޯނެއް ދައްކާފައިވާ ކަމަށާއި އަދި އިތުރަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އެބަ އޮތް ކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ މި ލޯނުތައް ދެއްކުމުން ސަރުކާރަށް ނޭވާ ލާނެ ޖާގައެއް ލިބޭނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވި ނަމަވެސް އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ އިއްޔެއާ ހަމައަށް ދައްކާފައެއް ނުވެ އެވެ.

އިތުރަށް އެ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ސަރުކާރުން ދަރަންޏަށް ފައިސާ ނަގާނީ ނުވަތަ ޗާޕުކޮށްގެން ފައިސާ ސާކިއުލޭޝަނަށް ނެރޭނީ ލޯނަށް ދެއްކި ފައިސާއާ އެއްވަރުގެ އަދަދެއް ކަމަށެވެ.

"މިސާލަކަށް 150 މިލިއަން ޑޮލަރު ދެއްކީ. ދެއްކީމަ އެއީ ގާތްގަނޑަކަށް 2.3 ބިލިއަން ނުވަތަ 2.5 ބިލިއަން ރުފިޔާ. އެއަށްވުރެ ގިނަ އަދަދަކަށް ސަރުކާރަކުންނެއް ފައިސާ ސިސްޓަމުގެ ތެރެއަކަށް ނުނެރޭނެ. ސަބަބަކީ އަހަރު ނިމޭއިރު ޑެފިސިޓު ނުވައެއް ޕޮއިންޓު ކޮންމެވެސް ބިލިއަނަކަށް ކުޑަކުރަން ޓާގެޓެއް [ސަރުކާރުން] އޮތީ އަޅުގަނޑުމެންނާ ޝެއާކޮށްފަ،" ނާޒިމް ވިދާޅުވި އެވެ.

މިއީ ތަކުރާރުކޮށް ފައިސާ ޗާޕުނުކުރާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާ ސަރުކާރުން ހިލާފުވާން އުޅޭ ކަމަށް ދައުލަތުގެ ވެރިޔަކު ފާޅުގައި އެއްބަސްވި ފުރަތަމަ ފަހަރެވެ.

ނާޒިމް މި ވާހަކަތައް ދެއްކެވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ބޭއްވި ކޮމިޓީ ޖަލްސާގަ އެވެ. އޭނާ ވަކިކުރަނީ ފައިސާ ޗާޕުކުރުމަށް އެމްއެމްއޭ އިން ނިންމި ނިންމުމާ ދެކޮޅު ހެދުމުން ކަމަށްވެ އެވެ.

އެ ނިންމުން ރިވިއުކުރަން ހުށަހެޅި އެމްއެމްއޭގެ ބޯޑުގެ ތިން މެންބަރުންގެ ތެރޭގައި އިމާދު ހިމެނެ އެވެ. އެ ނިންމުން ރިވިއުކޮށް ދޭން ހުށަހެޅުއްވީ ފިނޭންސް މިނިސްޓްރީން އެމްއެމްއޭގެ ބޯޑަށް ކަނޑަައަޅާފައި ހުންނަ ޑިރެކްޓަރު އަހުމަދު ޒަޔާން މުހައްމަދު އަދި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައި ހުންނަ ޑިރެކްޓަރު ޝުހާދު އިބްރާހިމް އެވެ.

ނިންމުން ރިވިއުކުރަން ގަވަރުނަރު އަހުމަދު މުނައްވަރު ދެކޮޅު ހެއްދެވުމުން އެ ދެ ބޭފުޅުން ވެސް މިހާރު ވަނީ އެމްއެމްއޭގެ ބޯޑުން އިސްތިއުފާދެއްވާފަ އެވެ.