Advertisement

ފައިސާ ޗާޕްކުރަން އުޅޭތީ ހުށަހެޅި ކުއްލި މައްސަލަ އަބްދުއްރަހީމް ބަލައިނުގަތް

11 މާރިޗު 2025 - 11:33 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ފައިސާ ޗާޕްކުރަން އުޅޭތީ ހުށަހެޅި ކުއްލި މައްސަލަ އަބްދުއްރަހީމް ބަލައިނުގަތް

11 މާރިޗު 2025 - 11:33 0

ރިޔާސީ ކެމްޕޭނުގައި އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކުރައްވަމުން ގެންދަވާ އެންމެ ބޮޑު ވައުދާ ހިލާފުވެ، މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ) މެދުވެރިކޮށް ރާއްޖޭގެ ތާރީހުގައި ވެސް ޗާޕުނުކުރާ މިންވަރަކަށް ފައިސާ ޗާޕުކުރަން ނިންމާފައިވާތީ، އެމްޑީޕީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅަން ފޮނުއްވި ކުއްލި މައްސަލަ، ބަލައި ނުގަތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފި އެވެ.

މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައިގައި ހުންނަންޖެހޭ ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވެ ނިއުޝާދުގެ ކުއްލި މައްސަލަ ބަލައި ނުގަތުމަށް ރިޔާސަތުން ނިންމިއިރު، 14 ހާސް މިލިއަން (14 ބިލިއަން) އަށް ވުރެ ގިނަ ރުފިޔާ ޗާޕްކުރަން އެމްއެމްއޭގެ ބޯޑުން ނިންމާފައިވާ ކަމަށް ރާއްޖޭގެ މެއިން ސްޓްރީމް މީޑިއާތަކުގައި ހަބަރު ނެގެސްދީފައިވެ އެވެ.

މިކަން އެމްއެމްއޭ އަދި ފިނޭންސް މިނިސްޓްރީން ދޮގުކޮށްފައި ނުވާއިރު، ނިއުޝާދުގެ ކުއްލި މައްސަލަ ބަލައި ނުގަތުމަށް މަޖިލީހުގެ ރައީސް ނިންމެވީ އެއީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި މައްސަލައެއް ކަމަށް ގަބޫލު ކުރެއްވޭތީ އެވެ.

މަޖިލީހުގެ ގަވާއިދުގެ 192 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ހުށަހަޅާ މައްސަލަ، ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާ ކުއްލި މައްސަލައަކަށް ވާންޖެހޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ނިއުޝާދުގެ ކުއްލި މައްސަލައިގައި ބުނެފައި ވަނީ އެމްއެމްއޭގެ އޮފީސް ހިންގުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް އިމާރާތްތަކާއި ބިންތައް ހޯދާންޖެހޭނެ އެއްވެސް މަގުބޫލު ސަބަބެއް ނެތް ކަމަށާއި އެފަދަ މުއާމަލާތެއް ހިންގައިގެން ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުމަކީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.

"މި ކަމަކީ ދައުލަތުގެ މަރުކަޒީ ބޭންކުގެ މިނިވަންކަން ގެއްލި، އެކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ފަދަ ކަމެއް،" ކުއްލި މައްސަލައިގައިވެ އެވެ.

މި ގޮތަށް ސަރުކާރަށް ފައިސާ ހޯދުމަކީ މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓާވެސް ހިލާފު ކަމެއް ކަމަށާއި "މަޖިލީހުގެ ހުއްދަ ހޯދުމަކާއި ނުލައި ނުވަތަ ރައްޔިތުންގެ މަޖިލީހަށް އެންގުމަކާއި ނުލައި ކުރާ ކަމެއް" ކަމަށް ބުނެފައިވެ އެވެ.

މިގޮތަށް ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުތައް ނުހަނު ބޮޑަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނިއުޝާދުގެ ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ.