Advertisement

15 ބިލިއަން ޗާޕުކޮށްގެން ބިން ގަތުން އެމްއެމްއޭގެ ގާނޫނާ ހިލާފު, އިގުތިސޯދަށް ނުރައްކާ

10 މާރިޗު 2025 - 16:11 0

އަމަން ހަލީމް

އަމަން ހަލީމް

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އޭނާ ވަނީ މިކަން ވަގުތުން ހުއްޓާލަން ސަރުކާރާއި އެމްއެމްއޭއަށް ގޮވާލާފައި -- ފޮޓޯ: އެމްޑީޕީ


15 ބިލިއަން ޗާޕުކޮށްގެން ބިން ގަތުން އެމްއެމްއޭގެ ގާނޫނާ ހިލާފު, އިގުތިސޯދަށް ނުރައްކާ

10 މާރިޗު 2025 - 16:11 0

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ނެތް ފައިސާ ބޭނުންކޮށްގެން ހުޅުމާލެއިން ބިން ގަތުމަކީ އެމްއެމްއޭ ގާނޫނާ ހިލާފު, އަދި އިގުތިސޯދަށް ނުރައްކާ ބޮޑު ނިންމުމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭ އާއި ސަރުކާރުން މިކަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް, "އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި އެމްއެމްއޭގެ ބޯޑުން ވަނީ ހުޅުމާލޭއިން 22 ހެކްޓަރުގެ ބިން ގަންނަން ނިންމާފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމްއެމްއޭއިން މި ބިން ބޭނުންކުރަނީ ފައިނޭންޝަލް ސެންޓަރެއް ތަރައްގީކުރުމަށެވެ.

މިކަމާ ގުޅޭ ގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭއިން ބިން ގަތުމާ ދެކޮޅުކަން ހާމަކުރައްވަމުން އަމީރު ވިދާޅުވީ މިއީ ގާނޫނާ ހިލާފަށް, ސަރުކާރަށް ފައިސާ ދޭން އެ އޮތޯރިޓީން ނިންމި ނިންމުމެއް ކަމަށެވެ. އަދި މީގެ ސަބަބުން އިގުތިސޯދު ވައްޓާލެވެނީ ނުރައްކަލުގެ ތުންފަތްމައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ ހަމަޖެހުން ނަގާލައި, އިގުތިސޯދަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް އަޅުގަނޑުމެންނަށް ހަމަ އެބަ ޔަގީންކުރެވޭ. މީގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ, އިންފްލޭޝަން މައްޗަށް ގޮސްފަ, އަދި އޭގެ އިތުރުން ދިވެހި ރުފިޔާ ބަލިކަށިވެ, ރާއްޖޭގެ އެކްސްޗޭންޖު ރޭޓު އިތުރަށް މަތިވަމުން, ގޯސްވަމުން ދިޔުމަކީ އެކަށީގެންވާ ކަމެއް."

އެމްއެމްއޭއިން ބިން ގަތުމުގެ ނިންމުން ގާނޫނާ ހިލާފު ކަމަށް އަމީރު ވިދާޅުވީ އެމްއެމްއޭގެ ގާނޫނާ ހަވާލާދީ އެވެ. އެ ގާނޫނުގައި އޮންނަނީ އެމްއެމްއޭއަށް ބިން ގަނެވޭނީ އޮޕަރޭޝަނަލް ބޭނުންތަކަށް އެކަނި ކަމަށެވެ. އެހެންކަމުން މިއީ އެމްއެމްއޭއަށް ބިން ބޭނުންވެގެން ކުރާ ކަމެއް ނޫން ކަމަށާއި މިއީ ސަރުކާރަށް ފައިސާ ބޭނުންވެގެން ހިންގާ މުއާމަލާތެއް ކަން ކަށަވަރުވާ ކަމަށް އަމީރު ވިދާޅުވި އެވެ.

އެމްޑީޕީގެ އެހެން ކަންބޮޑުވުމަކަށްވީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި މި މުއާމަލާތް ހިންގުމެވެ. އަމީރު ވިދާޅުވީ ސަރުކާރަށް ފައިސާ ބޭނުންވާ ހާލަތެއްގައި އެ ފައިސާ ލިބޭނެ މަގު ފަހިކޮށްދީފައިވާ އޮއްވާ, މިކަން މިކުރަނީ މަނިޓަރީ ސްޓެބިލިޓީ ފުނޑާލަން ކަމަށް އޭނާ ވިދާޅުވި އެވެ.

ކަން މިހެން ހުރުމާ އެކު އަމީރު ވަނީ ބިން ގަތުމާގެން ކުރިއަށް ނުދާން އެމްއެމްއޭ އާއި ސަރުކާރަށް ގޮވާލާފަ އެވެ. އަދި މިކަން ނުކުރެވޭ ނަމަ އެމްއެމްއޭގެ ބޯޑުން އިސްތިއުފާ ދިނުމަށް ވެސް އޭނާ ވަނީ އެ އޮތޯރިޓީގެ ބޯޑު މެންބަރުންނަށް ގޮވާލާފަ އެވެ.