10 މާރިޗު 2025 - 14:41 0
އަހުމަދު އާއިދު
މެންބަރު އަޒާން ރައީސް މުއިއްޒު އާއެކު : އޭނާ ވިދާޅުވީ އެމްއެމްއޭ މެދުވެރިކޮށް ކޮންމެ ގޮތަކުން އިގުތިސޯދަށް ފައިސާ ވެއްދުމަކީ ޗާޕުކުރުން ކަމަށް --- ފޮޓޯ: އަޒާންގެ ކެމްޕޭން ޓީމު
10 މާރިޗު 2025 - 14:41 0
ކޮންމެ ގޮތަކުން މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ދިވެހި އިގުތިސޯދަށް ފައިސާ ވެއްދުމަކީ ފައިސާ ޗާޕުކުރުން ކަމަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރަން އެމްއެމްއޭއިން ނިންމާފައިވާކަމުގެ ރިޕޯޓުތަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ، މިއީ ފައިސާ ޗާޕުކުރުން ނުވަތަ މަނިޓަރީ ފައިނޭންސިންއަށް ނުވާނެ ގޮތެއް ނެތް ކަމަށެވެ.
މިދިޔަ ސަރުކާރުން ކޮވިޑު ދުވަސްވަރު ފައިސާ ޗާޕުކުރުމުގެ ސަބަބުން އިގުތިސޯދަށް ދިމާވި ދަތިތަކުން އަދިވެސް އަރައިނުގަނެވޭ ކަމަށް އޭނަ ވިދާޅުވި އެވެ.
"15 ބިލިއަނެއްހާ ރުފިޔާ ޗާޕުކޮށްފިނަމަ ތަކެތީގެ އަގު ބޮޑުވެ ޑޮލަރު އެކްސްޗޭންޖު ރޭޓު މަތިވެ އިގުތިސޯދީ ނުތަނަވަސްކަން އިތުރުވެގެންދާނެ،" އަޒާން ވިދާޅުވި އެވެ.
މީގެ އިތުރުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ފައިސާ ޗާޕުކުރުމާ ދެކޮޅަށް މިދިޔަ ސަރުކާރަށް ތަކުރާރުކޮށް ލަފާދިން ކަމާއި މި އެ އިދާރާއިން މި ސަރުކާރަށްވެސް ލަފާދެމުންދަނީ އެގޮތަށް ކަން މި ފަހަކާ ޖެހެންދެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިންނެވި އަޒާން ވިދާޅުވި އެވެ.
އޭނާ މާލިއްޔަތު ކޮމިޓީން ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރަން ސަރުކާރުން ހުށަހެޅި ބިލަށް ތާއީދު ނުކުރުމުންނެވެ. އެ ބިލާ ގުޅޭގޮތުން ނެގި ދެ ވޯޓެއްގައި އަޒާން ވަނީ ޕީއެންސީގެ ވިޕާ ހިލާފުވެފަ އެވެ. އެކަމާ ގުޅިގެން އޭނާ ޕާޓީން ވަކިކޮށްފާނެކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފަ އެވެ.
އަޒާންގެ ޕޯސްޓު ނިންމާލަމުން ވިދާޅުވީ ސަރުކާރުން މިފަދަ ކަމެއް ނުކޮށް، އިގުތިސޯދު ނުތަނަވަސްކަމަކަށް ދާނެފަދަ ސިޔާސަތުތަކުން ދުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އެމްއެމްއޭ އިން 14 ބިލިއަނެއްހާ ރުފިޔާ ބޭނުންކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ އާބަން އައިލް އިން 20 ހެކްޓަރުގެ ބިން ގަތުމަށެވެ.
އެ ބިން ގަތުމަށް އެމްއެމްއޭ އިން މިހާރު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަސްމީ ސިޓީއެއް ފޮނުވާފަ އެވެ. މި ސިޓީއާ ގުޅިގެން އެޗްޑީސީން ވަކި ގޮތެއް ނިންމާފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މި އިންވެސްޓްމަންޓުގެ ބޭނުމަކީ ދައުލަތުގެ މާލީ ހާލަތު ގޯސްވަމުންދިޔުމާއެކު ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދުން ކަމަށްވެ އެވެ.
އެމްއެމްއޭއިން މި ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކޮށް އެ ފައިސާ އެޗްޑީސީން ރާއްޖޭގެ ބޭންކަކަށް ޖަމާކުރުމާއެކު އެ ބޭންކަކުން ލޯނުގެ ގޮތުގައި ދޫކޮރުވޭ އަދަދު ބޮޑުތަކުން އިތުރުވާނެ އެވެ. ސަރުކާރުގެ މަގުސަދަކީ ބޭންކަށް ބޮންޑު ވިއްކައިގެން އިތުރު ދަރަނި ނަގާ ހަރަދުތައް ދެކޮޅު ޖެއްސުން ކަމަށް ތަޖުރިބާކާރުން ބުންޏެވެ.
މަތިބަރު, ހަރަދު ބޮޑުކޮށް ހިންގާ މި ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް މިފަދަ ފިޔަވަޅެއް އަޅަން ނިންމާފައިވަނީ މިވަނީ މާލީ އިސްލާހީ ފިޔަވަޅުތައް ވަރަށް އަވަސްކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދިވެހި ސަރުކާރަށް ގޮވާލިތާ މަހެއް ނުވަނީހެވެ.
Comment