9 މާރިޗު 2025 - 23:15 0
އަހުމަދު އާއިދު
އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ފުލުހުން މީހަކު ހައްޔަރުކުރަނީ --- ފޮޓޯ: ރާއްޖެ ޓީވީ ލައިވް
9 މާރިޗު 2025 - 23:15 0
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރީ އެމްޑީޕީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާހިމް އަބްދުﷲ (ގައްބަރޭ) އަދި އެ ޕާޓީގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ޝާޒިން އެވެ.
އެ ދެ މީހުން ހައްޔަރުކުރީ ގިނަ އަދަދެއްގެ ފުލުހުން މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެގެންނެވެ. އިދިކޮޅު މުޒާހަރާ ކުރިއަށްދަނީ އަލިކިލޭގެފާނު މަގުގަ އެވެ. ބައިވެރިން މަސައްކަތް ކުރަނީ ރައީސުލްޖުމްހުރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގެ ކައިރިއަށް ދިއުމަށެވެ.
އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން އަދި ކޮންމެވެސް ވަރަކަށް ސިފައިން ހަރަކާތްތެރިވަމުން ދާކަން އެ ތަނުގައި ތިބި އާންމުންނާއި ނޫސްވެރިން މައުލޫމާތު ދީފައިވެ އެވެ. މިއީ އިދިކޮޅު އެމްޑީޕީން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާ ސިލްސިލާކޮށް މުޒާހަރާ ކުރާ ތިންވަނަ ރެ އެވެ. މި މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައި މިވަނީ ފުރަތަމަ ފަހަރަށެވެ.
މިރޭ އަދި ރޭގެ މުޒާހަރާ ހުއްޓުވަން ފުލުހުން ބާރުގެ ބޭނުންކޮށްފައިވާއިރު އެމްޑީޕީން ބުނަނީ ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާ ކަމަށެވެ.
މުޒާހަރާ މޮނީޓާ ކުރިނަމަވެސްފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ މައްސަލަ ބަލަމުންދާކަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
Comment