9 މާރިޗު 2025 - 17:29 0
9 މާރިޗު 2025 - 17:29 0
ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (މާޗް 9) - ފައިނަލުގައި ހަތަރު ވިކެޓުން ނިއު ޒީލެންޑް ބަލިކޮށް އިންޑިއާ އިން 12 އަހަރަށް ފަހު އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ޗެމްޕިއަންސް ޓްރޮފީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، އިންޑިއާ އިން މި މުބާރާތް ކާމިޔާބުކުރި ތިން ވަނަ ފަހަރެެވެ.
އިންޑިއާ އިން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2013 ވަނަ އަހަރު އެވެ. އެކަމަކު، މި ފަހަރުގެ މުބާޜާތް އިންޑިއާ އަށް ހާއްސަ ވަނީ ހުރިހާ މެޗަކުން މޮޅުވެގެން މި ކާމިޔާބީ ހޯދިފައިވުމުންނެވެ. އިންޑިއާ އިން އެންމެ ފުރަަތަމަ ޗެމްޕިއަންސް ޓްރޮފީ ލިބުނީ ޖޮއިންޓް ޗެމްޕިއަނުންގެ ގޮތުގައި އިންޑިއާގެ އިތުރުން ސްރީ ލަންކާ އަށެވެ.
މިދިޔަ އަހަރު އިންޑިއާ އިން ވެސްޓް އިންޑީސްގައި ކުރިއަށްދިޔަ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި އިންޑިއާ އިން މި ފަހަރުގެ ޗެމްޕިއަންސް ޓްރޮފީ މުބާރާތުގައި ހުރިހާ މެޗެއްގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު ފައިނަލް މެޗުގައި ވެސް އިންޑިއާ އަށް ޓޮސް ދިމާނުވި އެވެ. މިއީ، އިންޑިއާ އަށް ޓޮސް ދިމާނުވެ ޖެހިޖެހިގެން ފަށަން ޖެހުނު 15 ވަަނަ މެޗެެވެ. މި މެޗުގައި، ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ވަނީ ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި، ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 251 ލަނޑު ހަދައިފަ އެވެ.
ނިއު ޒީލެންޑުގެ ރަޗިން އާއި ބްރޭސްވެލް ވިކެޓެއް ނެގުމަށް ފަހު އުފާފާޅުކުރަނީ.
ނިއު ޒީލެންޑަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، 63 ލަނޑު ހަދައިދިން ޑަރީލް މިޗެލް އާއި 53 ލަނޑު ހެދި މައިކަލް ބްރޭސްވެލް އެވެ. ނިއު ޒީލެންޑަށް މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި، ރަޗިން ރަވިންދުރަ އާއި ކޭން ވިލިއަމްސަން އަށް ފައިނަލުގައި ބޭނުންވި ވަރުގެ ކުޅުމެއް ނުދެއްކުނުއިރު، މި އިނިންގްސްގައި އިންޑިއާގެ ވަރުން ޗަކްރަވަރުތީ އާއި ކުލްދީޕު ޔާދަވް، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި، އިންޑިއާގެ އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި، ޝުބްމަން ގިލް އާއި ކެޕްޓަން، ރޯހިތު ޝަރްމާގެ ޕާޓްނާޝިޕުން 100 ލަނޑު ހަދައިދިން ނަމަވެސް، ފަހުން، ގިލް އާއި ވިރާތު ކޯލީ ގާތްގާތުގައި ނުބައިވެ، އެ ފަހުން، ރޯހިތު ވެސް ނުބައިވުމާ އެކު، އިންޑިއާ އަށް ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއް ކުރިމަތިވި އެވެ. ރޯހިތު ނުބައިވީ، 76 ލަނޑަށެވެ. ޝުބްމަން ނުބައިވިއިރު، 31 ލަނޑު ހެދިިއިރު، ވިރާތު ނުބައިވީ، ދެ ބޯޅަ އަށް އެއް ލަނޑު ހަދައިގެންނެވެ. އޭގެ ފަހުން، ޝްރޭޔަސް އައްޔަރު އަރައި، 48 ލަނޑު ހަދައި، އިންޑިއާގެ ސްކޯ ކުރިއަށްގެންދިޔަ އެވެ.
އިންޑިއާ އިން މެޗު ކާމިޔާބުކުރުމުގައި، ކޭއެލް ރާހުލް އާއި ހާޑިކް ޕާންޑްޔާ، ވަނީ ޕާޓްނާޝިޕެއް ކުޅެ ރަނގަޅު ސްކޯއެއްކޮށްފަ އެެވެ. ރާހުލް ވަނީ 34 ލަނޑު ހެދިއިރު، ހާޑިކް ވަނީ 18 ބޯޅައިން 18 ލަނޑު ހަދައިފަ އެވެ.
އިންޑިއާގެ ދެ ތަރިން ކަމަށްވާ ރޯހިތު (ކ) އާއި ވިރާތު މޮޅުވުމުން އުފާފާޅުކުރަނީ.
މި އިނިންގްސްގައި ނިއު ޒީލެންޑްގެ ބްރޭސްވަލް ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
ނިއު ޒީލެންޑުން މި ފަހަރުގެ ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކުރީ 2000 ވަނަ އަހަރު އިންޑިއާ ބަލިކޮށްފަ އެވެ. އެ ޓީމުން މި ފަހަރުގެ މުބާރާތުގައި ދެ ފަހަރު އިންޑިއާ އަތުން ބަލިވި އެވެ. އެއީ، ފައިނަލުގެ ކުރިން ގްރޫޕްގެ ފަހު މެޗުގަ އެވެ.
އިންޑިއާ އިން މި ވަނީ، 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ ފައިނަލުގައި، ޕާކިސްތާން އަތުންވީ ބަލި ހަނދާން ނައްތާލައި، އަނެއްކާ ވެސް އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. މިއީ، އިންޑިއާގެ ކޯޗުކަމާ ގޯތަމް ގަމްބީރު ހަވާލުވި ފަހުން އެ ޓީމަށް ލިބުނު ފުރަތަމަ ކާމިޔާބެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment