ދުބާއީގައި މެޗުތައް ކުޅެގެން އިންޑިއާ އަށް ބޮޑު ފައިދާއެއް ނެތް

7 މާރިޗު 2025 - 06:20 0


ދުބާއީގައި މެޗުތައް ކުޅެގެން އިންޑިއާ އަށް ބޮޑު ފައިދާއެއް ނެތް

7 މާރިޗު 2025 - 06:20 0

ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (މާޗް 7) - މިހާރު ކުރިއަށްދާ އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި އިންޑިއާ އިން ކުޅޭ މެޗުތައް ދުބާއީގައި ކުޅެގެން އިންޑިއާ އަށް ކުރާ ބޮޑު ފައިދާއެއް އޮތް ކަމަށް ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އިންޑިއާގެ ކެޕްޓަން، ރޯހިތު ޝަރްމާ ބުނެފި އެވެ.

ފެބްރުއަރީ 19 އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ޕާކިސްތާނުގައި ކުރިއަށްދާ ޗެމްޕިއަންސް ޓްރޮފީގައި އިންޑިއާ ކުޅޭ މެޗުތައް ކުރިއަށްދަނީ ދުބާއީގަ އެވެ. އިންޑިއާ އިން އަންނަ އާދިއްތަ ދުވަހު ފައިނަލުގައި، ނިއު ޒީލެންޑާ ކުޅޭއިރު، މިއީ ޖެހިޖެހިގެން އިންޑިއާ އިން ޗެމްޕިއަންސް ޓްރޮފީ ފައިނަލުގައި ކުޅޭ ތިން ވަނަ ފަހަރެވެ.

އިންޑިއާ އިން ސަލާމަތީ ސަބަބުތަކާ ހުރެ ޕާކިސްތާނުގައި މެޗެއް ނުކުޅޭތާ 18 އަހަރު ވަނީ ވެފަ އެވެ. އިންޑިއާ އިން ޕާކިސްތާނަށް ގޮސް އެންމެ ފަހުން މެޗެއް ކުޅުނީ 2008 ވަނަ އަހަރު އެވެ. މިދިޔަ 16 އަހަރު ތެރޭގައި، ޕާކިސްތާނުން ވަނީ އިންޑިއާގައި ތިން ފަހަރެއްގެ މަތިން ކުޅެފަ އެވެ. އެއީ، 2012، 2013 ގައި ކުޅުނު ބައިލެޓްރަލް ސީރީސްގެ އިތުރުން، 2016 ވަނަ އަހަރު އިންޑިއާ އިން ހޯސްޓްކުރި ޓީ20 ވޯލްޑް ކަޕާއި، މިދިޔަ އަހަރު އިންޑިއާ އިން ބޭއްވި ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ވޯލްޑް ކަޕަށެވެ. މިދިޔަ އަހަރު ޕާކިސްތާނުން އޭޝިއާ ކަޕް ހޯސްޓްކުރިއިރު، އިންޑިއާގެ މެޗުތައް ކުޅެފައިވަނީ ސްރީ ލަންކާގަ އެވެ.

އިންޑިއާ އިން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، މި ފަހަރުގެ ޗެމްޕިއަންސް ޓްރޮފީ ފައިނަލަށް ދަތުރުކުރިއިރު، ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން، ޕާކިސްތާން އަތުން ވެސް މޮޅުވި އެވެ. އިންޑިއާ އަށް މި ފަހަރުގެ މުބާރާތުގައި ލިބުނު އެންމެ ބޮޑު އެޑްވާންޓޭޖަކީ، ދުބާއީގެ މެޗުތައް ކުޅުން ކަމަށް މީޑިއާ އާއި ކްރިކެޓް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

"އަހަރެމެން ދުބާއީގައި މެޗުތައް ކުޅުނަސް، ކޮންމެ މެޗެއްގައި ވެސް ޕިޗުގެ ހާލަތު ހުރީ އެކި ގޮތަށް، ސީދާ އަހަރެމެންނަށް މޮޅުވެވޭނެ ގޮތަކަށް ހުރި ކަމެއް ނޫން އެއީ. ތަފާތު އެކި ޕިޗުގައި، އެކި ސާފޭސްގައި މި ކުޅެނީ، އެހެންވީމަ، މިއީ އަހަރެމެންނަށް ފަރިތަކޮށް ހުރި ކަމެކޭ ނުބުނެވޭނެ،" މިދިޔަ އަހަރު ވެސްޓް އިންޑީސްގައި ކުރިއަށްދިޔަ، ޓީ20 ވޯލްޑް ކަޕް އިންޑިއާ އަށް ކާމިޔާބުކޮށްދިން ރޯހިތު ބުންޏެވެ.

"މިއީ އަހަރެމެންގެ ހޯމް އެއް ނޫން. މިއީ ދުބާއީ. އަހަރެމެން މިތަނުގައި އެ ބުނާހާ ގިނަ މެޗުތަކެއް ނުކުޅެން، މި ދަނޑުގެ ހާލަތު އަހަރެމެންނަށް ވެސް ވަރަށް އާ،"

އިންޑިއާ އިން ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ފޯމެޓްގައި، ދުބާއީގައި ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗުން ވަނީ މޮޅުވެފަ އެވެ. އާދިއްތަ ދުވަހު ފައިނަލުގައި ނިއު ޒީލެންޑާ ކުޅޭއިރު، އިންޑިއާ އިން ވަނީ ގްރޫޕްގެ ފަހު މެޗުގައި ނިއު ޒީލެންޑް އަތުން މޮޅުވެފަ އެވެ.

ނިއު ޒީލެންޑުން ވަނީ 2000 ވަނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ ފައިނަލުގައި އިންޑިއާ ބަލިކޮށްފަ އެވެ. ކެންޏާގައި އެ ފަަހަރު ކުރިއަށްދިޔަ މުބާރާތަކީ، ނިއު ޒީލެންޑަށް ޗެމްޕިއަންސް ޓްރޮފީ ތަށި އުފުލާލެވުނު، އަދި މި މުބާރާތުގެ ފައިނަލުގައި ކުޅުނު ހަމައެކަނި ފަހަރެވެ. އިންޑިއާ އިން މި މުބާރާތް ކާމިޔާބުކުރީ، 2013 ވަނަ އަހަރު އިންގްލެންޑް ބަލިކޮށްފަ އެވެ. އެ ފަހުން، 2017 ވަނަ އަހަރު ފައިނަލުގައި އިންޑިއާ ވަނީ ޕާކިސްތާން އަތުން ބަލިވެފަ އެވެ.