Advertisement

ބޮޑު ލީޑެއްނަގައި ޕީއެސްޖީން ހަމަޖެހިލައިފި

9 މާރިޗު 2025 - 13:26 0


ބޮޑު ލީޑެއްނަގައި ޕީއެސްޖީން ހަމަޖެހިލައިފި

9 މާރިޗު 2025 - 13:26 0

ޕެރިސް (މާޗް 9) - ފްރެންޗް ލީގުގައި ރޭ ރެން އަތުން 4-1 އިން މޮޅުވެ، އެއް ވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ނަގައި ޕީއެސްޖީން ހަމަޖެހިލައިފި އެވެ.

ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބޮޑުކޮށްފައިވާ ޕީއެސްޖީ މި ވަގުތު އެއް ވަނައިގައި އޮތީ 25 މެޗުން 65 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާސޭ އަށް 25 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ.

ރަށުންބޭރުގައި ކުޅުނު ޕީއެސްޖީން ލީޑުނެގީ ފުރަތަމަ ހާފުގައި ބްރެޑްލީ ބާކޯލާ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ޕީއެސްޖީން ލީޑުފުޅާކުރި އެވެ. މިއީ، ބާކޯލާ ދިން ބޯޅައަކުން ގޮންޒާލޯ ރާމޯސް ޖެހި ގޯލެކެވެ.

ޕީއެސްޖީން ދެ ވަނަ ގޯލު ޖެހިތާ އިރުކޮޅެއްގެ ތެރޭގައި، ރެން އިން ވަނީ ގޯލެއް ޖަހައި އުންމީދެއް ހޯދައިފަ އެވެ. އެ ޓީމަށް މި ގޯލު ޖަހައިިދިނީ، ލިލިއަން ބްރަސިއާ އެވެ. މިއީ، ކޯނަރަކުން ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ބްރަސިއާ ޖެހި ގޯލެކެވެ.

ނަތީޖާ ހަމަހަމަކުރެވޭތޯ ރެން އިން މަސައްކަތް ކުރަމުންދަނިކޮށް، ޕީއެސްޖީން ވަނީ އިތުރު ވަގުތުގެ ތެރޭގައި ދެ ގޯލު ޖަހައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، މި ދެ ގޯލު ވެސް ޖެހީ އޮސްމާން ޑެމްބެލޭ އެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އައި ޑެމްބެލޭ މި މެޗުގައި ޖެހި ދެ ގޯލާ އެކު، ލަނޑު ލިސްޓުގެ ކުރީގައި އޭނާ އޮތީ، 20 ގޯލު ޖަހައިގެންނެވެ.