9 މާރިޗު 2025 - 08:06 0
9 މާރިޗު 2025 - 08:06 0
ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރަން ތައްޔާރުވަމުން އަންނަ އޮޑި ސްޕޯޓްސް ކްލަބުން އެ ޓީމުގެ ކޯޗަކަށް އޮސްޓްރޭލިއާގެ ތަޖުރިބާކާރު ކޯޗު، އިއަން އެންޑްރޫ ގިލަން ހަމަޖައްސައިފި އެވެ.
އެންމެ ފަހުން ބޭއްވި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި އޮޑި އަށް އެ މުބާރާތުގައި އިރުޝާދުދިން ކޯޗު، މުހައްމަދު އާތިފް (އާތީ) ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ ހަވާލުވެފަ އެވެ.
ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ދެ ވަނަ އަށް ޕްރީ ސީޒަން ފެށި ކްލަބް ކަމަށްވާ އޮޑި އަށް ގެނައި ކޯޗު ގިލަން، 60، އަކީ 25 އަހަރުގެ ކޯޗިން ތަޖުރިބާހުރި އޭޝިއާގެ ގިނަ ގައުމުތަކެއްގައި މަސައްކަތްކޮށްފައިވާ ކޯޗެކެވެ،
އެ ގޮތުން، ގިލަން ކޯޗިން މަސައްކަތް ކޮށްފައިވާ ގައުމުތަކަށް ބަލާއިރު، އިންޑޮނޭޝިއާ، މެލޭޝިއާ، ފިލިޕީންސް، އިންޑިއާ އަދި ނޭޕާލް ހިމެނެ އެވެ.
ސްކޮޓްލެންޑަށް އުފަން، ގިލަން ވަނީ ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފަ އެވެ. އޭނާ ވަނީ، އިންގްލެންޑާއި އޮސްޓްރޭލިއާގައި ވެސް ކޯޗިންގެ މަސައްކަތްކޮށްފަ އެވެ. ކޯޗުގެ މަގާމުގެ އިތުރުން، ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ޔޫތު ޑިވެލޮޕްމަންޓްގެ ރޯލުތަކުގައި ވެސް ގިލަން ވަނީ މަސައްކަތްކޮށްފަ އެވެ.
އޮޑިން ވަނީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. ދެ ވަނަ ޑިވިޝަނުގައި އެ ޓީމަށް ކުޅުނު، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެ ޓީމަށް ކުރިއަށް އޮތް ސީޒަނުގައި ވެސް ކުޅޭއިރު، ރިޓަޔަމެންޓް ދޫކޮށްލައި، އަލުން ކުޅުމަށް އެނބުރި އައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުލްބެކް، މުހައްމަދު ރަޝީދު (ހޮކޭ) ވެސް އެ ޓީމުން ފެންނާނެ އެވެ. މީގެ އިތުރުން، ގައުމީ ޓީމުގެ މިޑްފީލްޑަރު، ހުސެއިން ނިހާން (ނިހާޓް) ވެސް އޮޑިއާ ގުޅުނުއިރު، ތަޖުރިބާކާރު ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ވެސް ފެންނާނީ އޮޑިންނެވެ.
ގިލަންއާ އެކު، އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މަސައްކަތް ކުރަނީ، އަހުމަދު ފައްރާހު (ފައްރަ) އާއި ފަރުހާދު އިސްމާއިލް (ފަރޭ) އެވެ.
އަންނަ މަހު އަށް ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ބިދޭސީ ކޯޗުންގެ އިރުޝާދުގެ ދަށުން މި ވަގުތަށް ބަލާއިރު ނުކުންނާނީ ދެ ޓީމަކުންނެވެ. އެއީ، އޮޑީގެ އިތުރުން، އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިންނެވެ. މާޒިޔާ އިން ވަނީ، ސްޕެއިނުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ލުއިސްމާ ހެނާންޑޭޒް ހަމަޖައްސައިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment