9 މާރިޗު 2025 - 06:20 1
ޗައިނާއިން ވަޑައިގެން އެއާޕޯޓުގައި ރައީސް ވާހަކަ ދައްކަވަނީ: ޔޫއޭއީ އާއި ތައިލެންޑަށް އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރަން ފޮނުވާނެ ކަމަށް ވިދާޅުވީ ނުސީދާކޮށް އިންޑިއާއަށް ދެއްވި ބަހުގެ ހަމަލާތަކެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
9 މާރިޗު 2025 - 06:20 1
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ތައިލެންޑާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް އިން އާސަންދަ ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އާސަންދައިގެ ދަށުން ފަރުވާ ހޯދަން އެ ދެ ގައުމަށް އަދި އެއްވެސް މީހަކު ފޮނުވާފައިނުވާކަން އެނގިއްޖެ އެވެ.
އާސަންދަ އޮފީހުގެ މައުލޫމާތު އެނގޭ މީހަކު ނަން ނުޖެހުމަށް އަދަދު އާ ވާހަކަ ދައްކަމުން ބުނީ ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބޭނެ ކަމަށް ސަރުކާރުން ޖެނުއަރީ 15، ގައި އިއުލާނު ކުރުމުން ވަރަށް ގިނަ ބަޔަކު އެކަމަށް އެދެމުން އަންނަ ކަމަށެވެ.
"ތައިލެންޑާއި ޔޫއޭއީއިން ބޭސް ކުރެވޭނެ ކަމަށް ހަމަ އިއުލާނު ކުރުމާއެކު ވަރަށް ގިނަ ރިކުއެސްޓު އާދޭ އެ ދެ ގައުމަށް ބޭސް ކުރަން ދާން. އެކަމަކު އަދި ހަމަ އެންމެ މީހަކު ވެސް ނުފޮނުވާ،" އޭނާ ބުންޏެވެ.
އާސަންދައިގެ ހިދުމަތް ދޭން ސަރުކާރުން ސޮއި ކުރީ ތައިލެންޑުގެ ދެ ހޮސްޕިޓަލަކާއި ޔޫއޭއީގެ އަބޫދާބީގެ ހޮސްޕިޓަލަކާއެކު އެވެ. އެ ހުރިހާ އެއްބަސްވުމެއްގައި ވެސް ސޮއި ކުރީ ޑިސެމްބަރު 15، 2024، ގަ އެވެ.
މި ނޫހާ ވާހަކަ ދެއްކި މަސްދަރުން ބުނީ އެއްބަސްވުންތަކުގައި ސޮއި ކުރީ "އަވަސް އަރުވާލައިގެން" ކަމަށާއި ސޮއި ކުރިއިރު ވެސް އާސަންދައިގެ ދަށުން އެ ދެ ގައުމަށް ފޮނުވުމުގެ ނިޔަތެއް ސަރުކާރުގެ ނެތް ކަމަށެވެ.
"އިންޑިއާ ނޫނީ ސްރީ ލަންކާއަށް ފޮނުވުން ކަހަލަ ކަމެއް ނޫން މިއީ. އިންޑިއާ، ލަންކާ ހޮސްޕިޓަލުތަކަށް ބައިވަރު ފައިސާ މިހާރު ވެސް ދައްކަންޖެހިފަ އޮންނާނެ. އެކަމަކު، ތައިލެންޑު، ޔޫއޭއީ ހޮސްޕިޓަލްތަކުން އެގޮތަކަށް މަސައްކަތެއް ނުކުރާނެ. ފައިސާ ދައްކަންޖެހޭނެ ބަރާބަރަށް،" އޭނާ ބުންޏެވެ.
ޔޫއޭއީ އާއި ތައިލެންޑުގެ ހޮސްޕިޓަލްތަކުން އާސަންދަ ހޯދައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރަށްފަހު އެނބުރި ވަޑައިގެން ޖެނުއަރީ 13، 2024، ގަ އެވެ. އެ ވައުދު ރައީސް ވެވަޑައިގަތީ ނުސީދާ ގޮތުން އިންޑިއާއަށް ދެއްވި ބަހުގެ ހަމަލާތަކެއްގެ ތެރެއިންނެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެންގެ އާސަންދައަކީ، ހަމައެކަނި ވަކި ދިމާއެއްގައި ހުންނަ، ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް، ޔޫއޭއީ އަށާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރުމަށް. އަދި އެތަނަށް ދާއިރުގައި އެތަނުގެ އެކޮމޮޑޭޝަން އެކްސްޕެންސަސް އޭގައި ހިމެނޭ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން އާސަންދައިގެ ހިންގުން ވަނީ ވަރަށް ބޮޑަށް ދޯދިޔާވެފަ އެވެ. އެގޮތުން، ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މަޖިލިސް މެންބަރުން ބޭނުންވާ ބަޔަކަށް އާސަންދަ ހަމަޖައްސަން އާސަންދައިގެ އޮފީހުގައި ވަނީ ވަކި ޑެސްކެއް ހަމަޖައްސައިފަ އެވެ. އެގޮތަށް ހަމަޖެއްސީ މެންބަރުންގެ ޝަކުވާ ބޮޑުވެގެންނެވެ.
އޭގެ އިތުރުން، ކުރިން އާސަންދައިގެ ދަށުން ލިބުނު ގިނަ ބޭސް މިހާރު ނުލިބޭކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ. އޭގެ ތެރޭގައި ކެންސަރު އަދި ހަކުރު ބައްޔަށް ފަރުވާ ކުރާ މީހުން ދާއިމަށް ކާން ޖެހޭ ބައެއް ބޭސްތައް ހިމެނެ އެވެ. އޭގެ އިތުރުން ވެސް ދިވެހިން ކުރިން ބޭނުން ކުރަމުން އައި ވަރަށް ގިނަ ބޭސްތަކެއް މިހާރު އާސަންދައިގެ ދަށުން ނުލިބެ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސައިޚް
about 1 month ago
މިސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް އޮޅުވާލައިގެން، ދޮގާ ، މަކަރުން ވެރިކަން ކުރުން، މުއިއްޒު ވަރުގެ ހަރާން ދޮގުހަދާ މީހެއް ނުދެކެން.، ދިވެހިން ބޭހައް އެމެރިކާ އަށް ކީއްވެ ނުފޮނުވަންވީ.
Comment