ވައިޓް ހައުސްގައި ކުރިއަށްދާ ވައިޓް ހައުސް ކްރިޕްޓޯ ސަމިޓުގެ ތެރެއިން -- ފޮޓޯ: ރޮއިޓާސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން ބިޓްކޮއިން ރިޒާވެއް ގާއިމްކުރުމަށް ނިންމައި، ހުކުރު ދުވަހު ވައިޓް ހައުސްގައި ކްރިޕްޓޯކަރަންސީ ދާއިރާގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފި އެވެ.
މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ އެމެރިކާ ސަރުކާރުގެ ބިޓްކޮއިން އަދި އެހެނިހެން ޑިޖިޓަލް އެސެޓްތައް ރައްކާކުރާނެ ރިޒާވެއް ގާއިމުކުރުމެވެ.
ބައްދަލުވުމުގައި މައިކްރޯސްޓްރެޓެޖީގެ ސީއީއޯ މައިކަލް ސޭލަރ، ކޮއިންބޭސްގެ ސީއީއޯ ބްރަޔަން އާމްސްޓްރޯންގ، ވިންކްލެވޯސް އެކުވެރިން އަދި ޓްރަމްޕްގެ އަމިއްލަ ކްރިޕްޓޯ ވިޔަފާރިކަމަށްވާ ވޯލްޑް ލިބަރޓީ ފައިނޭންޝަލްގެ ބާނީއެއް ކަމަށްވާ ޒަކް ވިޓްކޮފް ބައިވެރިވެވަޑައިގެންނެވި އެވެ.
ބުރާސްފަތި ދުވަހު ރައީސް ޓްރަމްޕް ވަނީ ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައި މި ރިޒާވް ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށްފަ އެވެ. މި ގަރާރުގެ ދަށުން ޓްރެޜަރީ އަދި ކޮމާސް ސެކްރެޓަރީންނަށް ވަނީ ޓެކްސް ދައްކާ ފަރާތްތަކަށް އިތުރު ޚަރަދެއް ނުހިނގާގޮތަށް ބިޓްކޮއިން އިތުރަށް ހޯދުމަށް ސްޓްރެޓެޖީއެއް އެކުލަވާލުމަށް އަންގާފައެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ ޓެކްސް ދައްކާ ފަރާތްތަކަށް އެއްވެސް ޚަރަދެއް ކުރުވާކަށް،" ޓްރަމްޕް ބައްދަލުވުމުގައި ވިދާޅުވިއެވެ.
ޓްރަމްޕް ސަރުކާރުގެ ކްރިޕްޓޯ ވަޒީރު ޑޭވިޑް ސެކްސް ވިދާޅުވިގޮތުގައި، މި ރިޒާވްގައި ހިމެނޭނީ ފެޑެރަލް ސަރުކާރުގެ މިލްކުގައިވާ ޤާނޫނީ އަދި މަދަނީ މައްސަލަތަކުގައި އަތުލެވިފައިވާ ބިޓްކޮއިންއެވެ. ޓްރަމްޕްގެ އެގްޒެކެޓިވް އޯޑަރުގައި ވަނީ ސަރުކާރުގެ ބިޓްކޮއިން ނުވިއްކާނެކަމަށް ބަޔާންކޮށްފައެވެ.
ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، ޑޮލަރަކީ ދުނިޔޭގެ ރިޒާވް ފައިސާގެ ގޮތުގައި އެމެރިކާއިން ދެމެހެއްޓުމަށް ސްޓޭބަލްކޮއިން ބޭނުންކުރާނެކަމަށެވެ.
ބިޓްކޮއިންގެ އިތުރުން ޓްރަމްޕް ވަނީ އިތުރު ހަތަރު ކްރިޕްޓޯކަރަންސީއެއް ރިޒާވްގައި ހިމެނިދާނެކަމަށް ހުށަހަޅުއްވާފައެވެ. މީގެ ތެރޭގައި ރިޕްލް ކުންފުންޏާ ގުޅުންހުރި އެކްއާރުޕީ ވެސް ހިމެނެއެވެ.
ސަމިޓްގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރިގޮތުގައި، ޓްރަމްޕް ސަރުކާރުން ކްރިޕްޓޯކަރަންސީ ބަލަނީ މެއިންސްޓްރީމް އެސެޓެއްގެ ގޮތުގައެވެ. އަދި ސިނާއަތާގުޅޭ ރެގިއުލޭޝަންތަކުގެ ސާފު މަގެއް ޤާއިމުވާނެކަމަށް އެފަރާތްތަކުން އުންމީދުކުރެއެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment