9 މާރިޗު 2025 - 16:30 5
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު
9 މާރިޗު 2025 - 16:30 5
ރިޔާސީ ކެމްޕޭނާއި ވެރިކަމަށް ވަޑައިގެންނެވިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކުރައްވަމުން ގެންދަވާ އެންމެ ބޮޑު ވައުދާ ހިލާފުވެ، މަރުކަޒީ ބޭންކު (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އެމްއެމްއޭ މެދުވެރިކޮށް ރާއްޖޭގެ ތާރީހުގައި ވެސް ޗާޕުނުކުރާ ވަރަށް ފައިސާ ޗާޕުކުރަން ސަރުކާރުން ނިންމައިފި އެވެ.
ތަފާތު އެކި މަސްދަރުތަކުން އަދަދު ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އެމްއެމްއޭގެ ބޯޑުން ވަނީ 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރަން ނިންމާފަ އެވެ.
މިކަމާ ގުޅޭގޮތުން އަދަދު ގެ ނޫސްވެރިން އެމްއެމްއޭގެ ބަހެއް ހޯދުމަށް މަސައްކަތްކުރުމުން އެ އިދާރާގެ އޮފިޝަލުން ވިދާޅުވީ ރަސްމީ ބަހެއް ދިނުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. ގަވަރުނަރު އަހުމަދު މުނައްވަރު ފޯނު ކޯލަށް އަދި މެސެޖަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.
އެމްއެމްއޭ އިން 14 ބިލިއަނެއްހާ ރުފިޔާ ބޭނުންކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ އާބަން އައިލް އިން 20 ހެކްޓަރުގެ ބިން ގަތުމަށެވެ.
އެ ބިން ގަތުމަށް އެމްއެމްއޭ އިން މިހާރު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަސްމީ ސިޓީއެއް ފޮނުވާފަ އެވެ. މި ސިޓީއާ ގުޅިގެން އެޗްޑީސީން ވަކި ގޮތެއް ނިންމާފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މި އިންވެސްޓްމަންޓުގެ ބޭނުމަކީ ދައުލަތުގެ މާލީ ހާލަތު ގޯސްވަމުންދިޔުމާއެކު ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދުން ކަމަށްވެ އެވެ.
އެމްއެމްއޭއިން މި ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކޮށް އެ ފައިސާ އެޗްޑީސީން ރާއްޖޭގެ ބޭންކަކަށް ޖަމާކުރުމާއެކު އެ ބޭންކަކުން ލޯނުގެ ގޮތުގައި ދޫކޮރުވޭ އަދަދު ބޮޑުތަކުން އިތުރުވާނެ އެވެ. ސަރުކާރުގެ މަގުސަދަކީ ބޭންކަށް ބޮންޑު ވިއްކައިގެން އިތުރު ދަރަނި ނަގާ ހަރަދުތައް ދެކޮޅު ޖެއްސުން ކަމަށް ތަޖުރިބާކާރުން ބުންޏެވެ.
ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، އިގުތިސޯދީ ކަންކަމުގައި ރައީސަށް ލަފާދިނުމަށް އެކުލަވާލާފައިވާ އިކޮނޮމިކް ކައުންސިލުން އިއްޔެ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. ރަސްމީ ބަންދު ދުވަހެއްގައި މި ބައްދަލުވުން ބޭއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
މަތިބަރު, ހަރަދު ބޮޑުކޮށް ހިންގާ މި ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް މިފަދަ ފިޔަވަޅެއް އަޅަން ނިންމާފައިވަނީ މިވަނީ މާލީ އިސްލާހީ ފިޔަވަޅުތައް ވަރަށް އަވަސްކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދިވެހި ސަރުކާރަށް ގޮވާލިތާ މަހެއް ނުވަނީހެވެ.
އައިއެމްއެފްގެ ލަފާގައި ވެސް ގޮވާލާފައި ވަނީ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް ވީހާ ވެސް އަވަހަކަށް ތަންފީޒުކޮށް, ބޭކާރު މަޝްރޫއުތައް ހިންގުން ހުއްޓާލުމަށެވެ. އަދި މިހެން ނުވެއްޖެ ހާލަތެއްގައި މިހާރު ރަނގަޅު ހިސާބެއްގައި ހުރި އިގުތިސޯދީ ދުވެލި މަޑުޖެހި, މާލީ ހާލަތު ގޯހުންގޯހަށް ދިޔުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
Comment