8 މާރިޗު 2025 - 04:47 0
8 މާރިޗު 2025 - 04:47 0
ލިވަޕޫލް (މާޗް 8) - މި ސީޒަނުގައި ލިވަޕޫލުން އެކި މުބާރާތްތަކުގައި ހޯދަމުން އަންނަ ކާމިޔާބަކީ ނަސީބުގެ އެހީގައި ހާސިލްކުރެވޭ ކަންކަން ގޮތުގައި ދައްކާ ވާހަަކަ އަކީ ހަގީގަތެއް ނޫން ކަމަށާއި މިއީ ބުރަ މަސައްކަތުން ހޯދޭ ނަތީޖާތަކެއް ކަމަށް އެ ޓީމުގެ ކޯޗު އާނާ ސްލޮޓް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑެއްގައި ލިވަޕޫލް އޮތްއިރު، އެ ޓީމުން އަންނަ ހަފްތާގައި ލީގު ކަޕް ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑާ ކުޅޭނެ އެވެ. އަދި، ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ ދަނޑުގައި އެ ޓީމު އަތުން މޮޅުވެ، ކުއާޓާ ފައިނަލުގެ ފުރުސަތު ވެސް ވަނީ ބޮޑުކޮށްފަ އެވެ.
މި ސީޒަނުގައި ލިވަޕޫލުން ހޯދަމުން އަންނަ ކާމިޔާބުތަކުގައި އެ ޓީމަށް އަނިޔާގެ މައްސަލަ އެހެން ޓީމުތަކަށް ވުރެ މަދުން ދިމާވުމުގެ ކަންކަން ރަނގަޅަށް ދިއުމާއި، އެ ޓީމާ ދެކޮޅަށް ކުޅެން ޖެހޭ ޓީމުތަކަށް ދިމާވެފައި އޮންނަ އުނދަގޫ ހާލަތުގެ އެޑްވާންޓޭޖް ލިވަޕޫލަށް އޮންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެ ވާހަކަތަކާ ބެހޭގޮތުން ސްލޮޓް ދެކޭ ގޮތެއް އޮޅުން ފިލުވަން ނޫސްވެރިން ސުވާލުކުރި އެވެ.
"މައިކަލް ޖޯޑަން (ބާސްކެޓްބޯޅަ ލެޖެންޑް) ބުނާހެން ބުރަކޮށް މަސައްކަތްކުރި ވަރެއް ނަސީބު ވެސް އެހީވާނީ. އަހަރެމެން މި ކުރާ މަސައްކަތަކީ ހަމައެކަނި ނަސީބޭ ބުނުމަކީ ރަނގަޅު ގޮތެއް ނޫން. މީގެ ކްރެޑިޓް ކުޅުންތެރިންނަށް ދޭން ޖެހޭ. ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން މި ހިސާބުގައި މި ތިބީ،" ނުވަ އަހަރަށް ފަހު، ޔާގަން ކްލޮޕް ލިވަޕޫލް ދޫކޮށްލުމުން، އެ ޓީމާ ހަވާލުވެ، ފާހަގަކޮށްލެވޭ މަސައްކަތެއް ކުރަމުން އަންނަ ސްލޮޓް ބުންޏެވެ.
ސްލޮޓް ބުނީ އެ ޓީމަށް ވެސް އަނިޔާގެ މައްސަަލަތައް ދިމާވެ، ގިނަ ކުޅުންތެރިންތަކަކަށް މުހިންމު މެޗުތަކެއް ވެސް ގެއްލިފައިވާ ކަމަށެވެ. އަދި، އަނިޔާގެ މައްސަލަތަކުގެ ގޯސް އަސަރު ޓީމަށް ނުކުރަނީ، އެ ކަންކަން މެނޭޖުކުރުމުގައި ލިވަޕޫލުން އެހެން ޓީމުތަކަށް ވުރެ ރަނގަޅަށް މަސައްކަތް ކުރާތީކަން ސްލޮޓް ވަނީ ފާހަގަކޮށްފަ އެވެ.
ލީގުގައި މިރޭ ސައުތެމްޓަނާ ދެކޮޅަށް ވެސް ނެރޭނީ އެންމެ ވަރުގަދަ ސްކޮޑު ކަމަށާއި މި ވަގުތު ފޯކަސް އަކީ ވެސް އެ މެޗު ކަަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.
ސައުތެމްޓަން މެޗަށް ފަހު، ލިވަޕޫލަށް ދެން އޮތް ދެ މެޗަކީ، ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ކުޅޭ މެޗާއި ލީގު ކަޕް ފައިނަަލުގައި ނިއުކާސަލާ ދެކޮޅަށް ކުޅޭ މެޗެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment