އުލްޔާ އަށް މި ފަހަރު ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް

7 މާރިޗު 2025 - 12:32 0


އުލްޔާ އަށް މި ފަހަރު ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް

7 މާރިޗު 2025 - 12:32 0

ރާއްޖޭގެ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް، ހުނަރުވެރި ފެތުންތެރިޔާ، އައިޝަތު އުލްޔާ ޝާއިގް އާ ކޮށްފި އެވެ.

ގައުމީ ސްވިމިން ޓީމުގައި ހިމެނޭ އުލްޔާ، މި ރެކޯޑް އާ ކުރީ، އޭނާ ތަމްރީންތައް ވެސް ކުރިއަށްގެންދަމުން އަންނަ އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ދި ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިން ކްލަބްގެ ކްލަބް ނައިޓް ނަންބަރު ފަހެއްގައި ވާދަކޮށްގެންނެވެ. އެ ގޮތުން، 100 މީޓަރު ފްރީސްޓައިލް އިވެންޓްގައި އުލްޔާގެ ޓައިމިން އަކީ، 01:04.32 އެވެ.

މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ) އެވެ. އެއީ، މިދިޔަ އަހަރު ސްރީލަންކާގައި ބޭއްވުނު އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްގައި 01:05.03 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

ޕެރިހުގައި މިދިޔަ އަހަރު ކުރިއަށްދިޔަ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރި އުލްޔާ ވަނީ ދާދި ފަހުން، ދެ ގައުމީ ރެކޯޑެއް ހަދައިފަ އެވެ.

އުލްޔާ އާ ކުރީ، އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑާއި އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ.

އެސްޑަބްލިއުއޭ (ސްވިމިން ވެސްޓާން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިން ސްޓޭޓް ޗެމްޕިއަންޝިޕްގައި ވާދަކޮށް ޢުލްޔާ އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ފްރީސްޓައިލްގެ ގައުމީ ރެކޯޑް އާ ކުރީ، 00:28.64 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް އުލްޔާ އެވެ. އެއީ، މިދިޔަ އަހަރު ބޭއްވުނު 11 ވަނަ އޭޝިއަން އޭޖްގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ގައި 00:29.29 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް، އެސްޑަބްލިއުއޭ (ސްވިމިން ވެސްޓާން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިން ސްޓޭޓް ޗެމްޕިއަންޝިޕްގައި ވާދަކޮށް، އުލްޔާ އާ ކުރީ، 00:34.18 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އައިޝަތު ސައުސަން އެވެ. އެއީ، 2023 ވަނަ އަހަރު ބޭވުނު 11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގަ އެވެ. ސައުސަން، އެ ފަހަރު 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު އާކޮށްފައިވަނީ 00:34.32 އިންނެވެ.