7 މާރިޗު 2025 - 10:58 3
މަހްފޫޒް ސައީދު
7 މާރިޗު 2025 - 10:58 3
ބޭއިންސާފަށް ހޭނުމަށްވުރެ ނުރައްކާތެރިކަމެއް މުޖުތަމައުއަކަށް ކުރިމައްޗެއް ނުވާނެ އެވެ.
ރާއްޖޭގެ ގާނޫނުއަސާސީގެ ވިހި ވަނަ މާއްދާގައި އޮތީ "ގާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެކެވެ. އަދި ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ." މިހެންނެވެ.
ގާނޫނުގެ ރައްކާތެރިކަން ލިބުމުގައި ހަމަހަމަވެގެންވާ ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ގެނެވިދާނީ ކޮން ހާލަތެއްގައިކަންވެސް ގާނޫނުއަސާސީގައި އޮތީ ލިޔެފަ އެވެ. ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ) ގައި އޮތީ "މުޖުތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް، ނުވަތަ އިޖްތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތުކުރުމެއް ކަމުގައެއް ނުވާނެއެވެ." މިހެންނެވެ.
ދައްކަން މިއުޅެނީ 'އާސަންދަ' އޭ ކިޔައިގެން މި ހިންގާ ސިއްހީ އިންޝުއަރެންސް ނިޒާމުގެ ވާހަކަ އެވެ. އެ ވާހަކައަށް ދިއުމުގެ ކުރިން އެހެން ވާހަކަ އެކެވެ. ބޭސްފަރުވާއާ ގުޅޭ ބޮޑެތި ކަންކަމުގައި ޒަމާނުއްސުރެ އަޅުގަނޑުމެން ހޭނިފައި ތިބީ އެކި މީހުންނަށް ދަންނަވައިގެން އެހީ ހޯދުމަށެވެ. ތީމުގެއިން ދެކޮޅު ޓިކެޓާއި، ދުއިސައްތަ ޑޮލަރު ދިނުމުން ދެން ލިޔަނީ ވިލާ ފައުންޑޭޝަނަށާއި އަލީފުޅު ތުއްތު ފައުންޑޭޝަނަށެވެ. މިއިން ކޮންމެ ތަނަކަށް ލިޔުނަސް އެކަމުގައި މެދުވެރިވެދޭން ބޮޑެތި ބޭފުޅުންގެ މަދަދު ހޯދަ އެވެ. އެކި ކަންކަމުގައި މާތްﷲ އަށް ދުއާ ދެންނެވުމަށް ވަލީވެރިންގެ ޒިޔާރަތްތަކަށް ނަދުރުބުނެ އެބޭކަލުން މެދުވެރިކޮށް އުޅުނު އުޅުމުން އުފެދިފައި އޮތް އާދައެއް ނޫންބާއޭ ވެސް ހީވެ އެވެ. މާތްﷲ އަށް ދުއާ ދެންނެވުމަށް އޮތް ސީދާ ފުރުސަތުވެސް ވަލީވެރި ބޭކަލަކާ ހަވާލުކޮށްގެން އުޅުނު އަޅުގަނޑުމެން ދިވެހީންނަށް، ބޭސްފަރުވާގެ އެހީއަށް ދެންނެވުމުގައި މެދުވެރިއަކަށްވަނީ މުޖުތަމައުގެ ބޮޑެތި ބޭފުޅުންނެވެ.
މި އާދަކާދަ މަތީގައި އަޅުގަނޑުމެން ތިއްބައި، ދެހާސް ނުވަވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް، ހުރިހައި ދިވެހި ރައްޔިތުންނަށް ބައިވެރިވެވޭ ސިއްހީ އިންޝުއަރެންސް ނިޒާމެއް ގާއިމުކުރެވުނެވެ. ތިން ސަތޭކަ ރުފިޔާ ދީފައި އަހަރަކު އެއްލައްކަ ރުފިޔާގެ ސިއްހީ ފަރުވާ ހޯދޭނޭ ނިޒާމެކެވެ. އޭގެ އެންމެ ދެއަހަރު ފަހުން އަޅުގަނޑުމެންގެ ދައުލަތުގެ ފުދުންތެރިކަން އިތުރުވީ ތޯއްޗެކެވެ. ދެން އައީ އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނެވެ. އެ ގާނޫނުގައި ކަނޑައެޅިގޮތުން ސިއްހީ އިންޝުއަރެންސް ހޯދުމަށް އަތުން ލޯ ލާރިއެއްވެސް ދައްކާކަށް ނުޖެހޭނެ އެވެ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އޮތީމާ ކޮންމެ މީހަކަށްވެސް އެ ހިދުމަތް ލިބޭނެ އެވެ. މިހާރުވެސް އިތުރަށް ތަރައްގީވެ ހިނގަމުން އެ ދަނީ އެ ނިޒާމެވެ.
ކޮންމެ ދިވެހިރައްޔިތަކަށްވެސް ހަމަހަމަކަމާއެކު ލިބޭނޭ ފުރުސަތެއްކަމަށް ގާނޫނުގައި އޮތަސް ތަންކޮޅެއް ބޮޑަށް ހަމަހަމަވުމުގެ ފުރުސަތު ބައެއް ބޭފުޅުންނަށް އަބަދުވެސް ފަހިވެފައި އޮވެ އެވެ. ދައުލަތުގެ އިސް ބޭފުޅަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެދުވެރިކޮށް ދެންނެވިއްޖެނަމަ އާސަންދަ ލިބުން އަވަސްވެޔޭ ކިޔާތީ އަޑުއިވެ އެވެ. އެއީ ކޮންމެ ސަރުކާރެއްގައިވެސް ކޮންމެވެސް ހަމައެއްގައ ހިނގާ ކަމެކެވެ. މި ސަރުކާރުން ކުރެއްވި ކަމަކީ ގިޔަރެއް މައްޗަށް ޖައްސާލުމެވެ. ކުރިން ނުރަސްމީކޮށް އޮތް އިންތިޒާމު ރަސްމީކޮށްލުމެވެ.
އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނުގެ ދެވަނަ މާއްދާގައި އެ ގާނޫނުގެ މަގުސަދުތައް ލިޔެފައި އެބައޮތެވެ. ފުރަތަމަ އަކުރުގައިވެސް އޮތީ އެ ގާނޫނުގެ މަގުސަދަކީ ދިވެހިރައްޔިތުންނަށް ހަމަހަމަކަމާއެކު، ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ގާނޫނީގޮތުން ކަށަވަރުކޮށްދިނުން ކަމަށެވެ.
ޖޯޖް އޯވެލްގެ މަޝްހޫރު ނޮވެލް "އެނިމަލް ފާމް" ގައި ކިޔައިދޭ އޫރުންގެ ސަރުކާރުގައި އޮތީ މި ހަމަ އެވެ. އެ ސަރުކާރުގެ ހަމަ ހުރިގޮތުން ހުރިހައި ޖަނަވާރުން ވެސް ހަމަހަމަ އެވެ. ބައެއް ޖަނަވާރުން ތަންކޮޅެއް ބޮޑަށް ހަމަހަމައީ އެވެ.
އާސަންދަ ހިންގާ ކުންފުނިން މިކުރީ މިކަހަލަ ކަމެކެވެ. ހުރިހައި ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ދޭން އޮތް ހިދުމަތެއްގައި، ޕީއެންސީގެ މަޖިލިސް މެންބަރުން ތަންކޮޅެއް ބޮޑަށް ހަމަހަމަކޮށްލީ އެވެ. އެ ބޭފުޅުންނަށް ދަތިފުޅުނުވާނޭ ހުރިހައި އިންތިޒާމެއް ހަމަޖެއްސުމަށް އެއޮފީހުގެ ވަސީލަތްތައްވެސް އެ ބޭފުޅުންނަށް ހިދުމަތްތެރިކުރުވީ އެވެ. ގާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާއި، އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނުގެ ދެވަނަ މާއްދާ ވެސް އޮތް ތަނެއްގައި އޮތީ އެވެ.
ޖޯޖް އޯވެލް 1945 ވަނަ އަހަރު ލިޔުނު، އެނިމަލް ފާމް ގެ ވާހަކަ ނޭނގޭ މީހަކު ނޫޅޭނެ އެވެ. މިސްޓަރ ޖޯންސްގެ މެނަރ ފާމްގައި އުޅޭ ޖަނަވާރުތައް އިންސާނުންގެ އަނިޔާވެރިކަމުން މިނިވަންވުމަށް، އެ ފާމުގައި އުޅުނު އޫރެއްކަމަށްވާ، އޯލްޑް މޭޖަރ ގެ ލީޑަރޝިޕްގެ ދަށުން ހުރިހައި ޖަނަވާރުން މަސައްކަތް ކުރަން ފަށަ އެވެ. އެ ފާމުގެ ވެރިޔާ މިސްޓަރ ޖޯންސްގެ އަތުން ފާމް އަތުލުމަށްފަހު އެތަނުގެ ނަން "އެނިމަލް ފާމް" އަށް ބަދަލު ކުރެ އެވެ. އޫރުތަކުގެ ތެރެއިން ނެޕޯލިއަން އާއި ސްނޯބޯލް އެ ފާމުގައި ވެރިކަމުގެ ނިޒާމެއް ގާއިމުކޮށް އެ ވެރިކަމުގައި "ހުރިހާ ޖަނަވާރުންވެސް ހަމަހަމަ" ކަމަށް ބުނެ އެ އުސޫލުގެ ދަށުން ހަތް ގަވާއިދެއް އެކުލަވާލަ އެވެ. ނަމަވެސް ނެޕޯލިއަން އެސޮރުގެ ރޭވުންތަކާއި، ބާރުގެ ބޭނުންކޮށް ސްނޯބޯލް ބޭރުކޮށް، އަމިއްލަ ވެރިކަމެއް ގާއިމުކުރެ އެވެ. އަދި ސްކުއީލަރ މެދުވެރިކޮށް ޕްރޮޕެގެންޑާ ފަތުރައި، އޫރުތަކަށް ފައިދާވާގޮތަށް ގަވާއިދުތައް ބަދަލުކުރަމުން ގެންދެ އެވެ. ނެޕޯލިއަން ކުރާ ކަންކަމާމެދު ސުވާލު އުފައްދާ ޖަނަވާރުންނާއި، އެ ވެރިކަމާ ދެކޮޅުހަދާ ޖަނަވާދާ ޖަނަވާރުތައް މަރާލަމުން ގެންދެ އެވެ. ސަރުކާރުގެ މައިގަނޑު ހަތް ގަވާއިދަށް އެންމެ ފަހަށް ގެނެވުނު ބަދަލަކީ، 'ހުރިހާ ޖަނަވާރުންވެސް ހަމަހަމައޭ، އެކަމަކު ބައެއް ޖަނަވާރުތައް ތަންކޮޅެއް ބޮޑަށް ހަމަހަމައޭ' މި އުސޫލެވެ.
އަޅުގަނޑުމެންނަށް މިއަދު ލިބިފައި މިއޮތީ، އެނިމަލް ފާމުގައި އުޅުނު ޖަނަވާރުންނަށް ލިބުނު ލަނޑެއް ނޫންތޯ އެވެ. ބާރުވެރިކަން އޮތް މީހުން ބޭރުކުރުމަށްފަހު މިގެނައި އިންގިލާބާއެކު މި އުފެއްދުނީ އެނިމަލް ފާމުގައި އެ ބުނާ އޫރުންގެ ސަރުކާރެވެ. މި ސަރުކާރުގައި ހުރިހައި ރައްޔިތުން ހަމަހަމަ އެވެ. އެ ރައްޔިތުންގެ ތެރެއިން ޕީއެންސީގެ މަޖިލިސް މެންބަރުން ތަންކޮޅެއް ބޮޑަށް ހަމަހަމައީ އެވެ. މި ބޭއިންސާފަށް އަޅުގަނޑުމެންގެ ނަފުސުތައް ހާނާނީތޯ ނުވަތަ މިކަމުގައި އިހުތިޖާޖުކޮށް، ގާނޫނުއަސާސީއާއި ގާނޫނުން ކަށަވަރުކޮށްދީފައި އޮތް ހައްގު މިންވަރު ހޯދުމަށް މަސައްކަތް ކުރާނީތޯ ނިންމުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގަ އެވެ.
Comment