ގޫގުލްގެ ސާޗް އަށް "އޭއައި މޯޑް" ތައާރަފުކޮށްފި

8 މާރިޗު 2025 - 04:55 0

އަހުމަދު ދާއޫދު

އ

"އޭއައި މޯޑް"ގެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް އައު ގޮތްތަކެއް ބޭނުންކޮށްފައިވޭ -- ފޮޓޯ: ޕިކްސެލް


ގޫގުލްގެ ސާޗް އަށް "އޭއައި މޯޑް" ތައާރަފުކޮށްފި

8 މާރިޗު 2025 - 04:55 0

ގޫގުލްއިން އެ ކުންފުނީގެ ސާޗް އިންޖިންއަށް "އޭއައި މޯޑް" ގެ ނަމުގައި އާ ހިދުމަތެއް ތައާރަފުކޮށްފި އެވެ. މިއީ ޖެމިނައި 2.0 މޮޑެލްގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ހިދުމަތެކެވެ.

ބުދަ ދުވަހު ތަޢާރަފްކުރި މި ހިދުމަތް މިވަގުތު ލިބެން ހުންނާނީ މަދު ބަޔަކަށްވާއިރު، ގޫގުލްއިން ބުނެފައިވާ ގޮތުގައި "ގޫގުލް ވަން އޭއައި ޕްރީމިއަމް" ސަބްސްކްރައިބަރުންނަށް މި ހިދުމަތް "ގޫގުލް ލެބްސް" މެދުވެރިކޮށް ތަޖުރިބާކުރަން ފުރުސަތު ދެވޭނެ އެވެ.

އައު "އޭއައި މޯޑް" ވަނީ އާންމު ގޫގުލް ސާރޗްއަށްވުރެ އިތުރު ގާބިލިއްޔަތުތަކެއް ލިބިފަ އެވެ. އެގޮތުން ޖުމްލަ ގޮތެއްގައި ވަރަށް ބޮޑަށް ދިރާސާކުރަންޖެހޭ ސުވާލުތަކަށް ޖަވާބު ލިބޭނެ އެވެ. އެއްފަހަރާ ގިނަ މައުލޫމާތު ހޯދަންޖެހޭ ކަންކަމުގައި އެހީތެރިވެދޭނެ އެވެ. އިތުރު ސުވާލުތައް ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އަދި ފޮޓޯ، ތާވަލް އާއި އެހެނިހެން ބާވަތްތަކުގެ މައުލޫމާތު ފެންނާނެ އެވެ.

ގޫގުލްއިން ބުނެފައިވާ ގޮތުގައި ހިދުމަތް ލިބޭ ފަރާތްތަކުން ގޫގުލް ސާޗްއަށް ސުވާލެއް ކުރުމުން "އޭއައި މޯޑް" ފިލްޓަ ފެންނާނެ އެވެ. މި ފިލްޓަ ވާނީ އެންމެ ފުރަތަމަ ފެންނަ އޮޕްޝަނަށެވެ. އޭގެ ފަހަތުގައި "އޯލް"، "އިމޭޖަސް"، "ނިއުސް"، "މެޕްސް" ފަދަ ފިލްޓަތައް ހުންނާނެއެވެ.

މީގެ އިތުރުން "އޭއައި އޯވަވިއުސް" ގެ ނަމުގައި ކުރިން ތަޢާރަފުކޮށްފައިވާ ހިދުމަތަށްވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ. ޖެމިނައި 2.0 މޮޑެލްއާއެކު މި ޚިދުމަތް އަޕްގްރޭޑްކޮށްފައި ވާއިރު، މިހާރު އެމެރިކާގައި މި ހިދުމަތް ބޭނުންކުރެވޭގޮތަށް ވަނީ ތަޢާރަފުކޮށްފަ އެވެ. އަދި މި ހިދުމަތް ފުރާވަރުގެ ކުދިންނަށާއި ގޫގުލް އެކައުންޓަށް ސައިން-އިން ނުވާ ބޭނުންކުރާ ފަރާތްތަކަށްވެސް ލިބޭގޮތަށް ވަނީ ފުޅާކޮށްފަ އެވެ.

ގޫގުލްއިން ބުނެފައިވާ ގޮތުގައި "އޭއައި މޯޑް" ހިދުމަތުގައި މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އައު ގޮތްތަކެއް ބޭނުންކޮށްފައިވާނެ އެވެ. ނަމަވެސް، ބައެއް ޖަވާބުތަކުގައި ވަކި ހިޔާލެއް ފެނި ދާނެކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ.

މި ހިދުމަތް އިތުރަށް ރަނގަޅުކުރުމަށް ޔޫޒަރުން ފީޑްބެކް ދިނުމަށް އެކުންފުނިން އެދިފައިވެ އެވެ.