6 މާރިޗު 2025 - 13:36 1
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު : އެމަނިކުފާނު ގޮވާލެއްވީ ވެރިންނަށް އިހުތިރާމު ކުރުމުގެ އާދަ އަށަގެންނެވުމަށް --- ފޮޓޯ: ރައީސް އޮފީސް
6 މާރިޗު 2025 - 13:36 1
ދިވެހިން އިސްލާމް ދީން ގަބޫލު ކުރުމުން ވެރިންނަށް އިހުތިރާމް ކުރުމުގެ އާދަ އާންމުވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި ގައުމިއްޔަތަކީ ދިވެހިން މި ރާއްޖޭގައި ދެމިތިބުމުގެ އަސްލު ކަމަށެވެ.
މި އަހަރުގެ ގައުމިއްޔަތު ދުވަސް ރޯދަ މަހާ ދިމާވާތީ، ދިވެހިން އިސްލާމް ދީން ގަބޫލު ކުރުމުން ދިރިއުޅުމަށް އައި ހެޔޮ ބަދަލުތަކަށް ބަލައިލަން ޖެހޭ ކަމަށް އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވި އެވެ.
ވެރިންނަށް އިހުތިރާމުކުރުމުގެ ވާހަކަ ފާހަގަކުރެއްވީ އެކަމުގެ މިސާލެއްގެ ގޮތުންނެވެ.
"އިންސާނިއްޔަތަށް ބަލާއިރު، އެކިއެކި ނަންނަމުގައި އިންސާނުން ގުރުބާންކުރުން ނިމުމަކަށް ގެނެސް، އިންސާނީ ކަރާމާތް ދިފާއުކޮށް މަތިވެރިކުރި. އިމާރާތްކުރުމަށް ބަލާއިރު، ހިރިގަލުގެ ރީތި ފަންނީ މިސްކިތްތައް ބިނާކުރި. އަހުލާގަށް ބަލާއިރު، ފަސްވަގުތު ނަމާދަށް ދިޔުމާއި، ވެރީންނަށް އިހުތިރާމުކުރުމާއި، އަމާނާތްތެރިކަން އާންމުވި،" ރައީސް ވިދާޅުވި އެވެ.
އެކަންކަމުގެ ސަބަބުން މުޅި ރާއްޖޭގެ އަމާންކަން ގާއިމުވިކަން ފާހަގަކުރައްވައި ރައީސް ވަނީ ރާއްޖޭގައި މިފަދަ ގައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރައްވަން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ދިވެހިރައްޔިތުން އަޅުގަނޑާ މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވި ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު މި ދަނީ އެ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ ދިވެހި ގައުމިއްޔަތު އިލްމީ ހަމަތަކުގެ މަތިން އުނގަންނައިދެވެމުންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ގައުމިއްޔަތު އާލާކުރުމަށް ފާހަގަކުރާ ދުވަހުގެ އަޒުމަކަށްވާންވީ އިސްލާމީ އުސޫލުތަކަށް އަމަލުކުރާ، ދިވެހިންގެ ހަރުދަނާ ސިފަތަކަށް ގަދަރުކުރާ މީހަކަށްވުން ކަމަށާއި އޭރުން ރޫހާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތަހުޒީބު މީހަކަށް ވެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހި ތާރީހުގެ މުއްސަނދިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ކަނޑުތައް ހުރަސްކުރި އެއްވެސް ބަޔަކަށް މިތަނުގައި ދިވެހިން ދިރިނޫޅޭ ދުވަހެއް ފެނިފައި ނުވާ ކަމަށެވެ.
Comment