6 މާރިޗު 2025 - 07:59 0
އޮޑިން ރޭ ބޭއްވި އެ ކްލަބްގެ ޕްރެކްޓިހުގެ ތެރެއިން.---- ފޮޓޯ: އޮޑި ސްޕޯޓްސް ކްލަބް
6 މާރިޗު 2025 - 07:59 0
އޮޑި ސްޕޯޓްސް ކްލަބުން ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޕްރީ ސީޒަން ފަށައި، އެ ކްލަބާ ގުޅެން ބޭނުންވާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ޓްރަޔަލަށް ހުޅުވާލައިފި އެވެ.
ރޭ ޓާފް ދަނޑުގައި އޮޑިން ޕްރީ ސީޒަން ޕްރެކްޓިސްތައް ފެށިއިރު، އެ ޓީމަކީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޕްރެކްޓިސް ފެށި ދެ ވަނަ ޓީމެވެ. މީގެ ކުރިން، ޕްރެކްޓިސް ފެށީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް އެންމެ އަވަހަށް ޕްރެކްޓިސް ފަށާ ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.
ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެން، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި އޮޑިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އަލަތު ސީޒަނަށް ނުކުންނާނީ ބިދޭސީ ކޯޗެއްގެ އިރުޝާދުގެ ދަށުން ކަމަށް އެ ކްލަބުން ވަނީ މައުލޫމާތު ދީފަ އެެވެ. އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މަސައްކަތް ކުރަނީ، އަހުމަދު ފައްރާހު (ފައްރަ) އާއި ފަރުހާދު އިސްމާއިލް (ފަރޭ) އެވެ.
މިިދިޔަ ސީޒަނުގައި އޮޑި އަށް ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށްދޭން ޓީމާ ހަވާލުވެހުރެ އިރުޝާދުދިނީ، ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ.
އޮޑިން ވަނީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. ދެ ވަނަ ޑިވިޝަނުގައި އެ ޓީމަށް ކުޅުނު، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެ ޓީމަށް ކުރިއަށް އޮތް ސީޒަނުގައި ވެސް ކުޅޭއިރު، ރިޓަޔަމެންޓް ދޫކޮށްލައި، އަލުން ކުޅުމަށް އެނބުރި އައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުލްބެކް، މުހައްމަދު ރަޝީދު (ހޮކޭ) ވެސް އެ ޓީމުން ފެންނާނެ އެވެ. މީގެ އިތުރުން، ގައުމީ ޓީމުގެ މިޑްފީލްޑަރު، ހުސެއިން ނިހާން (ނިހާޓް) ވެސް އޮޑިއާ ގުޅުނުއިރު، ތަޖުރިބާކާރު ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ވެސް ފެންނާނީ އޮޑިންނެވެ.
ވިހި އަހަރުން ދަށުގެ ގައުމީ ޓީމަށް މޮޅު ކުޅުމެއް ދެއްކި މުޒްދާން ހަސަންގެ އިތުރުން ގައުމީ ޓީމުގެ ޑިފެންޑަރު، އަހުމަދު ނޫމާން (ހެލްމެޓް)، މި ވަގުތު ރަނގަޅު ފޯމެއްގައި ކުޅޭ، އިބްރާހިމް އިމްރާން (އިންމި) އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުރިން ކުޅުނު އައިހަމް އަހުމަދު (އައިހު) ވެސް ވަނީ އޮޑިއާ ގުޅިފަ އެވެ.
އޮޑިން ޕްރީ ސީޒަން ރޭ ފެށިއިރު، ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައިވަނީ، އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ. ލީގު ފަށަނީ އޭޕްރީލް 10 ވަނަ ދުވަހު އެވެ.
އޮޑިއާ ގުޅެން ބޭނުންވާ ކުޅުންތެރިންނަށް ޓްރަޔަލަށް ހުޅުވާލައިފައިވަނީ، ފަސް ދުވަހުގެ މުއްދަތަށެވެ. އެއީ، އިއްޔެ އިން ފެށިގެން މި މަހު 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ޓްރަޔަލްގައި ބައިވެރިވުމުގެ މަސައްކަތް 7575791 އަށް ގުޅައިގެން ކުރިއަށްގެންދެވޭނެ ކަމަށް އޮޑިން ވަނީ މައުލޫމާތު ދީފަ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment