6 މާރިޗު 2025 - 12:26 0
6 މާރިޗު 2025 - 12:26 0
ޕެރިސް (މާޗް 6) - ފްރެންޗް ލީގުގެ މެޗެއްގެ ތެރެއިން ހިތްހަމަނުޖެހުން ފާޅުކޮށް ރެފްރީއާ ދިމާކޮށްލި ލިޔޯންގެ ކޯޗު، ޕައޮލޯ ފޮންސޭކާ ނުވަ މަހަށް ސަސްޕެންޑް ކުރުމަށް ނިންމައިފި އެވެ.
މި މަހު ދެ ވަނަ ދުވަހު ލިޔޯނުން 2-1 އިން ބްރެސްޓް އަތުން މޮޅުވި މެޗުގައި ފޮންސޭކާ އަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އޭނާ ހިތްހަމަނުޖެހި، ރުޅިގަނޑު ފަޅައިގެން ގޮސް، ރެފްރީއާ ދިމާކުރިއިރު ބަހުގެ ހަމަލާތައް ވެސް ރެފްރީއާ ދިމާލަށް ފޮނުވާލި އެވެ.
ފްރެންޗް ލީގުން ސީރިއަސް ކަމެއްގެ ގޮތުގައި މި މައްސަލަ ބެލުމަށް ފަހު، ނިންމާފައިވަނީ، ފޮންސޭކާ، 52، އަށް އެއްވެސް ރަސްމީ ސިފައެއްގައި ޓީމުގެ މެޗުދުވަހުގެ ކަންކަމުގައި ނުޅެވޭނެ ކަމަށެވެ. އެ ގޮތުން، މި ސަސްޕެންޝަން ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް ދަމަހައްޓަން ފްރެންޗް ފުޓްބޯލް ލީގުން ވަނީ ނިންމައިފަ އެެވެ.
މި ސީޒަން ފެށިއިރު، އޭސީ މިލާނުގެ ކޯޗަކަށް ހުރި ފޮންސޭކާ އެ ޓީމުން ވަކިވެ، ލިޔޯނާ ހަވާލުވީ މިދިޔަ ޖެނުއަރީ މަހު ފަހުކޮޅުގަ އެވެ. ފޮންސޭކާ، އަށް މި ދިން އަދަބުގެ ތަފްސީލަށް ބަލާއިިރު، އޭނާ އަށް އެންމެ އަވަހަށް ވެސް މެޗު ދުވަހު ޓީމުގެ ކަންކަމުގައި ދަނޑުތެރޭގައި ބައިވެރިވެވޭނީ ސެޕްޓެމްބަރު 15 ގަ އެވެ.
ލިޔޯނުން ބުނީ، ފޮންސޭކާގެ ފަރާތުން ފެނުނު ކަންކަމަށް އަދަބެއް ލިބެން ޖެހޭ ކަމަށާއި އެހެން ނަމަވެސް، މި ވަގުތު ދީފައި އެ އޮތް ނުވަ މަހުގެ ސަސްޕެންޝަނަކީ މާ ބޮޑު މިންވަރެއް ކަމަށެެވެ. އަދި، މައްސަލަ ހިނގިތާ ހަތަރު ދުވަހުގެ ތެރޭގައި މި ވަރުގެ ފިޔަވަޅެއް އެޅުމުން ކަންބޮޑުވާ ކަމަށާއި އިތުރަށް މި ކަން ބަލަން އެޕީލްކުރާނެ ކަމަށް ލިޔޯނުން ވަނީ ބުނެފަ އެވެ.
Comment