Advertisement

ރާއްޖެ އާއި އިންޑިއާ މެޗު ތާވަލާ އެއްގޮތަށް ޝިލޯންގައި

5 މާރިޗު 2025 - 12:18 0

ސާފް ޗެމްޕިއަންޝިޕްގައި 2023 ވަނަ އަހަރު ކުޅުނު މެޗެއްގެ ތެރެއިން ފޭދޫ އިއްބެ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ


ރާއްޖެ އާއި އިންޑިއާ މެޗު ތާވަލާ އެއްގޮތަށް ޝިލޯންގައި

5 މާރިޗު 2025 - 12:18 0

މި މަހު ފަށާ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުން އިންޑިއާއާ ދެކޮށް ކުޅޭ މެޗު އެންމެ ފުރަތަަމަ ވެސް ތާވަލުކުރި ގޮތަށް ޝިލޯންގައި ކުޅޭގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ރާއްޖެ އާއި އިންޑިއާ އިން މި މަހުގެ 19 ވަނަ ދުވަހު ކުޅޭ މި މެޗު ކުޅޭނެ ސްޓޭޑިއަމެއްގެ ގޮތުގައި، އޭއައިއެފްއެފް އިން ހަމަޖައްސާފައިވަނީ، ޝިލޯންގެ ޖަވާހިރު ލާލް ނެހްރޫ ސްޓޭޑިއަމްގަ އެވެ. މިއީ، އިންޑިއާ އިން އޭޝިއަން ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި މާޗް 25 ވަނަ ދުވަހު، ބަންގްލަދޭޝާ ދެކޮޅަށް ވެސް ކުޅޭނެ ދަނޑެވެ.

އެކަމަކު، އިންޑިއާއާ ދެކޮޅަށް ޝިލޯންގައި މެޗު ކުޅެފައި، މި މަހު 25 ގައި، ފިލިޕީންސަށް އޭޝިއަން ކަޕް ކޮލިފައިން މެޗު ކުޅެން ދިއުމަށް ބަލާއިރު، ރާއްޖެ އަށް އެންމެ އެކަށޭނެ ކަނެކްޓިން ފްލައިޓް ލިބުމުގެ ދަތިތަކެއް ހުރުމާއި، ޝިލޯންގައި ކުޅެފައި، ފިލިޕީންސަށް ގޮސްފިނަމަ، އެ ޓީމާ ދެކޮޅަށް ކުޅުމުގެ ކުރިން ރަނގަޅު ޕްރެކްޓިސްތަކެއް ނުކުރެވޭނެތީވެ، ރާއްޖޭން އެދުނީ، މެޗު ކުޅޭ ސިޓީ ބަދަލުކުރާށެވެ.

އޭއައިއެފްއެފް އިން ވަނީ މި މެޗު ކަލްކަތާ އަށް ބަދަލުކުރެވޭތޯ މަސައްކަތްތަކެއްކޮށްފަ އެވެ. އެކަމަކު، މިހާރު ނިންމާފައިވަނީ، ކުރިން ރޭވި ގޮތަށް ޝިލޯންގައި ކުޅޭށެވެ.

ރާއްޖޭން މީގެ ކުރިން ވަނީ، ޝިލޮންގައި ކުޅެފަ އެވެ. އެއީ، 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގަ އެވެ. އޭރު ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިން މި ވަގުތު ވެސް ގައުމީ ޓީމުގައި އެބަތިބި އެވެ.

"ހަމަ ކުރިން ވެސް ދެ ފަރާތުން ވާހަކަ ދެކެވުނު ގޮތަށް ޝިލޯންގައި ކުޅެން މިހާރު ކޮންފާމްކޮށްފައިވަނީ، އަސްލު މެޗު ކުޅޭ ވެނިއު ޗޭންޖްކުރަން ބެލި ސަބަބަކީ ދަތުރު ދިގުވުމާއި ވަރަށް ބައިވަރު އުނދަގޫތަކެއް ހުރުމުން، ދެން، ދެ ފަރާތް މަޝްވަރާކުރެވި މި ވަގުތަށް މި ކަމުގައި ހޯދޭނެ ލުއިތަކެއް ހޯދައިގެން ކުރިއަށްދެވޭތޯ މި ބެލީ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، މުހައްމަދު ސުޖާއު، "އަދަދު ސްޕޯޓްސް" އަށް މިއަދު ވިދާޅުވި އެވެ.

ޝިލޯންގް ސަރަހައްދުގެ މެގަލްހަޔާ ފުޓްބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، ސުނޭޝް ސަޔަމް ވިދާޅުވީ، އިންޑިއާ އިން ރާއްޖެއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ ކޮލިފައިން ފުރަތަމަ މެޗަށް ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ. އަދި، މިހާރު މަޝްވަރާ ކުރެވިފައިވާ ގޮތަށް ބަލާއިރު، އިންޑިއާ އިން އެކޮޅުގައި ރާއްޖޭގެ ގައުމީ ޓީމުގެ ހަރަދުތައް ހަމަޖައްސައިދޭ ގޮތަށް، ޓީމު މެޗުގެ ދެ ދުވަސް ކުރިން އިންޑިއާ އަށް ދެވޭނެ ގޮތަކަށް އެއްބަސްވެވިފައިވާ ކަމަށް ސަޔަމް ވިދާޅުވި އެވެ.

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުތަކުން އިންޑިއާ ވަނީ 15 މެޗުން މޮޅުވެފަ އެވެ. ހަތަރު މެޗުން ރާއްޖެ މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން، މި ދެ ޓީމު ބައްދަލުކުރީ 2021 ވަނަ އަހަރު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ މެޗުން އިންޑިއާ ވަނީ 3-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.