Advertisement

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅެނީ ރައީސް މުއިއްޒާއި އުޝާމް އާއި ޖޭއެސްސީގެ ރައީސް އަދި އޭސީސީގެ ރައީސް: ސުއޫދު

4 މާރިޗު 2025 - 16:07 0


ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅެނީ ރައީސް މުއިއްޒާއި އުޝާމް އާއި ޖޭއެސްސީގެ ރައީސް އަދި އޭސީސީގެ ރައީސް: ސުއޫދު

4 މާރިޗު 2025 - 16:07 0

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާދަމް އަދި އޭސީސީގެ ރައީސް އާދަމް ޝާމިލް ކަމަށް އެންމެ މަތީ ކޯޓުން މިއަދު އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްތިއުފާ ދެއްވުމަށްފަހު ޖޭއެސްސީއަށް ފޮނުވި ސިޓީގައި ސުއޫދު ވިދާޅުވީ، ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަނީ، ސިޔާސީ ޕާޓީތަކަށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ.

"ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ބަޔާން ކުރެވުނު މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެދޭ ގޮތަށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް [ދަނީ ގާނޫނުއަސާސީއާ ހިލާފަށް ނުފޫޒު ފޯރުވަމުން]،" ސުއޫދު ވިދާޅުވި އެވެ.

ގޮނޑި ގެއްލުވައިލެވޭ މައްސަލަ ކޯޓުން ބަލަނިކޮށް، ކޯޓުތަކުގެ ގާނޫނަށް ގެންނަ އިސްލާހަކުން، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ބިލެއް ވެސް ފާސް ކުރި އެވެ.

މިދިޔަ ހޯމަ ދުވަހު ފުރަތަމަ ކިޔުން އިއްވި ބިލު ފާސް ކުރީ، އެ ބިލަކީ އިންސާފުވެރި ބިލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި އޮއްވައި، މިދިޔަ ބުދަ ދުވަހެވެ. ނަމަވެސް މިހާތަނަށް އެ ބިލު ތަސްދީގުކޮށްފައެއް ނުވެ އެވެ.

އެ ބިލު ތަސްދީގު ނުކުރައްވަނީ ކީއްވެގެންވާ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދުއާ މި ނޫހުން ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. އެ ބިލު ތަސްދީގު ކުރެއްވުމަށް ނުވަތަ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ 15 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

މަޖިލީހުން ފާސްކުރި އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު، ތަސްދީގު ކުރި ނަމަވެސް ބާރު ނުހިނގާނޭ ބިލެއް ކަމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަނީ ބުނެފަ އެވެ.

"ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ގާނޫނުއަސާސީއާ ހިލާފުވާ ގޮތަށް ހަދާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް ވާނީ ބާތިލު އެއްޗަކަށް ކަމާއި އެފަދަ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެ ކަމާއި އަދި ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއް ކަމަށް ބަޔާން ކޮށްފައިވާތީ އިސްވެ ދެންނެވުނު ބިލަކި ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާން ކޮށްފައިވާ ވަރަށް އަސާސީ ކަންކަމާ ހިލާފު ބިލެއް ކަމުގައި މި ކައުންސިލުން ދެކެން،" ބާ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ހުސްނުއްސުއޫދާއި ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑުކޮށްފަ އެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ފަނޑިޔާރުންގެ ޖިނާއީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެވެ.

ނަމަވެސް ބަލަމުންދަނީ ފަނޑިޔާރުންގެ ކޮން މައްސަލައެއްކަން ހާމަ ކުރަން އޭސީސީއިން ވަނީ ދެކޮޅު ހަދައިފަ އެވެ. މައްސަލައެއް ބަލަމުންދާކަން ފަނޑިޔާރުންނަށް އަންގާފައެއް ވެސް ނުވެ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީި އޭސީސީއިން ބަލަނީ ފޭކު މައްސަލައެއް ކަމަށެވެ.