ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓައިލަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

4 މާރިޗު 2025 - 06:02 0

މުހައްމަދު ޝަހްޒާން

މ

ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓައިލަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

4 މާރިޗު 2025 - 06:02 0

ޝަރުއީ ދާއިރާތަކުގެ މިނިވަންކަން ނަގާލައި ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ހުދުމުހުތާރު އަމަލުތައް ހުއްޓައިލުމަށް ގޮވާލައި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލީ 46 މެންބަރުންގެ ވޯޓާއެކު އެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއިރު ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން މަރުޒޫގު އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި، މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލެވޭ ގޮތަށް މަޖިލީހުން ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ހަމައިން، އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ދައުލަތުން ވަކާލާތު ކުރުމާއި އެ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓަށް ނިންމުމުން ފަނޑިޔާރުންގެ އަދަދު މަދު ކުރެވޭ ގޮތަށް ކުއްލިއަކަށް މަޖިލީހަށް އިސްލާހެއް ހުށަހެޅުނު ވާހަކަ ފާހަގަ ކޮށްފައިވެ އެވެ.

އޭގެއިތުރުން އެ ބިލު އެންމެ ދުވަހެއްގެ ތެރޭގައި މަޖިލީހުން ފާސްކުރުމާއި އެ މައްސަލައާ ގުޅިގެން ވަގުތީ އަމުރެއް ނެރުމުގެ މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލު ކުރުމާއެކު ތިން ފަނޑިޔާރުން ސަސްޕެންޑު ކުރި ވާހަކަ ވަރަށް ތަފުސީލުކޮށް ލިޔެފައިވެ އެވެ.

ރައީސް މުއިއްޒު ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

"...ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ބަޔާން ކުރެވުނު މައްސަލަ މަނިކުފާނު އެދޭ ގޮތަށް ނިންމުމަށް މަނިކުފާނު ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. އާއި ރ. އާ ހިލާފަށް ނުފޫޒު ފޯރުވަމުން ގެންދަވާތީވެ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިހިނދުން ފެށީގެން އަޅުގަނޑު އިސްތިއުފާ ދީފިން،" ސުއޫދު ވިދާޅުވި އެވެ.