12 ނޮވެންބަރު 2024 - 09:21 0
އަހުމަދު އާއިދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު -- ފޮޓޯ: މަޖިލީހުގެ އިދާރާ
12 ނޮވެންބަރު 2024 - 09:21 0
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ތަފުސީލުތައް ހާމަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެކޮޅު ހަދަމުން ދަނީ ހިނގަމުންދާ އަހަރުގެ ބަޖެޓުގެ ހަރަދު ފޮރުވަން ކަމަށް، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީގައި ވެސް ހުންނަވާ ޝަމްހީދު "އަދަދު" ނޫހަށް މިއަދު ވިދާޅުވީ މިއަހަރު ބޮޑު މަޝްރޫއެއް، މަސައްކަތެއް ހިންގާފައި ނެތަސް، 49.8 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްކޮށްލައިފިކަން ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމުން ކަށަވަރު ވެގެން ދިޔަ ކަމަށެވެ.
"އެ ހަރަދު ކުރި ގޮތްތަކެއް ވެސް ނޭނގޭ. ފެންނަން އޮތީ ބަޖެޓު ހުސްކޮށްލިކަން. މަޝްރޫއެއް ނެތް ފެންނާކަށް. އެހެންވެ އަޅުގަނޑަށް ގަބޫލު ކުރެވެނީ އަންނަ އަހަރުގެ ބަޖެޓުގެ ތަފުސީލު ހާމަ އެ ނުކުރަނީ އެކަންކަން ފޮރުވަން ކަމަށް. އެއީ ބޮޑު އޮޅުވައިލުމެއް،" ޝަމްހީދު ވިދާޅުވި އެވެ.
"ބަޖެޓުގައި އެއްވެސް ތަފްސީލެއް ޖަހާފައި ނެތީމަ ރައްޔިތުންނަށް ނޭނގޭނެ ދެއްތޯ ހިންގި މަޝްރޫއެއް ނުހިންގާ މަޝްރޫއެއް. އެއީ އެ އޮޅުވާލާ އޮޅުވާލުމަކީ."
އަންނަ އަހަރުގެ ބަޖެޓުން ފެންނަ ނަންބަރުތަކަށް ބަލާއިރު، ރައްޔިތުންނަށް ލިބޭ މާލީ ފައިދާތައް އުނިކުރަން ނިންމާފައިވާ ކަމަށާއި އެ ބަދަލުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރު މަޖިލީހުގެ މެންބަރުންނަށް ވެސް ސަރުކާރުން ބުނެ ދޭން ބޭނުންނުވާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
"އަންނަ އަހަރު ސަބްސިޑީތަކަށް ބަދަލު ގެންނަ ވާހަކަ ދައްކަވަނީ. ބަޖެޓުގެ ނަންބަރުތަކުން އެބަ ފެނޭ ބޮޑު އަދަދެއް އުނިކުރާ ގޮތަށް އޮތް ކަމަށް. އަޅުގަނޑުމެން ޕާޓީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެކަންކަމުގެ ތަފްސީލު ނޭނގުން،" ޝަމްހީދު ވިދާޅުވި އެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުން ސަރުކާރުން ދޭ އެހީ އާއި ސަބްސިޑީގެ އަދަދު އޮތީ މިއަހަރަށް ވުރެ މަދުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުން އެކަމަށް 10.9 ބިލިއަން ކަނޑައަޅާފައި އޮތްއިރު، އަންނަ އަހަރުގެ ބަޖެޓުގައި އޮތީ 7.9 ބިލިއަން ރުފިޔާ އެވެ.
ބަޖެޓުގެ ތަފްސީލުތައް ހޯދަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ސިޓީއެއް ވެސް ފޮނުވާފައިވާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
Comment