Advertisement

ރާއްޖޭން ބޭނުންވާ ގޮތަށް ކަލްކަތާ އަށް މެޗު ބަދަލުކުރެވޭތޯ ބަލަނީ

3 މާރިޗު 2025 - 10:10 0


ރާއްޖޭން ބޭނުންވާ ގޮތަށް ކަލްކަތާ އަށް މެޗު ބަދަލުކުރެވޭތޯ ބަލަނީ

3 މާރިޗު 2025 - 10:10 0

މި މަހު ފަށާ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުން އިންޑިއާއާ ދެކޮށް ކުޅޭ މެޗު ރާއްޖޭން އެދޭ ގޮތަށް ކަލްކަތާގައި ކުޅެވޭތޯ އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި މެޗު ކުޅޭނެ ސްޓޭޑިއަމެއްގެ ގޮތުގައި، އޭއައިއެފްއެފް އިން ހަމަޖައްސާފައިވަނީ، ޝިލޯންގެ ޖަވާހިރު ލާލް ނެހްރޫ ސްޓޭޑިއަމްގަ އެވެ. މިއީ، އިންޑިއާ އިން އޭޝިއަން ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި މާޗް 25 ވަނަ ދުވަހު، ބަންގްލަދޭޝާ ދެކޮޅަށް ވެސް ކުޅޭނެ ދަނޑެވެ. ރާއްޖޭން މީގެ ކުރިން ވަނީ، ޝިލޮންގައި ކުޅެފަ އެވެ. އެއީ، 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގަ އެވެ. އޭރު ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިން މި ވަގުތު ވެސް ގައުމީ ޓީމުގައި އެބަތިބި އެވެ.

އެކަމަކު، އިންޑިއާއާ ދެކޮޅަށް ޝިލޯންގައި މެޗު ކުޅެފައި، މި މަހު 25 ގައި، ފިލިޕީންސަށް އޭޝިއަން ކަޕް ކޮލިފައިން މެޗު ކުޅެން ދިއުމަށް ބަލާއިރު، ރާއްޖެ އަށް އެންމެ އެކަށޭނެ ކަނެކްޓިން ފްލައިޓް ލިބުމުގެ ދަތިތަކެއް ހުރުމާއި، ޝިލޯންގައި ކުޅެފައި، ފިލިޕީންސަށް ގޮސްފިނަމަ، އެ ޓީމާ ދެކޮޅަށް ކުޅުމުގެ ކުރިން ރަނގަޅު ޕްރެކްޓިސްތަކެއް ނުކުރެވޭނެތީވެ، ރާއްޖޭން އެދުނީ، މެޗު ކުޅޭ ސިޓީ ބަދަލުކުރާށެވެ.

އެ ގޮތުން، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު އަންނަނީ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މި މެޗު ކުޅެވޭތޯ މަސައްކަތް ކުރަމުންނެވެ. ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗު އިންޑިއާ އަށް އެއްކޮށް ކެންސަލްކުރެވެން ނެތީ، މިހާ ކުރު މުއްދަތެއްގެ ތެރޭގައި، އެހެން ޓީމެއް އިންޑިއާ އަށް ދަތުރުކޮށް މެޗެއް ކުޅޭ ގޮތަށް ހަމަޖެއްސުމުގައި ދަތިތަކެއް ހުންނާނެތީ އެވެ.

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުތަކުން އިންޑިއާ ވަނީ 15 މެޗުން މޮޅުވެފަ އެވެ. ހަތަރު މެޗުން ރާއްޖެ މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން، މި ދެ ޓީމު ބައްދަލުކުރީ 2021 ވަނަ އަހަރު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ މެޗުން އިންޑިއާ ވަނީ 3-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.