3 މާރިޗު 2025 - 08:19 0
އައިޖީއެމްއެޗްގެ ނަރުހުން: ސިއްހި ހިދުމަތްތެރިންނަށް އިތުރު ގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވާތީ އެމްއެޗްޕީޔޫ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
3 މާރިޗު 2025 - 08:19 0
ސިއްހި ހިދުމަތްތެރިންނަށް އިތުރު ގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވާތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އެ ޔޫނިއަން އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހެލްތު މިނިސްޓްރީ އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތް ކުރަމުންދާ ސިއްހީ މަސައްކަތްތެރިންގެ ތެރެއިން ސިއްހީ ދާއިރާގެ ޕޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން ލައްވާ އިތުރު ގަޑީގައި ކުރުވާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ ހަމައަށް ނުދީ މަސައްކަތް ކުރުވަމުން ގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އެހެންކަމުން މުވައްޒަފު ލައްވާ، މުވައްޒަފުގެ އަސާސީ މުސާރައިގެ 10 ޕަސަންޓަށްވާ މިންވަރަށް ވުރެ އިތުރަށް މަސައްކަތް ކުރުވުން، ވަޒީފާދޭ ފަރާތުގެ މައްޗަށް އަދި އެ މުވައްޒަފަށް މަސައްކަތް ހަވާލުކުރާ ސުޕަވައިޒަރުގެ މައްޗަށް މަނާކުރޭ،" އެ ޔޫނިއަނުން ބުންޏެވެ.
ސިއްހީ ހިދުމަތް ހޯދާ ބަލި މީހުންގެ އަދަދާ އަޅާބަލާއިރު ސިއްހީ މަސައްކަތްތެރިންގެ އަދަދު މަދުވުމުގެ ސަބަބުން، ރަސްމީ ގަޑީގެ އިތުރަށް ގިނަ ވަގުތުތަކެއް ސިއްހީ މަސައްކަތްތެރިން މަސައްކަތުގައި ހޭދަކުރަން ޖެހޭކަން އެމްއެޗްޕީޔޫ ފާހަގަކުރި އެވެ.
އެމްއެޗްޕީޔޫ އިން ބުނީ ދައުލަތުގެ އައު ޕޭ ފްރޭވްވޯކުގައި މިހާރު ކަނޑައަޅާފައިވާ 10 ޕަސަންޓަށްވުރެ އިތުރަށް މިހާރު ވެސް ސިއްހީ މަސައްކަތްތެރިން މަސައްކަތް ކުރަން ޖެހުނު ނަމަވެސް، މުސާރައިގެ 10 ޕަސަންޓަށް ޖެހޭ ވަރަށް ވުރެ އިތުރަށް ކުރުވާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ މިހާރު ނުދޭ ކަމަށެވެ.
"ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ހެދޭ ކޮންމެ ގަވާއިދެއް، އުސޫލެއް އަދި ކޮންމެ މިންގަނޑެއް ވާނީ ބާތިލު އެއްޗެއްކަމުގައި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވީ ހިނދު، ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބިނުދެވޭ ގޮތަށް ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ އޯޓީއާ ގުޅޭ މިންގަނޑު ހެދުމަކީ ވަޒީފާއާ ބެހޭ ގާނުނާ ހިލާފުކަމެއް ކަމަށް ދެކެން،" އެ ޔޫނިއަނުން ބުންޏެވެ.
ސިއްހީ މަސައްކަތެރިން ލައްވާ އިތުރު ގަޑީގައި މަސައްކަތް ކުރުވާނަމަ، ވަޒީފާއާ ބެހޭ ގާނޫނުގައި އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ވީ އެންމެ އަވަހަކަށް ދޭން ފެއްޓުމަށާއި މެއި 1، 2023، އިން ފެށިގެން ހިނގާދިޔަ މުއްދަތުގައި ސިއްހީ މަސައްކަތްރެރިން ލައްވާ އިތުރުގަޑީގެ ފައިސާ ނުދީ މަޖުބޫރުން ކުރުވާފައިވާ މަސައްކަތަށް ދޭން ޖެހޭ ފައިސާ ހަމައަށް ދިނުމަށް އެމްއެޗްޕީޔޫ އިން ގޮވައިލި އެވެ.
Comment