3 މާރިޗު 2025 - 09:59 0
3 މާރިޗު 2025 - 09:59 0
މެޑްރިޑް (މާޗް 3) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭގެ މިޑްފިލްޑަރު ފެޑްރިކޯ ވަލްވާޑޭ އަށް އަނިޔާގެ ސަބަބުން، ޗެމްޕިއަންސް ލީގުގައި ރެއާލުން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވަލްވާޑޭ ވަނީ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އަތުން އަމިއްލަ ދަނޑުގައި ރެއާލުން މޮޅުވި މެޗުގައި ކުޅެފަ އެވެ. އެކަމަކު، އެ މެޗުގައި ވެސް ވަލްވޭޑޭ ކުޅުނީ އަނިޔާގައި ހުރެގެންނެވެ. އޭގެ ފަހުން، ރެއާލުން ކުޅުނު މެޗުތަކުގައި ވަލްވާޑޭ ނުކުޅެ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް އަތުން މެޑްރިޑް ބަލިވި މެޗުގައި ވެސް ވަލްވޭޑޭ ކުޅެފައި ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، މާދަމާރޭ އެތުލެޓިކޯއާ ދެކޮޅަށް ރެއާލް ނުކުންނަ މެޗުގެ ކުރިން ވަލްވޭޑޭ އިތުރު ޓެސްޓްތަކެއް ހަދާނެ އެވެ. އަދި، ވަލްވާޑޭ އަށް ކުޅެވޭނެކަން އެނގޭނީ މި ޓެސްޓުތަކުގެ ނަތީޖާތަކަށް ބެލުމަށްފަހުގަ އެވެ.
މި ސީޒަނުގައި ރެއާލަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ގުޅިގެން ވަލްވޭޑޭ ގިނަ މެޗުތަކެއް ފުރިހަމަ ކުރަން ޖެހުނީ ފުލްބެކެއްގެ ގޮތުގަ އެވެ. އެކަމަކު، ފުލްބެކެއްގެ ގޮތުގައިވެސް ވަލްވޭޑޭ ވަނީ ތަފާތު ދައްކައި މުހިންމު ދަނޑިވަޅުތަކުގައި ރެއާލަށް ގޯލްތަކެއް ޖަހާދީފަ އެވެ.
އުރުގުއޭ ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެއް ކަމަށްވާ ވަލްވޭޑޭ ވަނީ ރެއާލްގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ބައެއް މެޗުތަކުގައި ކުޅެފަ އެވެ.
Comment