2 މާރިޗު 2025 - 15:45 0
2 މާރިޗު 2025 - 15:45 0
މަނީލާ، ފިލިޕީންސް (ފެބްރުއަރީ 28) - ފިލިޕީންސްގެ އަސްކަރީ މަރުކަޒުތަކުގެ ފޮޓޯ އާއި ވީޑިއޯ ނަގައި ޖާސޫސް ކުރުމުގެ ތުހުމަތުގައި އެ ގައުމުން ޗައިނާގެ ފަސް ރައްޔިތުން ހައްޔަރުކޮށްފި އެވެ.
ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވާ ފިލިޕީންސްގެ ކަނޑުގެ ސިފައިންނަށް ޖާސޫސް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މި ފަސް މީހުންގެ ފޯނުން އަސްކަރީ މަރުކަޒުތަކުގެ މެޕްތަކާއި އުޅަނދުތަކުގެ ފޮޓޯ ފެނިފައިވާ ކަމަށް ފިލިޕީންސްގެ އޮފިޝަލުން ވަނީ ހާމަކޮށްފަ އެވެ.
އެ އެންމެންގެ މައްޗަށް ވެސް ޖާސޫސް ކުރުމުގެ ތުހުމަތުކޮށް ދައުވާ އުފުލާފައިވާއިރު އެ މީހުންގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މި އެންމެންނަކީ ވެސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) ގެ ފޮރިން އިންފްލުއެންސް ނެޓްވޯކާ ގުޅުން އޮންނަ ޖަމިއްޔާތަކެއްގެ އިސްވެރިންނެވެ. ޗައިނާގެ ސަރުކާރުން ވަނީ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް، ހައްޔަރުކުރުމުގެ ކުރިން އެ އެންމެން ވެސް އެކި ފަހަރު މަތިން ފިލިޕީންސްގައި ހުންނަވާ ޗައިނާގެ ޑިފެންސް އެޓާޗޭއާ ބައްދަލުކޮށްފައިވެ އެވެ.
ޗައިނާގެ ވާގިވެރިކަމާއެކު ހިންގާ މި ޖަމިއްޔާތައް މެދުވެރިކޮށް އެ މީހުން ވަނީ ފިލިޕީންސްގެ ސިޓީއެއް ކަމަށްވާ ޓާލަކަށާއި އެ ސިޓީގެ ފުލުހުންނަށް ހަދިޔާ ދީފަ އެވެ. އެ ސިޓީއަކީ އެމެރިކާ އަދި ފިލިޕީންސްގެ އަސްކަރިއްޔާގެ މައި މަރުކަޒުތަކެއް ހުންނަ ސިޓީއެކެެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment