Advertisement

ބޯކޮށް ވާރޭ ވެހި އަނެއްކާ ވެސް މާލޭގައި ފެންބޮޑުވެއްޖެ

1 މާރިޗު 2025 - 22:25 0

މާލޭ މަގެއްގައި ފެންބޮޑުވެފައި: މޫސުން ގޯސްވެ އޮރެންޖް އެލާޓު ވެސް ވަނީ ނެރެފައި -- ފޮޓޯ: އެކްސް / ޗާލީތުއްތު


ބޯކޮށް ވާރޭ ވެހި އަނެއްކާ ވެސް މާލޭގައި ފެންބޮޑުވެއްޖެ

1 މާރިޗު 2025 - 22:25 0

ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ބޯކޮށް ވާރޭ ވެހެމުން ގޮސް މިރޭ މުޅި މާލޭގައި ފެންބޮޑުވެއްޖެ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މެޓު އޮފީހުން ވަނީ މާލެ ހިމެނޭ ގޮތަށް ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް އޮރެންޖު އެލާޓެއް ވެސް ނެރެފަ އެވެ. އެލާޓު ނެރުނީ ވިއްސާރަ އާއި ފެންބޮޑުވުމަށް ސަމާލުވުމަށެވެ.

މިވަގުތު މާލެ ތެރޭގައި ހަރަކާތްތެރިވާ މި ނޫހުގެ ރިޕޯޓަރުން ބުނީ މާލޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންބޮޑުވެފައިވާ ކަމަށެވެ. މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ތަނބިކައްޓާ ހަމައަށް ހުރީ ފެންބޮޑުވެފަ އެވެ.

ފެން ހިންދުމުގެ މަސައްކަތް ކުރަން އެމްއެންޑީއެފްއިން މަސައްކަތް ފަށާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. ފެން ހިންދުމުގެ އިތުރުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ސިފައިން ބުންޏެވެ.

"ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގަ އާއި ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ދަނީ ހަރަކާތްތެރިވަމުން،" މިރޭ 9:48 ގައި ސިފައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައިވާތީ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.

"ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ހާލު ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ހާއްސަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވަމުން،" ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ދުރާލައި ތައްޔާރުވަމުން އަންނަ ކަމަށް ރޭ ވެސް ހީނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވުމާކު، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސްވަނީ މަސައްކަތް ފަށާފައި،" ހީނާ ރޭ ވިދާޅުވެފައިވެ އެވެ.

މިފަހުން މިދިޔަ ޖެނުއަރީ މަހު ވެސް މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވި އެވެ. އެފަހަރު ވާރޭ ވެހުނީ ރެކޯޑު މިންވަރަކަށް ކަމަށް މެޓު އޮފީހުން ބުންޏެވެ. ގަޑިއެއްހާއިރު ތެރޭގައި އެފަހަރު 164 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހުނެވެ.