Advertisement

މައިކްރޯސޮފްޓުން ސްކައިޕްގެ ހިދުމަތް ހުއްޓާލަނީ

6 މާރިޗު 2025 - 16:26 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

ސްކައިޕްއަކީ އޮންލައިންކޮށް ކޯލް ކުރުމަށް ބޭނުންކުރި ދުވަސްވީ އެޕެއް -- ފޮޓޯ: ކްރެޑިޓް ގެޓީ އިމޭޖް


މައިކްރޯސޮފްޓުން ސްކައިޕްގެ ހިދުމަތް ހުއްޓާލަނީ

6 މާރިޗު 2025 - 16:26 0

އިންޓަނެޓް މެދުވެރިކޮށް ފޯނުކޯލު ކުރުމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ތައާރަފުކުރި ސްކައިޕްގެ ހިދުމަތް 23 އަހަރު ފަރު ފަހުން ހުއްޓާލަން އެ ޕްލެޓްފޯމްގެ މިހާރުގެ ބެލެނިވެރި ކުންފުނި މައިކްރޯސޮފްޓުން ނިންމައިފި އެވެ.

މައިކްރޯސޮފްޓުން ބުނެފައިވާ ގޮތުގައި މި އަހަރުގެ މޭ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ސްކައިޕްގެ ހިދުމަތް ހުއްޓާލާނެ އެވެ. މި ގޮތުން ސްކައިޕް ބޭނުންކުރާ ފަރާތްތަކަށް 10 ހަފްތާގެ މުއްދަތެއް ދީފައި ވެ އެވެ. މި މުއްދަތުގެ ތެރޭގައި އެފަރާތްތަކުން އެކައުންޓާ މެދު ގޮތެއް ނިންމަންޖެހޭނެ އެވެ.

މައިކްރޯސޮފްޓް 365 ކޮލަބޮރޭޓިވް އެޕްސް އެންޑް ޕްލެޓްފޯމްސްގެ ރައީސް ޖެފް ޓެޕާ ވިދާޅުވި ގޮތުގައި މިއީ ސްކައިޕް ބޭނުންކުރާ ފަރާތްތަކަށް އަންނަ ވަރަށް ބޮޑު ބަދަލެކެވެ. އަދި ސްކައިޕް މެދުވެރިކޮށް ލިބުނު ތަޖުރިބާތަކަކީ ޓީމްސް ތަރައްގީކުރުމުގައި ވަރަށް ބޮޑަށް ބޭނުންކުރެވުނު ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ސްކައިޕް ބޭނުންކުރާ ފަރާތްތަކަށް މޭ 5 ގެ ކުރިން އެ ފަރާތްތަކުގެ ކޮންޓެކްޓްތަކާއި ޗެޓް ޑޭޓާ ޓީމްސްއަށް ބަދަލުކުރުމުގެ ފުރުސަތު ދީފައި ވެއެވެ. އަދި މީގެ އިތުރުން ސްކައިޕްގެ އެކްސްޕޯޓް ޓޫލް ބޭނުންކޮށްގެން ޑޭޓާ ޑައުންލޯޑްކުރުމުގެ ފުރުސަތު ވެސް ދީފައި ވެއެވެ.

ސްކައިޕްގެ ހިދުމަތް ހުއްޓާލުމަކީ ގިނަ ފަރާތްތަކަށް ޝޮކެއް ނޫނެވެ. ސަބަބަކީ 2016 ވަނަ އަހަރު މައިކްރޯސޮފްޓުން ޓީމްސް ތައާރަފުކުރި ހިސާބުން ފެށިގެން މިކަމުގެ އަލާމާތްތައް ފެންނަމުން އައި ކަމަށް ގިނަ ފަރާތްތަކުން ބުނެ އެވެ.

ސްކައިޕްއަކީ 2003 ވަނަ އަހަރު ތަޢާރަފުކުރެވުނު، އިންޓަނެޓް މެދުވެރިކޮށް މުވާސަލާތުކުރުމުގެ ހިދުމަތެކެވެ. މި ހިދުމަތް ވަރަށް އަވަހަށް މަގުބޫލުވެ، 2011 ވަނަ އަހަރު މައިކްރޯސޮފްޓުން 8.5 ބިލިއަން ޑޮލަރަށް ގަތުމާ ހަމައަށް 663 މިލިއަން ޔޫޒަރުން ރަޖިސްޓްރީވެފައި ވެއެވެ.

ނަމަވެސް ފަހުގެ އަހަރުތަކުގައި ވައިބާ، ވަޓްސްއެޕް އަދި ފޭސްބުކް މެސެންޖާ ފަދަ އެޕްލިކޭޝަންތަކުގެ ވާދަވެރިކަމާ ކުރިމަތިލާންޖެހުމާއެކު، ސްކައިޕްގެ މަގުބޫލުކަން ދަށްވަމުން ގޮސްފައިވެ އެވެ.

2023 ވަނަ އަހަރު ނިމުނުއިރު ސްކައިޕް ބޭނުންކުރާ ފަރާތްތަކުގެ އަދަދު 36 މިލިއަނަށް ދަށްވެފައިވާކަމަށް މައިކްރޯސޮފްޓުން ހާމަކޮށްފައިވެ އެވެ. ސްކައިޕްގެ ހިދުމަތް ހުއްޓާލުމަށް ނިންމާފައިވަނީ މައިކްރޯސޮފްޓްގެ އަމިއްލަ އުފެއްދުމެއްކަމަށްވާ ޓީމްސްއަށް އިސްކަންދިނުމުގެ ގޮތުންނެވެ.