Advertisement

ޕީއެންސީ އިން ވަކިކޮށްފިނަމަ އަޒާން އަނބުރާ މަޖިލީހަށް ހޮވައިދޭން މަސައްކަތް ކުރާނެ ކަމަށް ޔާމީނުވެސް ވިދާޅުވެއްޖެ

28 ފެބުރުވަރީ 2025 - 16:55 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު : އެމަނިކުފާނު ވިދާޅުވީ އަޒާން އަނބުރާ މަޖިލީހަށް ހޮވައިދޭން މަސައްކަތް ކުރައްވާނެ ކަމަށް --- ފޮޓޯ: އަދަދު


ޕީއެންސީ އިން ވަކިކޮށްފިނަމަ އަޒާން އަނބުރާ މަޖިލީހަށް ހޮވައިދޭން މަސައްކަތް ކުރާނެ ކަމަށް ޔާމީނުވެސް ވިދާޅުވެއްޖެ

28 ފެބުރުވަރީ 2025 - 16:55 0

ވެރިކަންކުރާ ޕީއެންސީން ވަކިކުރާނެ ކަމުގެ އަޑުގަދަ ވެފައިވާ ހިތަދޫ މެދެ ދާއިރާގެ މެންބަރު އަހުމަދު އަޒާނުގެ ގޮނޑި ގެއްލޭ ހާލަތެއްގައި އޭނާ އަނބުރާ މަޖިލީހަށް އިންތިހާބު ކުރުމަށް ފުރިހަމަ އެހީތެރިކަން ދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން އަޒާން ވަކިކުރަން އުޅޭ އަޑުތައް ގަދަވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން މަޖިލީހުން ފާސްކުރި ބިލާ އޭނާ ދެކޮޅު ހެދުމުންނެވެ. އަޒާން ވަނީ ދެ ފަހަރެއްގެ މަތިން ޕީއެންސީގެ ތްރީ ލައިން ވިޕާ ހިލާފުވެފަ އެވެ.

މިކަމާ ގުޅިގެން ރޭ ވާހަކަދައްކަވަމުން ޔާމީނު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައިވެސް އެމަނިކުފާނު އަޒާނު ހޮވުމަށް މަސައްކަތްތަކެއް ކޮށްދެއްވި ކަމަށެވެ. އަދި މިފަހަރުވެސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޒާން ހަނދާން ހުންނާނެ ކުރީގަވެސް އަޅުގަނޑު އޭނައަށް މަސައްކަތް ކޮށްދިނިން އިންތިހާބުގަ. މިފަހަރު އެޔަށްވުރެ ވަރުގަދައަށް މަސައްކަތް ކޮށްދޭނަން،" އަލަށް އުފައްދަވައިގެން އުޅޭ ޕީއެންއެފް ގެ ރޭގެ ޖަލްސާގައި ޔާމީނު ވިދާޅުވި އެވެ.

ނަމަވެސް މި ހާލަތަށް މަޖިލިސް މެންބަރުން ދިޔައީ އަޒާނަށްވެސް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަން ޔާމީނު ރޭ ފާހަގަކުރެއްވި އެވެ.

އަޒާނުގެ ގޮނޑިއާމެދު ސުވާލު އުފެދިފައިވަނިކޮށް އެ ދާއިރާގެ ބައި-އިލެކްޝަނެއްގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޕާޓީގެ ލީޑަޝިޕުގައި އެދިވަޑައިގެންފަ އެވެ.

ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިނުވުމާ ގުޅިގެން އަޒާނަށް ރައީސް މުއިއްޒު ވަނީ ނުރުހުން ފާޅުކުރައްވާ ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕަށް އަންގާރަ ދުވަހު މެސެޖެއްވެސް ފޮނުއްވާފަ އެވެ. އޭގެ ފަހުން އަޒާން އެ ގްރޫޕުން ބޭރުކޮށްލި އެވެ.

ނަމަވެސް، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒާނު ވަކިކުރުމާ މެދު ޕީއެންސީގެ އިސްވެރިންގެ ތެރެއިން ބައެއް އޮފިޝަލުން ދެކޮޅެވެ. އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން ދެކިލައްވާ ގޮތުގައި އަޒާނު ވަކިކުރުން ވެގެންދާނީ ރައީސް މުއިއްޒު "އަޅާނެ އެންމެ ޅަ އެއްޗަށް" ކަމަށެވެ.

އަޒާނުގެ ގޮނޑި ގެއްލިގެން ބާއްވާ ބައި-އިލެކްޝަނެއްގައި އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ވެސް އޭނާއަށް ތާއީދުކުރާނެ ކަމަށް ބެލެވެ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އެ ފަދަ ގަރާރެއް ފާސްކޮށްފަ އެވެ.

ޑިސެމްބަރު 10، 2024 ގައި ކާނިވާ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހަށް ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދު ހުށަހަޅުއްވައި މެންބަރުންގެ އިއްތިފާގުން ފާސްވި އެ ގަރާރުގައިވާ ގޮތުން ރައްޔިތުންގެ މަސްލަހަތުގައި އެމްޑީޕީން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، އެ މެންބަރު ނިސްބަތްވާ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅުމުން ގޮނޑި ގެއްލުމުން ވެސް އެ މެންބަރަކު އަލުން އިންތިހާބު ކުރުމަށް އެހީވާންޖެހޭނެ އެވެ.