27 ފެބުރުވަރީ 2025 - 13:05 5
ލީވާން އަލީ ނާސިރު
ހޯލްސޭލްކޮށް މުދާ ވިއްކާ ތަނެއްގައި މީހަކު މަޑުކޮށްލައިގެން: ކާބޯތަކެތީގެ ކޮންމެ އިސްތިހާރެއް ފާސްކޮށް ފައިސާ ދައްކަން ޖެހޭތީ ކުދި ވިޔަފާރިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އަދަދު ފައިލް
27 ފެބުރުވަރީ 2025 - 13:05 5
ކާބޯތަކެތީގެ ކޮންމެ އިޝްތިހާރެއް ފާސްކޮށް ފައިސާ ދައްކަން ޖެހޭ ގޮތަށް ކާބޯތަކެތި އިސްތިހާރު ކުރުމާ ބެހޭ ގަވާއިދު އެކުލަވާލުމުން ކުދި ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ގަވާއިދު ބުނާ ގޮތުން އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރު ކުރުމުގެ ކުރިން އެ އިޝްތިހާރެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ހުށަހަޅައި ރަޖިސްޓްރީކޮށް ހުއްދަ ނެގުން މަޖުބޫރެވެ.
ގަވާއިދުގައި ބުނާ ގޮތުން އިސްތިހާރު ކުރުމަށް ކޮންމެ އޯޑިއޯ ނުވަތަ ވީޑިއޯ އިޝްތިހާރަކަށް 1،500ރ. ނަގާނެ އެވެ. އަދި ވީޑިއޯ ނުވަތަ އޯޑިއޯ ނޫން އިޝްތިހާރުތަކަށް 1،000ރ. ނަގާނެ އެވެ.
ނަމަވެސް ފާސްކުރުމަށް ހުށަހަޅާ އިޝްތިހާރަކީ ކާބޮނޭޓަށް ޑްރިންކްސް ނުވަތަ އެނާޖީ ޑްރިންކްސް ނަމަ އެއީ، ކޮންމެ މީޑިއަމެއްގެ އިސްތިހާރެއް ކަމަށްވިޔަސް އެ އިޝްތިހާރުގެ ފީއަކީ 3،000ރ. ކަމަށް ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ.
އަދަދު އާ ވާހަކަ ދެއްކި ކުދި ވިޔަފާރިކުރާ މީހަކު ބުނީ ސަރުކާރުގެ ކޮންޓްރޯލުގެ ދަށުން އިޝްތިހާރުތައް ފާސްކުރަން ޖެހި، ފައިސާ ދައްކައިގެން އެކަން ކުރަން ޖެހޭތީ ކަންބޮޑުވާ ކަމަށެވެ.
"އެއީ ރޯދަ ވީއްލުމުގެ މެނޫއެއްވިޔަސް، ޓޮމާޓޯ ދަޅެއް ވިޔަސް، ޖޫސް ޕެކެޓެއް ވިޔަސް ލާރި ދީގުގެން އިސްތިހާރު ފާސް ކުރެވޭނީ. ނޫނީ އަވަސް ވެސް ކުރެވޭނީ. އެއްވެސް އެއްޗެއް ދެން އިޝްތިހާރު ކުރެވޭނީ ސަރުކާރުގެ ކޮންޓްރޯލުގެ ދަށުން،" އޭނާ ބުންޏެވެ.
ކުދި ވިޔަފާރިވެރި ކުރާ އިތުރު މީހަކު ބުނީ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ މިހާރު ވެސް އިތުރު ކަމަށާއި އިޝްތިހާރު ކުރުމަށް ވެސް އިތުރު ފީއެއް ދައްކަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ކާބޯތަކެތި މިހާރު ވެސް ވިއްކާ އަގު ބޮޑު. އެއީ ވެސް ސަރުކާރަށް ދައްކަން ޖެހޭ ފައިސާތައް ގިނަވީމަ. އަނެއްކާ ކާބޯތަކެތި އިޝްތިހާރުކުރަން އިތުރަށް ފީއެއް ދައްކަން ޖެހުމަކީ ކުރާ ހަރަދު އިތުރުވެގެންދާނެ ކަމެއް. އަދި އެ ޕްރޮސެސް ވެސް އިންތިހާއަށް ސްލޯވެގެންދާނެ ކަމަށް ބެލެވޭ،" އޭނާ ބުންޏެވެ.
ގަވާއިދުގެ ދަށުން އަމަލުކުރަން އަންގާފައިވާ ގަވާއިދާ ހިލާފަށް އެއްވެސް ތަނަކުން ކޮށްފިނަމަ، އެ ކުށެއްގެ ކުޑަ ބޮޑުމިނަށް ބަލައި ފުރަތަމަ ޖޫރިމަނާ ކުރަނީ 10،000ރ. އިންނެވެ. ކުށް ތަކުރާރުކޮށްފި ނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރާއިރު، ތިންވަނައަށް ކުށް ތަކުރާރު ކޮށްފިނަމަ ތިން ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
މީގެ އިތުރުން ތިން ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރު ކޮށްފި ނަމަ ކޮންމެ ފަހަރަކު ފަސްލައްކަ ރުފިޔާއިން ކޮންމެ ފަހަރަކު ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.
ކާބޯތަކެތީގެ އިޝްތިހާރު ކުރުމުގެ ހުއްދައިގެ މުއްދަތަކީ ތިން އަހަރު ދުވަސް ކަމަށްވާއިރު، ތިން އަހަރު ހަމަވުމުން އަނެއްކާ ވެސް އެ ހުއްދަ އައު ކުރަން ޖެހޭނެ އެވެ. އަދި ހުއްދައިގެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން ހުއްދަ އައު ކުރަން ހުށަހަޅަން ޖެހެ އެވެ.
ކާބޯތަކެތީގެ ބާވަތްތައް އިސްތިހާރު ކުރެވޭނީ ހަމައެކަނި ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ކަމަށް ބަޔާންކޮށް، އެ ނޫން އެއްވެސް ބަހަކުން އިޝްތިހާރު ކުރުމަކީ މަނާ ކަމެއް ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
ގަވާއިދު ބުނާ ގޮތުން އެނާޖީ ޑްރިންކްސް އާއި ސޮފްޓް ޑްރިންކްސް ނުވަތަ ކާބޮނޭޓް ޑްރިންކްސް އާއި ފުޑް ސަޕްލިމެންޓްސް އާއި އެ ނޫން ވެސް ކާބޯތަކެތި އިޝްތިހާރު ކުރެވޭނީ ހަމައެކަނި އޯޑިއޯ އާއި ވީޑިއޯ އިޝްތިހާރުންނެވެ. މިގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ބިލްބޯޑުތަކުގައި އެފަދަ ކާބޯތަކެތި އިޝްތިހާރު ކުރުން މަނާވާނެ އެވެ.
Comment