Advertisement

ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ މަޝްރޫއުތައް ބިޑަކަށް ނުލާ ބޭނުން ބަޔަކަށް ހަވާލު ކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

26 ފެބުރުވަރީ 2025 - 19:56 0

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ކުރިން ގަވާއިދު އިން ގޮތުން ބިޑަކާ ނުލައި ހަވާލު ކުރާ މަޝްރޫއުތައް ކަނޑައެޅުމުގެ ބާރު ވަޒީރުންގެ މަޖިލީހަކަށް ނުލިބޭ -- ފޮޓޯ: އަދަދު ފައިލް


ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ މަޝްރޫއުތައް ބިޑަކަށް ނުލާ ބޭނުން ބަޔަކަށް ހަވާލު ކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

26 ފެބުރުވަރީ 2025 - 19:56 0

ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ކަމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ ބާވަތްތަކުގެ މަޝްރޫއުތައް ހިންގަން ބިޑަކާ ނުލައި ބޭނުން ބަޔަކަށް ހަވާލު ކުރެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.

މާލިއްޔަތުގެ ގަވާއިދަށް މިއަދު ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ވަކި މަޝްރޫއުއަކީ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ މަޝްރޫއެއް ކަމަށް ކަނޑައަޅައިފި ނަމަ ބިޑަކާ ނުލައި އެ މަސައްކަތް ހަވާލު ކުރެވޭނެ ކަމަށެވެ.

"އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތަކުގެ ގޮތުގައި ކަމާ ގުޅޭ ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތައް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ކުރިއަށް ގެންދެވިދާނެ،" އެ އިސްލާހުގައި ބުނެފައިވެ އެވެ.

ބިޑަކަށް ނުލައި މަޝްރޫއުތައް ހަވާލު ކުރެވޭނެ އަދި ތަކެތި ހޯދޭނެ އުސޫލެއް މީގެ ކުރިން ވެސް މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެކަމަކު، ބިޑަކަށް ނުލާ މަސައްކަތް ހަވާލު ކުރެވޭނެ މަޝްރޫއުތައް ކަނޑައެޅުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދީފައެއް ނޯވެ އެވެ.

ކުއްލި ހާލަތްތަކާއި އެއް ފަރާތުން ނޫނީ ލިބެން ހުރި ހިދުމަތާއި މުދާ ހޯދުމުގައި ގައުމީ ސަލާމަތީ ކަންކަމުގައި ބިޑަކާ ނުލައި މީގެ ކުރިން ވެސް މަސައްކަތް ހަވާލު ކުރެވެ އެވެ.

މިއަދު ގެޒެޓު ކުރި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އިސްލާހުގެ ގެނައުމުގެ މާއްދާއަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ. އެ އިސްލާހު ގެޒެޓު ކުރީ ފިނޭންސް މިނިސްޓްރީއިންނެވެ.